Roadha Mihaaru
"ގަސަމް: ތޭރޭ ޕިޔާރު ކީ" ވެސް ދެވަނަ ސީޒަނަކަށް

އެކްތާގެ ސިލްސިލާ "ގަސަމް: ތޭރޭ ޕިޔާރު ކީ" ވެސް ދެވަނަ ސީޒަނަކަށް

01 ސެޕްޓެމްބަރ 2021

އިންޑިއާގެ ސިލްސިލާތަކުގެ ރާނީ އެކްތާ ކަޕޫރް ކުރިން ގެނެސްދީފައި ހުރި ބައެއް ސިލްސިލާތަކުގެ އިތުރު ސީޒަންތަކެއް އާ ކާސްޓުންނާ އެކު ގެނެސްދޭން އަރާފައިވާ ފޯރީގެ ތެރެއިން އަނެއްކާ ވެސް އޭނާގެ މަގުބޫލު ސިލްސިލާއެއްގެ ދެވަނަ ސީޒަނަކަށް ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ސިލްސިލާތަކުގެ ރާނީ އެކްތާ ކަޕޫރް ކުރިން ގެނެސްދީފައި ހުރި ބައެއް ސިލްސިލާތަކުގެ އިތުރު ސީޒަންތަކެއް އާ ކާސްޓުންނާ އެކު ގެނެސްދޭން އަރާފައިވާ ފޯރީގެ ތެރެއިން އަނެއްކާ ވެސް އޭނާގެ މަގުބޫލު ސިލްސިލާއެއްގެ ދެވަނަ ސީޒަނަކަށް ތައްޔާރުވާން ފަށައިފި އެވެ.

ޓެލީ ޗައްކަރުން ބުނި ގޮތުގައި މިހާރު އިތުރު ސީޒަނެއް ގެނެސްދޭން މަސައްކަތްކުރަނީ ކަލާޒް އިން 2016-2018 އަށް ގެނެސްދިން "ގަސަމް: ތޭރޭ ޕިޔާރު ކީ" ގެ އެވެ. އެ ސިލްސިލާ އަކީ ޝަރަދު މަލްއުތުރާ އާއި ކްރަތިކާ ސެންގާރް ލީޑް ރޯލު ކުޅުނު އެއްޗެކެވެ.

ބޮޑު ކާސްޓަކާ އެކު ގެނެސްދިން "ގަސަމް: ތޭރޭ ޕިޔާރު ކީ" ގެ 623 އެޕިސޯޑް ދައްކާފައިވެ އެވެ.

ޓެލީ ޗައްކަރުން ބުނީ މީގެ ދެވަނަ ސީޒަނެއްގެ ހަދަން ނިންމައި އެކްތާގެ ބާލާޖީ ޓެލެފިލްމްސް އާއި ކަލާޒް އިން މިހާރު ވަނީ މިކަމާ ބެހޭ ގޮތުން މަޝްވަރާ ވެސް ކޮށްފަ އެވެ. އެހެންވެ ވަރަށް އަވަހަށް "ގަސަމް: ތޭރޭ ޕިޔާރު ކީ" ގެ ދެވަނަ ސީޒަން އިއުލާންކުރާނެ އެވެ. އެކަމަކު ފުރަތަމަ ސީޒަންގެ ލީޑް ތަރިން ދެވަނަ ސީޒަނުން ފެންނާނެ ކަމެއް ސާފެއް ނުވެ އެވެ.

އޭގެ ބަތަލު ޝަރަދަކީ ކަލާޒް މި އަހަރު ކުރީކޮޅު ނިންމައިލި އެކްތާ ސުޕަނެޗްރަލް ސިލްސިލާ "ނާގިން 5" ގެ ބަތަލެވެ.

އެކްތާ ކުރިން ގެނެސްދިން ސިލްސިލާތަކުގެ ތެރެއިން އެންމެ ފަހުން ދެވަނަ ސީޒަނެއް އާ ކާސްޓަކާ އެކު ދައްކަން ފެށީ މިދިޔަ ހޯމަ ދުވަހުގެ ރޭ ސޮނި ޓީވީން ފެށި "ބަޅޭ އައްޗޭ ލަގްތޭ ހޭ 2" އެވެ. އޭގެ ތަރިންނަކީ ނަކުލް މެހެތާ އާއި ޑިޝާ ޕަރްމަރެވެ.

މިދިޔަ އަހަރު ސްޓާ ޕްލަސް އިން ވަނީ "ކަސޯޓީ ޒިންދަގީ ކޭ" އާ ސީޒަން ނިންމާލައިފަ އެވެ. އޭގެ ލީޑް ކުޅުނީ ޕާތް ސަމްތާނާއި އެރިކާ ފެނަންޑޭޒެވެ.

ޒީޓީވީން ގެނެސްދިން އެކްތާގެ "ޕަވިތުރަ ރިޝްތާ" ގެ އާ ސީޒަނެއް ވެސް ވަރަށް އަވަހަށް އޯލްޓް ބާލާޖީ އާއި ޒީ5 އިން ސްޓްރީމްކުރަން ފަށާނެ އެވެ. އޭގެ ތަރިންނަކީ ފުރަތަމަ ސީޒަންގެ ބަތަލާ އަންކިތާ ލޯކަންދޭ އާއި ސޮނީން މިހާރު ތިން ވަނަ ސީޒަނަކަށް ދައްކާ "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" ގެ ބަތަލު ޝަހީރު ޝައިހެވެ.

"ޕަވިތުރަ ރިޝްތާ" އަކީ މިދިޔަ އަހަރު ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަޝްހޫރުވި ސިލްސިލާ އެވެ.