Roadha Mihaaru
އެރިކާ ސޮނީގެ "ކުޗް ރަންގް" އިން ވަކިވެއްޖެ

ސޮނީގެ "ކުޗް ރަންގް ޕިޔާރު ކޭ އޭސީ ބީ" އިން އެރިކާ ވަކިވެއްޖެ

29 އޮކްޓޯބަރ 2021

ސޮނީ ޓީވީގެ ސިލްސިލާ "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" ގެ ތިން ވަނަ ސީޒަން ހުއްޓައިލަން އުޅޭ ވާހަކަ އާއި އޭގެ ބަަތަލާ އެރިކާ ފެނަންޑޭޒް އެއިން ވަކިވާން އުޅޭ ކަމަށް މީޑިއާތަކުން މި ހަފުތާގައި ރިޕޯޓްކޮށްފައި ވަނިކޮށް، އޭނާ އެއިން ވަކިވިކަން ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޮނީ ޓީވީގެ ސިލްސިލާ "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" ގެ ތިން ވަނަ ސީޒަން ހުއްޓައިލަން އުޅޭ ވާހަކަ އާއި އޭގެ ބަަތަލާ އެރިކާ ފެނަންޑޭޒް އެއިން ވަކިވާން އުޅޭ ކަމަށް މީޑިއާތަކުން މި ހަފުތާގައި ރިޕޯޓްކޮށްފައި ވަނިކޮށް، އޭނާ އެއިން ވަކިވިކަން ކަށަވަރުކޮށް ދީފި އެވެ.

މިދިޔަ އަހަރު ސްޓް ޕްލަސްގެ "ކަސޯޓީ ޒިންދަގީ ކޭ" ކުޅުނު ބަތަލާ އިންސްޓަގްރާމްގައި އާންމުކުރި ދިގު ބަޔާނެއްގައި ބުނި ގޮތުގައި ސޮނީގެ ސިލްސިލާ އިން ވަކިވާން ނިންމީ އޭނާ ކުޅޭ ސޮނާކްޝީގެ ކެރެކްޓާ މިހާރު ވަކި މިސްރާބެއް ނެތް ގޮތަށް ބައްޓަން ވެފައިވުމާ އެކު، އެ ރޯލާއިގެން ކުރިއަށް ދާން ބޭނުން ނުވާތީ ކަމަށެވެ. އެރިކާ، 28، ބުނީ "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" ގެ ފުރަތަމަ ދެ ސީޒަނުގައި އޭނާ ކުޅުނު ކެރެކްޓާ އަކީ ވަރަށް ލޯބިން ގަޔާވެގެން ކުޅުނު ރޯލެއް ނަމަވެސް ތިން ވަނަ ސީޒަން މިހާރު އޮތީ ފާލުން ނައްޓައިފައި ކަމަށެވެ.

"ކުރީގެ ދެ ސީޒަނާ ހިލާފަށް ސޮނާކްޝީގެ ކެރެކްޓާ މިހާރު ވަނީ ގަބޫލު ނުކުރެވޭ ކަހަލަ ހާލަތެއްގައި. އެހެންވެ ދެން ބޭނުން ނުވީ އެ ރޯލާ އެކު ކުރިއަށް ދާން،" އޭނާ ބުންޏެވެ. "ބެލުންތެރިންނަށް ހަޖަމު ނުކުރެވޭ ކަހަލަ ގޮތަކަށް ކެރެކްޓާގެ މިސްރާބު އޮތުމަކީ އަހަރެން އޭގައި ދެން ހިއްސާ ނުވާން ނިންމި މައިގަނޑު ސަބަބަކީ."

އެރިކާ ބުނީ ސިލްސިލާ އަށް ބެލުންތެރިން ކުރިން ދީން ލޯތްބާއި ތަރުހީބަށް ޝުކުރު އަދާކުރާ ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" ގެ ފުރަތަމަ ދެ ސީޒަނަކީ މާސްޓަޕީސްއެކެވެ. އަދި އޭގައި ހިއްސާ ވެވުމަކީ ކެރިއަރަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ދައްކަން ފެށި ތިން ވަނަ ސީޒަން އަންނަ މަހުގެ ތެރޭގައި ހުއްޓައިލާނެ އެވެ. އަދި މި މަސް ނިމުމުގެ ކުރިން ކުރިއަށް ހުރި އެޕިސޯޑްތަކުގެ ޝޫޓިން ވެސް އެއްކޮށް ނިންމާނެ އެވެ.

"ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" ގެ ތިން ސީޒަނުގައި ވެސް މުހިއްމު ބައިވެރިންނަކީ އެރިކާގެ އިތުރުން ޝަހީރު ޝައިހާއި ސުޕްރިޔާ ޕިލްގާ އޯންކަރް އެވެ. ކުރީގެ ދެ ސީޒަންގައި ޖުމްލަ 414 އެޕިސޯޑް ގެނެސްދިނެވެ. އެއީ ފުރަތަމަ ސީޒަނުގައި 388 އަދި ދެވަނަ ސީޒަނުގައި 26 އެޕިސޯޑެވެ. އަދި ތިން ވަނަ ސީޒަނުގައި މިހާތަނަށް 78 އެޕިސޯޑް ދައްކާފައިވެ އެވެ.