Roadha Mihaaru
ޝިވާންގީއާ އެކު "ބަލިކާ ވަދޫ 2" ގެ ޕްރޮމޯއެއް

ޝިވާންގީއާ އެކު "ބަލިކާ ވަދޫ 2" ގެ ޕްރޮމޯ ދައްކަން ފަށައިފި

28 ނޮވެމްބަރ 2021

ސްޓާ ޕްލަސްގެ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން މިދިޔަ މަހުގެ ތެރޭގައި ވަކިވި ބަތަލާ ޝިވާންގީ ޖޯޝީއާ އެކު ކަލާޒްގެ ސިލްސިލާ "ބަލިކާ ވަދޫ" ސީޒަން ދޭއްގެ ޕްރޮމޯ ދައްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޓާ ޕްލަސްގެ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން މިދިޔަ މަހުގެ ތެރޭގައި ވަކިވި ބަތަލާ ޝިވާންގީ ޖޯޝީއާ އެކު ކަލާޒްގެ ސިލްސިލާ "ބަލިކާ ވަދޫ" ސީޒަން ދޭއްގެ ޕްރޮމޯ ދައްކަން ފަށައިފި އެވެ.

ކުރީގެ ސިލްސިލާ ދޫކޮށްލުމަށް ފަހު ޒުވާން ބަތަލާ މަސައްކަތްކުރާ ފުރަތަމަ ސިލްސިލާ އިން އޭނާ ފެންނަން ފަށާނީ އަންނަ މަހުގެ 1 އިން ފެށިގެންނެވެ. "ބަލިކާ ވަދޫ 2" ގައި ޝިވާންގީ، 26، ފެންނާނީ އޭގެ މައި ކެރެކްޓާ އާނަންދީގެ ޒުވާން އުމުރުގެ ރޯލުންނެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ދައްކަން ފެށި ސިލްސިލާގެ ވާހަކަ އަށް ބޮޑު ލީޕެއް ގެންނަ އިރު، ޝިވާންގީގެ ކެރެކްޓާއާ އެކު، ވާހަކަ ދެން ބަދަލުވެގެން ދާނީ ތިނެސްކަން ލޯބީގެ ވާހަކައަކަށެވެ. އެގޮތުން "ބަލިކާ ވަދޫ 2" އިން ޝިވާންގީއާ އެކު ދެ އެކްޓަރުން ވެސް މުހިއްމު ރޯލުތަކެއް ކުޅޭނެ އެވެ. އެއީ ރަންދީޕް ރާއީ އާއި ސަމްރިދު ބާވާ އެވެ.

"ބަލިކާ ވަދޫ" ގައި އާނަންދުގެ ރޯލުން ފެންނާނެ ރަންދީޕް، 28، އަކީ "ޔޭ އުންދިނޯ ކޭ ބާތު ހޭ" އާއި "ސަރޯޖް ކާ ރިޝްތާ" ފަދަ ސިލްސިލާތަކުން ފެނިފައިވާ އެކްޓަރެކެވެ. ޖިގަރްގެ ކެރެކްޓާ ކުޅޭ ސަމްރިދު، 31، އަކީ "ލާލް އިޝްގް" އާއި "ކިޔާ ހުއާ ތޭރާ ވާދާ" ފަދަ ސިލްސިލާތައް ކުޅުނު އެކްޓަރެވެ.

ދެހާސް ސޯޅައިން ފެށިގެން "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ނައިރާގެ ރޯލު ކުޅެމުން އައި ޝިވާންގީ އެއިން ވަކިވީ އޭގެ ވާހަކަ އަށް ގެންނަން ނިންމި ބޮޑު ލީޕާ އެކު ބޮޑެތި ދަރިންތަކެއްގެ މައެއްގެ ރޯލު ކުޅެން ޖެހުމުންނެވެ. އޭނަގެ އިތުރުން ސިލްސިލާގެ ބަތަލު ކާތިކްގެ ރޯލު ކުޅެމުން އައި މުހުސިން ޚާން ވެސް އެއިން ވަކިވެފައިވެ އެވެ.

އޮގަސްޓް 9 ގައި ދައްކަން ފެށި "ބަލިކާ ވަދޫ 2" ގެ 78 އެޕިސޯޑް މިހާތަނަށް ގެނެސްދީފައިވެ އެވެ. ކުޑަކުދިން ކައިވެނި ކުރުވާ މައްސަލަ އަށް ބިނާކޮށް ހަދާފައިވާ މީގެ ފުރަތަމަ ސީޒަނަކީ 2008-2016 އަށް ގެނެސްދިން އެއްޗެކެވެ.