Roadha Mihaaru
ދުވަސްތަކެއް ފަހުން ވިވިއަންގެ ސިލްސިލާއެއް

ދުވަސްތަކެއް ފަހުން ވިވިއަންގެ އާ ސިލްސިލާއަކަށް ތައްޔާރު ވަނީ

24 ސެޕްޓެމްބަރ 2021

ކަލާޒްގެ ސިލްސިލާ "ޝަކްތީ: އަސްތިތުވާ ކޭ އެހުސާސް ކީ" ގައި ކުރިން ބަތަލު ހަރްމަންގެ ރޯލު ކުޅުނު އެކްޓަރު ވިވިއަން ޑިސޭނާ ދެ އަހަރެއްހާ ދުވަސް ފަހުން އަލުން ސިލްސިލާއަކުން ބެލުންތެރިންނާ ބައްދަލުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަލާޒްގެ ސިލްސިލާ "ޝަކްތީ: އަސްތިތުވާ ކޭ އެހުސާސް ކީ" ގައި ކުރިން ބަތަލު ހަރްމަންގެ ރޯލު ކުޅުނު އެކްޓަރު ވިވިއަން ޑިސޭނާ ދެ އަހަރެއްހާ ދުވަސް ފަހުން އަލުން ސިލްސިލާއަކުން ބެލުންތެރިންނާ ބައްދަލުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ލައިފުން ބުނި ގޮތުގައި މި ސިލްސިލާ އަކީ ކަލާޒް ޗެނެލަށް ޕްރޮޑިއުސަރު ރަޝްމީ ޝަރުމާ ހަދާ ރޮމޭންޓިކް ޑްރާމާއެކެވެ. އަދި އޭގެ ބަތަލާއަކަށް ނަގާފައި ވަނީ ޒީޓީވީގެ ކުރީގެ ސިލްސިލާ "އިޝްގް ސުބާނާﷲ" ގެ ބަތަލާ އެއިޝާ ސިންގް ކަމަށްވެ އެވެ.

ނަމަވެސް ވިވިއަން އާއި އައިޝާއާ އެކު ގެނެސްދޭން އުޅޭ ސިލްސިލާގެ ނަމާއި އެ ގެނެސްދޭން ފަށާނެ އިރެއް އަދި ނޭނގެ އެވެ. އެކަމަކު ބޮލީވުޑް ލައިފުން ބުނީ އޭގައި ވިވިއަން ކުޅޭނީ 2019 ގެ ފިލްމު "ކަބީރް ސިންގް" ގައި ޝާހިދު ކަޕޫރް ކުޅުނު "އެގްރެސިވް" ލޯބިވެރިއެއްގެ ރޯލެވެ.

ވިވިއަން ކަލާޒްގެ އާ ސިލްސިލާއަކަަށް އަންނަން އުޅޭކަމުގެ ވާހަކަ ދެކެވެން ފަށާފައި މި ވަނީ އޭނާގެ އެންމެ ކާމިޔާބު ސިލްސިލާ ކަމަށްވާ "މަދޫބާލާ: އޭކް އިޝްގް، އޭކް ޖުނޫން" ގެ އާ ސީޒަނެއް ވެބް ސީރީޒެއްގެ ގޮތުގައި ހަދަން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުން މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައި ވަނިކޮށެވެ. އެކަމަކު އެއީ އަދި ކަށަވަރު ވާހަކައެއް ނޫނެވެ.

މިދިޔަ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ސްޓްރީމްކުރި ވެބް ސީރީޒް "ދި އެމްޕަޔާ" ގެ ބަތަލާގެ ރޯލު ކުޅުނު ދުރަޝްތީ ދާމީ ޓައިޓްލް ރޯލު ކުޅުނު "މަދޫބާލާ" އަކީ ކަލާޒް އިން 2012-2014 އަށް ގެނެސްދިން ވަރަށް މަގުބޫލު ސިލްސިލާއެކެވެ.

ވިވިއަން، 33، ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ޕިޔާރު ކީ ޔޭ އޭކް ކަހާނީ" އަދި "ގަސަމް ސޭ" ހިމެނެ އެވެ.