Roadha Mihaaru
ބިގް ބޮސް އިން ކައިވެނި ސަލާމަތްވެއްޖެ: އަބިނާވް

ބިގް ބޮސް އިން ކައިވެނި ސަލާމަތްވެއްޖެ: އަބިނާވް

15 ފެބުރުއަރީ 2021

މި މަހު ނިމޭ ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 14 ގައި ބައިވެރި ނުވި ކަމަ ކައިވެނި މިހާރު އޮންނާނީ ރޫޅިފައި ކަމަށާއި ދެމަފިރިން އެކީގައި ޝޯގައި ވާދަކުރަން ލިބުމަކީ ކައިވެނި ސަލާމަތްކުރަން ލިބުނު ފުރުސަތެއް ކަމަށް މިހާރުގެ ޝޯގެ އެންމެ ވަރުގަދަ ބައިވެރިޔާގެ ގޮތުގައި ފާހަގަކުރެވޭ ރުބީނާ ދިލައިކްގެ ފިރިމީހާ/އެކްޓަރު އަބިނާވް ޝުކްލާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހު ނިމޭ ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 14 ގައި ބައިވެރި ނުވި ކަމަ ކައިވެނި މިހާރު އޮންނާނީ ރޫޅިފައި ކަމަށާއި ދެމަފިރިން އެކީގައި ޝޯގައި ވާދަކުރަން ލިބުމަކީ ކައިވެނި ސަލާމަތްކުރަން ލިބުނު ފުރުސަތެއް ކަމަށް މިހާރުގެ ޝޯގެ އެންމެ ވަރުގަދަ ބައިވެރިޔާގެ ގޮތުގައި ފާހަގަކުރެވޭ ރުބީނާ ދިލައިކްގެ ފިރިމީހާ/އެކްޓަރު އަބިނާވް ޝުކްލާ ބުނެފި އެވެ.

މިދިޔަ ހަފުތާގައި ކުއްލި ގޮތަކަށް ޝޯއިން ކަޓައިގެން ދިޔަ އަބިނާވް ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ "ބިގް ބޮސް 14" އަށް ދިޔަ އިރު ދެމަފިރިންގެ ކައިވެނި އޮތީ ރޫޅުމުގެ މަގުމަތީގައި ކަމަށެވެ. އެ މީހުން ޝޯގެ ތެރޭގައި ވެސް ވަނީ އެ ވާހަކަ ދައްކާފަ އެވެ.

"މިދިޔަ އަހަރުގެ ނޮވެމްބަރާ ހަމައަށް ދެ މީހުން ތިބީ ކައިވެނީގައި ކުރިއަށްދާނީތޯ ނޫނީ ވަރިވާނީތޯ ނިންމަން އެއްބަސްވެގެން،" އޭނާ ބުންޏެވެ.

ނަމަވެސް "ބޮގް ބިސް" އިން ފުރުސަތު ލިބުމުން އޮކްޓޯބަރު މަހުގެ ކުރީކޮޅު ޝޯއަށް ދާން ޖެހުމަކީ ވަރިއާ ދޭތެރޭ އިތުރަށް ވިސްނައި، ދެ މީހުންގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެތޯ ކަށަވަރުކުރަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ބުންޏެވެ.

"އަސްލު މިހާރު އަހަރެމެން ދެ މީހުންގެ ދޭތެރޭގައި އެއްވެސް މައްސަލައެއް ނެތް. އެހެންވީމާ ވަރީގެ ބަހުސެއް ވެސް ނެތް. ޝޯ އަށް އަހަރެމެން ދެ މީހުން އެކީގައި ދާން އެއްބަސްވީ އެ ޝޯގެ ތެރެއިން ދެ މީހުންގެ ގުޅުން ބަދަހިވެއްޖެ ނަމަ ކުރިއަށްދާން ވެސް ނިންމައިގެން،" އަބިނާވް ބުންޏެވެ. "ޝޯ އަށް ނުދިޔަ ނަމަ މިދިޔަ އަހަރު ނިމޭނީ އަހަރެމެންގެ ކައިވެނި ވެސް ރޫޅިގެން."

