Roadha Mihaaru
"ބިގް ބޮސް އޯޓީޓީ" ހޯސްޓްކުރަން ކަރަން

"ބިގް ބޮސް އޯޓީޓީ" ހޯސްޓްކުރަން ކަރަން

25 ޖުލައި 2021

ސަލްމާން ޚާން ހޯސްޓްކުރާ ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 15 ވަނަ ސީޒަން ކުރިއަށް އޮއްވައި މި ޝޯގެ ޑިޖިޓަލް ވާޝަނެއް ކަލާޒްގެ ޑިޖިޓަލް ޕްލެޓްފޯމް ވޫޓް އިން އަންނަ މަހުގެ ގެނެސްދޭން ނިންމައި، އޭގެ ހޯސްޓަކަށް ކަރަން ޖޯހަރް ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަލްމާން ޚާން ހޯސްޓްކުރާ ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 15 ވަނަ ސީޒަން ކުރިއަށް އޮއްވައި މި ޝޯގެ ޑިޖިޓަލް ވާޝަނެއް ކަލާޒްގެ ޑިޖިޓަލް ޕްލެޓްފޯމް ވޫޓް އިން އަންނަ މަހުގެ ގެނެސްދޭން ނިންމައި، އޭގެ ހޯސްޓަކަށް ކަރަން ޖޯހަރް ހަމަޖައްސައިފި އެވެ.

ކަރަން ބުނި ގޮތުގައި އޭނާ ޝޯ ހޯސްޓްކުރަން ހަވާލުވީ މަންމަ ހީރޫ ޖޯހަރަކީ އަބަދު ވެސް "ބިގް ބޮސް" ގެ ވަރަށް ބޮޑު ފޭނަކަށްވެފައި، ކަރަން އެ ޝޯ ހޯސްޓްކުރުމަކީ މަންމަގެ ހުވަފެނަކަށްވާތީ އެކަން ހަގީގަތަކަށް ހަދައި ދިނުމުގެ ގޮތުންނެވެ.

ޝޯ ހޯސްޓްކުރަން ހަވާލުވި އިރު އޭނާ އަންނަނީ ޑައިރެކްޓްކުރަން ތައްޔާރުވަމުން އަންނަ އާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޝޫޓިން ފެށުމަށް ވެސް ތައްޔާރުވަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން "ބިގް ބޮސް އޯޓީޓީ" ގައި ކަރަން ހަ ހަފުތާ ވަންދެން ބައިވެރިވާނެ އެވެ.

އެ ޝޯ ސްޓްރީމްކުރަން ފަށާނީ އަންނަ މަހުގެ 8 ގަ އެވެ. މީގެ ޕްރޮމޯއެއް ސަލްމާން ހިމަނައިގެން ވެސް ހުކުރު ދުވަހު ގެނެސްދީފައިވެ އެވެ. އޭގައި ފެންނަނީ އޭނާ ގަދަޔަށް ހެނިކޮށެވެ.

ނަމަވެސް "ބިގް ބޮސް އޯޓީޓީ" އަކީ އަދި ކިހިނެއްވާން އުޅޭ އެއްޗެއް ކަމެއް ސާފެއް ނުވެ އެވެ. ބައެއް މީޑިއާތަކުން ބުނި ގޮތުގައި ޑިޖިޓަލް ޝޯ ގެނެސްދިނުމަށް ފަހު މި އަހަރުގެ ފަހުކޮޅު އެ ޝޯ "ބިގް ބޮސް 15" ގެ ގޮތުގައި ސަލްމާނާ އެކު ކަލާޒް ޗެނަލަށް ގެންނާނެ އެވެ. އެކަމަކު މި ފަހަރުގެ ޝޯއިން ފެންނާނެ ބައިވެރިންނަކީ ކޮބައިކަމެއް އަދި ނޭނގެ އެވެ. ޓީވީ އިންޑަސްޓްރީގެ މަޝްހޫރު ބައެއް ސެލެބްރިޓީންނަށް "ބިގް ބޮސް 15" ހުށަހަޅާފައިވެ އެވެ.

ކަލާޒް އިން ޝޯ ގެނެސްދޭނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ނުވަތަ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެވެ. "ބިގް ބޮސް" ކަލާޒް އިން ގެނެސްދޭ އިރު، އޭގެ އެޕިސޯޑްތައް ކުރިން ވެސް ވޫޓް އިން ސްޓްރީމްކުރެ އެވެ.

މި އަހަރުގެ ފެބްރުއަރީގައި "ބިގް ބޮސް 14" ނިންމައިލި އިރު ޝޯ ކާމިޔާބުކުރީ ޓީވީ ބަތަލާ ރުބީނާ ދިލައިކެވެ.