Roadha Mihaaru
އެކްތާގެ ސިލްސިލާ "ނާގިން 6" އަށް ތައްޔާރު

އެކްތާގެ ސިލްސިލާ "ނާގިން 6" ގެނެސްދޭން ތައްޔާރުވަނީ

29 މެއި 2021

ކަލާޒް ޗެނެލަށް ޕްރޮޑިއުސަރު އެކްތާ ކަޕޫރް ހަދާ ސުޕަނެޗްރަލް ސިލްސިލާ "ނާގިން" ގެ ހަ ވަނަ ސީޒަން ގެނެސްދިނުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަލާޒް ޗެނެލަށް ޕްރޮޑިއުސަރު އެކްތާ ކަޕޫރް ހަދާ ސުޕަނެޗްރަލް ސިލްސިލާ "ނާގިން" ގެ ހަ ވަނަ ސީޒަން ގެނެސްދިނުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ އޭގެ މަސައްކަތް މިހާރު ފަށައި އިރު ލީޑް ބަތަލާއަކަށް މި ފަހަރު ނަގާފައި ކުރިން ފަސް ވަނަ ސީޒަނަށް ވެސް ގެންނަން ވާހަކަތަކެއް ދެކެވުނު ބަތަލާ ނިޔަތީ ފަތުނާނީ ކަމަށެވެ. އުމުރުން 30 އަހަރުގެ ނިޔަތީ އަކީ ސްޓާ ޕްލަސްގެ ސުޕަނެޗްރަލް ސިލްސިލާ "ނަޒަރު" އާއި ސޮނީގެ "ޔޭ މޯ މޯ ކެ ދާގޭ" ކުޅެގެން އާންމުންގެ ލޯބި ހޯދި ބަތަލާ އެވެ.

ސްޕޮޓްބޯއި އިން ބުނީ "ނާގިން 6" އަށް ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 14 ވަނަ ސީޒަން ކާމިޔާބުކުރި ރުބީނާ ދިލައިކްގެ ގެނައުމާ ދޭތެރޭ ވެސް އެކްތާ ބާލާޖީގެ ތެރޭގައި މަޝްވަރާތަތަކެއް ކުރެވުނު ނަމަވެސް، އޭނާ އަށް ފުރުސަތު ނުދޭން މިހާރު ނިންމާފައިވާ ކަމަށެވެ. އެހެންވެ ނިޔާތީއާ ސީޒަން ހައެއްގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށް ބުންޏެވެ. ނަމަވެސް "ނާގިން 6" ގެ ބަތަލަކީ ކާކުކަމެއް އަދި ނޭނގެ އެވެ.

ސުރުބީ ޗަންދްނާ އާއި ޝަރަދު މަލްއުތުރާ އަދި މޯހިތު ސޭގަލްއާ އެކު "ނާގިން 5" ގެނެސްދިނީ އޮގަސްޓް 9، 2020 އިން ފެބްރުއަރީ 6، 2021 އަށެވެ. ފަސް ވަނަ ސީޒަން ފެށި އިރު ކާސްޓްގައި ގެސްޓް ތަރިންގެ ގޮތުގައި ހީނާ ޚާނާއި ދޫރަޕް ދީރަޖް ވެސް ހިމެނުނެވެ.

"ނާގިން 5" ނިންމައިލުމަށް ފަހު، އޭގެ ސްޕިންއޮފެއްގެ ގޮތުގައި "ކުޗް ތޯ ހޭ: ނާގިން އޭކް ނަޔޭ ރަންގް މޭ" ކިޔާ ވެމްޕެއާ ސިލްސިލާއެއް ކަލާޒް އިން ފެބްރުއަރީ 7، 2021 އިން މާޗް 21، 2021 އަށް ގެނެސްދިނެވެ. އޭގެ ލީޑް ރޯލު ކުޅުނީ ނިޔަތީއާ އެކު "ނަޒަރު" ގެ ބަތަލުގެ ރޯލު ކުޅުނު ހާޝް ރާޖްޕޫތާއި ކްރިޝްނާ މުކަރްޖީ އެވެ.

"ނާގިން" އަކީ އެކްތާ 2015 ގައި ގެނެސްދޭން ފެށި އަދި އިންޑިއާގެ އެންމެ މަގުބޫލު އެއް ސުޕަނެޗްރަލް ސިލްސިލާ އެވެ. މީގެ ކޮންމެ ސީޒަނެއް ވެސް ގެނެސްދެނީ ތަފާތު ކާސްޓްތަކާ އެކީގަ އެވެ.

"ނާގިން" ފަސް ސީޒަނުގައި 329 އެޕިސޯޑް މިހާތަނަށް ދައްކާފައިވެ އެވެ.