އޭނާ ބުނީ ކޮންމެ ދެމަފިރިއެއްގެ ދޭތެރޭގައި ވެސް މައްސަލަތައް ޖެހި އަރާރުން އުފެދޭނެ ކަމަށެވެ. އަދި "ބިގް ބޮސް" ޝޯގެ ތެރެއިން ވެސް އެކަން ފެނިފައިވާނެ ކަމަށް ބުންޏެވެ. އަބިނާވް ބުނީ ޖެހޭ ކުދިކުދި މައްސަލަތައް މާ ބޮޑުކޮށްލައިގެން ކުރިން އުޅެވުނުކަން އިހުސާސްވީ ވެސް ޝޯގެ ތެރެއިން ކަމަށެވެ. އަދި އެ ދެ މީހުންގެ ގުޅުމުގައި ކުނި ޖެހިފައި ހުރި ވާހަކަ އެތައް ފަހަރަކު ޝޯގެ ބައިވެރިންނާ ވެސް އެކި ގޮތްގޮތަށް ހިއްސާކޮށްފައިވެ އެވެ.

"ޝޯގެ ތެރޭގައި ވެސް ދެ މީހުންނަށް އެކި ކަންކަމުގައި އެއްގަލަކަށް ނޭރި ހިޔާލު ތަފާތުވެ ހުންނާނެ އަރާރުންވެ ޒުވާބު ވެސް ކޮށްފައި. އެކަމަކު އެއީ އަސްލު ކައިވެންޏެއް ރޫޅާލަން ޖެހޭ ސަބަބުތަކެއް ނޫން،" ފިލްމު "އަކްސަރު" އާއި "ލުކާ ޗުއްޕީ" ގެ ރޯލުތަކެއް ކުޅުނު އެކްޓަރު ބުންޏެވެ.

އަބިނާވް ބުނީ "ބިގް ބޮސް 14" ނިންމާލައި ރުބީނާ އެނބުރި އަލުން ކުރީގެ ދިރިއުޅުމަށް އަންނަ ހިސާބުން ދެ މީހުން އަލުން އާ ފެށުމަކުން ފަށާނީ ކަމަށެވެ. އެ ދެ މީހުން ކައިވެނިކުރީ 2018 ގަ އެވެ.

"ދެ މީހުންގެ ދޭތެރޭގައި ހުރި އިޝޫސްތައް ހައްލުކުރެވޭނެ. އެކަމާ އަހަރެމެން ވާހަކަ ދައްކާނަން." އަބިނާވް ބުންޏެވެ.

"ބިގް ބޮސް" ބަލާ ވަރަށް ގިނަ ބަޔަކު ލަފާކޮށްފައިވާ ގޮތުން މި ފަހަރުގެ ސީޒަން ކާމިޔާބުކުރާނެ ކަމަށް ބެލެވެނީ ރުބީނާ އެވެ. އޭނާ ނޫނީ މިހާރު ޝޯ ފެށީއްސުރެ އެއް ވާނެއްގައި ވާދަކުރާ ބައިވެރިޔަކު ނެތެވެ. މިހާރު ތިބި ހަ ބައިވެރިންގެ ތެރެއިން ފަސް ބައިވެރިންނަކީ ޝޯއިން ކަޓައިގެން ދިއުމުން ދެވަނަ ފުރުސަތާއި އަދި އެ ނޫން ގޮތްގޮތުން ފުރުސަތު ލިބުނު ބައިވެރިންނެވެ.

ރުބީނާއާ އެކު މިހާރު "ބިގް ބޮސް 14" ގައި ތިބީ ރާހުލް ވައިދިއާ އާއި ނިކީ ތަމްބޯލީ އާއި އަލީ ގޯނީގެ އިތުރުން ރާކީ ސާވަންތެވެ.