Roadha Mihaaru
ޝްވޭތާއާ ބެހޭ ގޮތުން މި ފަހަރު ކުރީގެ ފިރިމީހާ

ޝްވޭތާއާ ބެހޭ ގޮތުން މި ފަހަރު ވާހަކަ ދެއްކީ ކުރީގެ ފިރިމީހާ

21 މެއި 2021

ރިއަލިޓީ ޝޯއެއްގައި ވާދަކުރަން ދިޔައީ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު "އެއްލާލައި" ކުއްޖާއާ ބައްދަލު ވެސް ނުކުރެވޭ ގޮތަށް ހަދާފައި ކަމަށް ބުނެ ޓީވީ ބަތަލާ ޝްވޭތާ ތިވާރީގެ މައްސަލަ ޖެހިފައިވާ ފިރިމީހާ އަބިނާވް ކޯލީގެ ހާޖާނުގަނޑު ބޮޑުވެފައި ވަނިކޮށް، ޝްވޭތާއާ ބެހޭ ގޮތުން ކުރީގެ ފިރިމީހާ ރާޖާ ޗައުދަރީ ވާހަކަ ދައްކައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރިއަލިޓީ ޝޯއެއްގައި ވާދަކުރަން ދިޔައީ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު "އެއްލާލައި" ކުއްޖާއާ ބައްދަލު ވެސް ނުކުރެވޭ ގޮތަށް ހަދާފައި ކަމަށް ބުނެ ޓީވީ ބަތަލާ ޝްވޭތާ ތިވާރީގެ މައްސަލަ ޖެހިފައިވާ ފިރިމީހާ އަބިނާވް ކޯލީގެ ހާޖާނުގަނޑު ބޮޑުވެފައި ވަނިކޮށް، ޝްވޭތާއާ ބެހޭ ގޮތުން ކުރީގެ ފިރިމީހާ ރާޖާ ޗައުދަރީ ވާހަކަ ދައްކައިފި އެވެ.

ރާޖާ އަކީ ޝްވޭތާގެ 20 އަހަރުގެ އަންހެން ދަރިފުޅު ޕަލަކް ޗައިދަރީގެ ބައްޕަ އެވެ. އެ ދެ މީހުން 1998 ގައި ކުރި ކައިވެނި ރޫޅުނީ 2012 ގަ އެވެ. ސަބަބަކަށްވީ ދެވަނަ ކައިވެނިން ވެސް ތަޖުރިބާކުރަން ޖެހުނު ގެވެށި އަނިޔާގެ މައްސަލަތަކެވެ.

ކަލާޒްގެ ސްޓަންޓް ރިއަލިޓީ ޝޯ "ހަތުރޯން ކާ ކިލާޅީ" ގެ ސީޒަން 11 ގެ ޝޫޓިން އަށް ދެކުނު އެފްރިކާގެ ކޭޕް ޓައުނަށް ގޮސް ހުރި ކުރީގެ އަންހެނުންނާ ބެހޭ ގޮތުން އީ-ޓައިމްސްއާ ވާހަކަ ދައްކަމުން ރާޖާ ބުނީ ޝްވޭތާގެ ދެވަނަ ކައިވެނީގައި ވެސް މާޒީ ތަކުރާރުވާ ނަމަ ވިސްނާލަންޖެހޭ ކަމަށެވެ.

"އަހަރެން އެއްގޮތަކަށް ވެސް ނުބުނަން އޭނާ އަކީ ގޯސް އަންބެކޭ. ޝްވޭތާ އަކީ އަބަދު ވެސް ވަރަށް ރަނގަޅު އަންބެއް. އަދި ދަރިން ދެކެ ވަރަށް ލޯބިވާ މައެއް. އެކަމަކު އޭނާގެ ދެވަނަ ކައިވެނި ވެސް މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓި މާޒީ ތަކުރާރު ވަންޏާ އެއީ ދިރިއުޅުމާ ދޭތެރޭ އޭނާ ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެއް،" ކުރީގެ ޓީވީ އެކްޓަރު ބުންޏެވެ. "މިހާރު މި ފެންނަނީ އަހަންނާއި ޝްވޭތާއާ ޖެހުނު ކަހަލަ މައްސަލަތަކެއް ހަމަ ދެވަނަ ކައިވެނީގެ ތެރެއިން ވެސް ޖެހިގެން އުޅޭ ތަން."

