Roadha Mihaaru
"ބިގް ބޮސް 15" ފަސް މަހަށް ދެމިގެންދާނެ

"ބިގް ބޮސް 15" ފަސް މަހަށް ދެމިގެންދާނެ

26 ސެޕްޓެމްބަރ 2021

އަންނަ މަހުގެ 2 ގައި ދައްކަން ފަށާ ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 15 ވަނަ ސީޒަން މި ފަހަރު ފަސް މަސް ދުވަހަށް ދެމިގެން ހިނައިދާނެ ކަމަށް އެ ޝޯގެ ހޯސްޓް ސަލްމާން ޚާން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހުގެ 2 ގައި ދައްކަން ފަށާ ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 15 ވަނަ ސީޒަން މި ފަހަރު ފަސް މަސް ދުވަހަށް ދެމިގެން ހިނައިދާނެ ކަމަށް އެ ޝޯގެ ހޯސްޓް ސަލްމާން ޚާން ބުނެފި އެވެ.

އާ ސީޒަން ގެނެސްދިނުން ކުޑަތަންވަމުން އަންނަ އިރު، މި ފަހަރު ޝޯ އަކީ ކުރީގެ ސީޒަންތަކާ ހިލާފަށް އާ ކަންތައްތަކެއް ފެނިގެންދާނެ ސީޒަނެއް ކަމަށް ވެސް ސަލްމާން ބުންޏެވެ. "ބިގް ބޮސް 15" ގެނެސްދޭން ހަަމަޖެހިފައި ވަނީ ޖަންގަލީގެ ތީމަކަށެވެ. އެހެންވެ ބިގް ބޮސްގެ ރަސްމީ ގެއަށް ވަނުމުގެ ފުރުސަތު، ބައިވެރިންނަށް ލިބޭނީ ޖަންގަލިތެރޭގެ އުނދަގޫ ދަތުރަކަށް ފަހު އެވެ.

ސަލްމާން ބުނީ އޭނާ ހުރީ އާ ސީޒަނާ ދޭތެރޭ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި ފަސް މަހަށް ޝޯ ދެމިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. "ބިގް ބޮސް" އަކީ ކުރިން ތިން މަހަށް ބައިވެރިން އެއް ގެއެއްގެ ތެރޭގައި ގެންގުޅޭ ޝޯއެކެވެ. އެކަމަކު މި ފަހުގެ ބައެއް ސީޒަންތައް ވަރަށް ބޮޑަށް ދިގުލައިގެން ދިޔަ އެވެ.

އެގޮތުން ރޫބީނާ ދިލައިކް ކާމިޔާބުކުރި 14 ވަނަ ސީޒަނަކީ އެންމެ ދިގުކޮށް ގެނެސްދިން ސީޒަނެވެ. ޖުމްލަ 142 އެޕިސޯޑް ގެނެސްދިން ސީޒަން އޮކްޓޯބަރު 3، 2020 ގައި ފަށައި ނިންމާލީ ފެބްރުއަރީ 21، 2021 ގަ އެވެ.

ދެން އެންމެ ދިގުކޮށް ގެނެސްދިނީ ދާދި ފަހުން ހާޓްއެޓޭކެއް ޖެހިގެން މަރުވި ސިދާތު ޝުކްލާ ކާމިޔާބުކުރި ސީޒަން 13 އެވެ. ސެޕްޓެމްބަރު 29، 2019 ގައި ފެށި އެ ސީޒަން 139 އެޕިސޯޑާ އެކު ނިންމީ ފެބްރުއަރީ 15، 2020 ގަ އެވެ.

"ބިގް ބޮސް 15" އަންނަ މަހުގެ 2 ވަނަ ދުވަހުގެ ރޭ ފަށާ އިރު އަދިވެސް ޝޯގައި ސީދާ ބައިވެރިވާނެ ސެލެބްރިޓީންނަކީ ކޮބައިކަން މުޅިއަކުން ކަށަވަރެއް ނުވެ އެވެ. އެކަމަކު ކަލާޒްގެ ސްޓްރީމިން ޕްލެޓްފޯމް ވޫޓް އިން މި މަހުގެ 17 ގައި ނިންމައިލި "ބިގް ބޮސް ވޫޓް" ގެ ބައެއް ބައިވެރިން ވެސް ކަލާޒްގެ ޝޯ އިން ފެންނާނެ އެވެ. އޭގެ ތެރޭގައި ބަތަލާ ޝަމީތާ ޝެޓީ އާއި ކޮރިއޮގްރާފަރު ނިޝާންތު ބަޓާއި ސީޒަން 13 ގައި ވާދަކުރި އާސިމް ރިއާޒްގެ ބޭބެ އުމަރު ރިއާޒާއި ޑޯނަލް ބިޝްޓް ހިމެނެ އެވެ.