Roadha Mihaaru
ސިލްސިލާ "ތަޕްކީ ޕިޔާރު ކީ" އާ ސީޒަނެއް

ސިލްސިލާ "ތަޕްކީ ޕިޔާރު ކީ" އާ ސީޒަނެއް

18 ސެޕްޓެމްބަރ 2021

ކަލާޒް އިން ގެނެސްދިން މަގުބޫލު ސިލްސިލާއެއް ކަމަށްވާ "ތަޕްކީ ޕިޔާރު ކީ" ގެ އާ ސީޒަނެއް ގެނެސްދޭން ނިންމައި، އޭގެ ޕްރޮމޯ ދައްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަލާޒް އިން ގެނެސްދިން މަގުބޫލު ސިލްސިލާއެއް ކަމަށްވާ "ތަޕްކީ ޕިޔާރު ކީ" ގެ އާ ސީޒަނެއް ގެނެސްދޭން ނިންމައި، އޭގެ ޕްރޮމޯ ދައްކަން ފަށައިފި އެވެ.

އާ ސީޒަން ދައްކަން ފަށާނީ އަންނަ މަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެ އެޕިސޯޑްތައް ދައްކާނީ ރާއްޖެ ގަޑިން ހަވީރު 5:30 ގަ އެވެ.

"ތަޕްކީ ޕިޔާރު ކީ" އަކީ ކަލާޒް އިން 2015-2017 އަށް ގެނެސްދިން ސިލްސިލާއެކެވެ. މިއީ ވާހަކަ ދެއްކުމުގައި އުނދަގޫތަކެއް ހުންނަ ޒުވާން އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭ އެއްޗެކެވެ. ސިލްސިލާގެ މައިގަނޑު ރޯލު ކުރިންނާއި އަދި ސީޒަނުގައި ވެސް ކުޅެނީ ޖިގީއާސާ ސިންގް އެވެ.

އޭނާ ބުނީ ކުރީ ފަހަރަށް ވުރެ އާ ސީޒަނުގައި ކެރެކްޓާ ވަރުގަދަވާނެ ކަމަށާއި ބެލުންތެރިން ޝައުގުވެރިވާނެ އެއްޗަކަށް އާ ސީޒަން ވާނެ ކަމަށެވެ.

"ވަރަށް އުފާވި ސިލްސިލާގެ ދެވަނަ ސީޒަން ވެސް ކުޅެން ލިބުނީމަ. އަހަރެން ބުނާނީ ކުރިއަށް ވުރެ ބޮޑަށް އޯޑިއަންސާ ރިލޭޓްވާ ކަހަލަ ކެރެކްޓާއެކޭ މި ފަހަރު ފެންނާނީ." ޖިގީސިއާ ބުންޏެވެ.

"ތަޕްކީ ކިޔާރު ކީ 2" އިން ޖިގީސިއާ އާއި ޖަޔާ ބަޗަރިއާ ފިޔަވައި ދެން މުޅިން ވެސް ފެންނާނީ އާ ކާސްޓެކެވެ.

އިންޑިއާގެ ޗެނެލްތަކުން މި ފަހަކަށް އައިސް ކުރީގެ ސިލްސިލާތަކުގެ އާ ސީޒަންތައް ގެނެސްދިނުމަކީ ވަރަށް ބޮޑަށް ވައިގައި ހިފާފައި އޮތް ކަމެކެވެ. އެގޮތުން މިހާރު ކަލާޒް އިން ދެވަނަ ސީޒަނަކަށް ގެނެސްދޭ ސިލްސިލާތަކުގެ ތެރޭގައި "ބަލިކާ ވަދޫ" އާއި "ސަސުރާލް ސިމަރު ކާ" ހިމެނެ އެވެ.

އެ ޗެނެލުން އެންމެ ފަހުން އަލަށް ފެށި ސިލްސިލާތަކަކީ މިދިޔަ މަހުގެ ފަހުކޮޅު ދައްކަން ފެށި "ނިމީ ޑެންޒޯންގްޕާ" އާއި "ތޯޅާ ސަ ބާދަލް ތޯޅާ ސާ ޕާނީ" އެވެ.