ރާޖާ ބުނި ގޮތުގައި އަބިނާވަށް އޭނާ ދަރިފުޅު ރިޔަންޝް ކޯލީއާ ބައްދަލުކުރުމުގެ ފުރުސަތު ވެސް ޝްވޭތާ އާއި އޭނާގެ އާއިލާ އިން ދޭން ޖެހޭނެ އެވެ. އަދި އެކަން އެގޮތަށް ކުރާ ނަމަ ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ހުއްޓަސް ކަންކަން ގޯހުންގޯހަށް ނުދާނެ ކަމަށް ބުންޏެވެ.

"އެއްވެސް ބަފަޔަކު އެ މީހެއްގެ ދަރިއަކަށް އަނިޔާއެއް ނުކުރާނެ،" ރާޖާ ބުންޏެވެ.

ޝްވޭތާ ފުރައިގެން ދިޔަ ފަހުން އޭނާއާ ބެހޭ ގޮތުން "ހަޑި" އެތައް ވާހަކައެއް އަބިނާވް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ. އެކަމާ ގުޅިގެން ޝްވޭތާ އަބިނާވްގެ ހަގީގަތް ހާމަކޮށްދޭން އޭނާ އާއި ދަރިފުޅަށް އަބިނާވް އަނިޔާކުރާ މަންޒަރު ފެންނަ ވީޑީއޯއެއް ވެސް އިންސްޓަގްރާމްގައި އާންމުކުރި އެވެ. އަދި އެ ވީޑިއޯއާ އެކު އެތައް ބައެއްގެ ފާޑުކިޔުންތައް އަބިނާވަށް އަމާޒުވެ، އޭނާ ހައްޔަރުކުރަން ބައެއް މީހުން ގޮވާފައިވެ އެވެ. ވީޑިއޯ ޕޯސްޓްކުރިތާ 24 ގަޑިއިރު ތެރޭގައި އިންސްޓަގްރާމުން އެ ވީޑިއޯ ޝްވޭތާ ޑިލީޓްކޮށްފައިވެ އެވެ.

ނަމަވެސް ގެވެށި އަނިޔާކުރާ މައްސަލަ ފެންނަ ވީޑިއޯއަކަށްވާތީ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ނެޝަނަލް ކޮމިޝަން ފޯ ވިމެން (އެންސީޑަބްލިއު) އިން ވަނީ އެ މައްސަލަ ބަލައިދޭން މުމްބާއީ ފުލުހުންނަށް މިހާރު ހުށަހަޅައިފަ އެވެ. އަބިނާވް އަނިޔާކުރާ މައްސަލަ ޝްވޭތާ ވެސް 2019 ގައި ފުލުހުންނަށް ހުށަހެޅި އެވެ. އަދި މައްސަލަ މިހާރު އޮތީ ކޯޓްގަ އެވެ.

ކުރީގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ޕްރޭނާގެ ރޯލު ކުޅެގެން މަޝްހޫރުވި ޝްވޭތާ، 40، އާއި އަބިނާވް 2013 ގައި ކުރި ކައިވެނީގައި ބޮޑެތި މައްސަލަތަކެއް ޖެހި، 2019 އިން ފެށިގެން އުޅެނީ ވަކިންނެވެ.

ޝްވޭތާ ބުނެފައިވާ ގޮތުގައި އޭނާ ކޭޕް ޓައުނަށް ދިޔައީ ދަރިފުޅު "އެއްލާލައިފައެއް" ނޫނެވެ. އަދި ކުރިއެކޭ އެއްގޮތަށް ދަރިފުޅު ހުރީ ދޮށީ ދަރިފުޅާއި އާއިލާގެ މީހުންގެ ގާތުގަ އެވެ. އެހެންވެ އެއީ އަބިނާވް "ވަކި އެޖެންޑާއެއް" ހަދައިގެން އޭނާއާ ދެކޮޅަށް ނުކުންނަން ޖެހޭ ސަބަބެއް ނޫނެވެ.