Roadha Mihaaru
ވިވިއަންގެ އާ ސިލްސިލާ އަކީ "ސިރުފް ތުމް"

ވިވިއަންގެ އާ ސިލްސިލާ އަކީ "ސިރުފް ތުމް"

12 އޮކްޓޯބަރ 2021

ކަލާޒް ޗެނެލްގެ ސިލްސިލާތައް ކަމަށްވާ "ޝަކްތީ: އަސްތިތުވާ ކޭ އެހްސާސް ކީ" އާއި "މަދޫބާލާ" ފަދަ ސިލްސިލާތައް ކުޅުނު އެކްޓަރު ވިވިއަން ޑިސޭނާގެ އާ ސިލްސިލާ "ސިރުފް ތުމް" ގެ ފުރަތަމަ ޕްރޮމޯ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަލާޒް ޗެނެލްގެ ސިލްސިލާތައް ކަމަށްވާ "ޝަކްތީ: އަސްތިތުވާ ކޭ އެހްސާސް ކީ" އާއި "މަދޫބާލާ" ފަދަ ސިލްސިލާތައް ކުޅުނު އެކްޓަރު ވިވިއަން ޑިސޭނާގެ އާ ސިލްސިލާ "ސިރުފް ތުމް" ގެ ފުރަތަމަ ޕްރޮމޯ ދައްކާލައިފި އެވެ.

މީޑިއާތަކުން ކުރިން ވެސް ރިޕޯޓްކޮށްފައިވާ ގޮތަށް ރޮމޭންޓިކް ޑްރާމާއެއްގެ ގޮތުގައި ގެނެސްދޭ ސިލްސިލާގެ ބަތަލާ އަކީ ޒީޓީވީން ގެނެސްދިން "އިޝްގް ސުބާނަﷲ" ކުޅުނު އެއިޝާ ސިންގް އެވެ. އޭނާ އާއި ވިވިއަންއާ އެކު "ސިރުފް ތުމް" ގެ ޕްރޮމޯ ދައްކާލާފައި ވަނީ ފެނާއި އަލިފާނާ އޮތް ގުޅުން ސިފަކޮށް ދެމުންނެވެ.

މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި މި ސިލްސިލާގައި ވިވިއަންގެ ކެރެކްޓާ އަކީ ޝާހިދު ކަޕޫރްގެ 2019 ގެ ފިލްމު "ކަބީރު ސިންގް" ގައި އޭނާ ކުޅުނު ކަހަލަ "އެގްރެސިވް" ކެރެކްޓާއެކެވެ. ވިވިއަންގެ ކެރެކްޓާގެ ނަމަކީ ރަންވީރް އެވެ. އެއިޝާގެ ކެރެކްޓާގެ ނަމަކީ ސުހާނީ އެވެ.

"ސިރުފް ތުމް" އަކީ މި ދެ ތަރިން އެކީގައި ސިލްސިލާއަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.

ބައެއް މީޑިއާތަކުން ބުނީ ސިލްސިލާ ގެނެސްދޭން ފަށާނީ ކަލާޒް އިން މިހާރު ގެނެސްދެމުން އަންނަ "ބަރިސްތަރު ބާބޫ" ނިންމައިލުމަށް ފަހު، އެ ދައްކާ ގަޑީގައި ކަމަށެއެވެ. ދާދި ފަހުން ވާހަކަ އަށް ބޮޑު ލީޕެއް ވެސް ގެނައި އެ ސިލްސިލާ އަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ދައްކަމުން އަންނަ އެއްޗެކެވެ.

ވިވިއަން ކަލާޒްގެ "ސިރުފް ތުމް" އިން ބެލުންތެރިންނާ މި ބައްދަލު ކުރަން ތައްޔާރު މި ވަނީ އެ ޗެނެލްގެ "ޝަކްތީ" އިން އޭނާ ވަކިވިތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.