Roadha Mihaaru
އަރުޖުން "ބިގް ބޮސް 15" ގައި ވާދަކުރާނެ

އަރުޖުން "ބިގް ބޮސް 15" ގައި ވާދަކުރާނެ

27 ޖުލައި 2021

ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 15 ވަނަ ސީޒަނުގައި ވާދަކުރާނެކަން އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު އަރުޖުން ބިޖްލާނީ ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 15 ވަނަ ސީޒަނުގައި ވާދަކުރާނެކަން އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު އަރުޖުން ބިޖްލާނީ ކަށަވަރުކޮށް ދީފި އެވެ.

އޭނާއާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ އިން ބުނީ ޝޯ އަށް އެއްބަސްވީ ޑިމާންޑްކުރި އަގު ދޭން ޝޯގެ ޓީމުން އެއްބަސްވުމުން ކަމަށާއި އެކަމާ ހިތްހަމަޖެހިފައި ހުރި ކަމަށެވެ. މިއާ އެކު އޭނާ ވެފައި ވަނީ "ބިގް ބޮސް 15" ގައި ވާދަކުރާނެކަން ކަށަވަރުވި ފުރަތަމަ ސެލެބްރިޓީއަށް ކަމަށް މީޑިއާތަކުން ބުންޏެވެ.

"އިޝްގް މޭ މަރުޖާވާ އާއި "ނާގިން" އަދި "ޕަރުދޭސް މޭ ހޭ މޭރާ ދިލް" ފަދަ ސިލްސިލާތައް ކުޅުމުގެ އިތުރުން "ޑާންސް ދިވާނޭ" އާއި "ކިޗެން ޗެމްޕިއަން" ފަދަ ޝޯތައް ހޯސްޓްކޮށް އަދި ޑާންސް ޝޯ "ޖަލަކް ދިލްކާލާ" ގައި ވެސް ވާދަކޮށްފައިވާ އަރުޖުން 38، އަކީ މިހާރު ކަލާޒް އިން ދައްކާ "ހަތުރޯން ކޭ ކިލާޅީ 11" ގެ ބައިވެރިއެކެވެ.

އޭނާ އަކީ 2016 ގެ ފިލްމު "ޑައިރެކްޓް އިޝްގް" ގައި ވެސް މަސައްކަތްކުރި އެކްޓަރެކެވެ.

ސަލްމާން ޚާން ހޯސްޓްކުރާ "ބިގް ބޮސް" ގެ އާ ސީޒަން ކަލާޒް އިން ގެނެސްދޭނެ އިރެއް އަދި އިއުލާންނުކުރެ އެވެ. ނަމަވެސް މި ޝޯގެ ޑިޖިޓަލް ވާޝަނެއް "ބިގް ބޮސް އޯޓީޓީ" ގެ ނަމުގައި އަންނަ މަހުގެ 8 ގައި ކަލާޒްގެ ސްޓްރީމިން ޕްލެޓްފޯމް ވޫޓް އިން ގެނެސްދޭން ފަށާނެ އެވެ. އޭގެ ހޯސްޓަކީ ކަރަން ޖޯހަރެވެ.