22 އޮކްޓޯބަރ 2021
އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހަދަން ދިވެހި ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުން ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޑިފެންސް މިނިސްޓްރީ އަށް ދިން މުހުލަތު ހަމަވިއިރު ވެސް އެ އެއްބަސްވުން ހާމައެއް ނުކުރެ އެވެ.
އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހަދަން ދިވެހި ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުން ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޑިފެންސް މިނިސްޓްރީ އަށް ދިން މުހުލަތު ހަމަވިއިރު ވެސް އެ އެއްބަސްވުން ހާމައެއް ނުކުރެ އެވެ.
އެ އެއްބަސްވުން ހޯދަން ޑިފެންސް މިނިސްޓްރީގައި އެދުނު ނަމަވެސް އެ ކަމަށް އިންކާރު ކުރުމުން، އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅީ "ދިޔަރެސް" ނޫހުގެ ފަރާތުންނެވެ.
އެ މައްސަލައާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު އޮތް އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ، އެއްބަސްވުމާ ގުޅޭ މައުލޫމާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ މައުލޫމާތު ކަމުގައި ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެންވެ، މި ސަރުކާރުން އިންޑިއާއާއެކު ސޮއިކުރި އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަކުރަން ޑިފެންސް މިނިސްޓްރީ އަށް ހަތް ދުވަހުގެ މުހުލަތެއް ދިނެވެ.
އޭގެ ފަހުން އިއްޔެ އަށް ހަތް ދުވަސް ވެފައިވާއިރު، އަދިވެސް އެ މައުލޫމާތު ހިއްސާ ކޮށްފައި ނުވާކަމަށް "ދިޔަރެސް" ނޫހުން ބުންޏެވެ. މިކަމާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަކުރަން އެކި ފަރާތްތަކުން ފިއްތުންތައް ކުރިމަތި ކުރަމުންދާ މި ދަނޑިވަޅުގައި، އިންޑިއާގެ ސަރުކާރުން އެންމެ ފަހުން ބުނެފައި ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު 2016 ވަނަ އަހަރުގެ ފަހުން ސޮއިިކޮށްފައިވާ ދިފާއީ ހުރިހާ އެއްބަސްވުމެއްގެ ވެސް އަސާސަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެ ގައުމަށް އެ އަހަރު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުން ސޮއިކުރި އެކްޝަން ޕްލޭން ކަމަށެވެ.
މި ސަރުކާރުން ސޮއިކުރި އެއްބަސްވުމުގައި ހިމެނޭ ކަންކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ އިސް އޮފިޝަލަކު މި ހަފުތާގައި ވިދާޅުވީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ ދިފާއީ އެއްބަސްވުންތަކާއި ދެ ގައުމު ގުޅިގެން، އެ ދާއިރާ އިން ކުރަމުން އަންނަ ހުރިހާ މަސައްކަތެއްގެ ވެސް އަސާސަކީ "ދިފާއީ އެކްޝަން ޕްލޭން" ކަމަށެވެ. ޔާމީންގެ ސަރުކާރުގައި ހެދި އެ އެކްޝަން ޕްލޭންގައި ނެތް އެއްވެސް ކަމެއް އެ ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް ވެސް ކުރިއަށް ނުގެންދާ ކަމަށާއި އެކްޝަން ޕްލޭނަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހާމަކުރުމަށް އެންގި މައުލޫމާތު 45 ދުވަހުގެ ތެރޭގައި ހާމަ ނުކޮށްފި ނަމަ، ޑިފެންސް މިނިސްޓްރީގެެ މައްޗަށް ދައުވާކުރެވޭނެ އެވެ.
އުތުރު ތިލަފަޅު އެއްބަސްވުމުގައިވާ ކަންތައްތަކުގެ ތެރެއިން "ދިޔަރެސް" އިން ހޯދަން އެދިފައިވަނީ މައިގަނޑު ހަ މައުލޫމާތެކެވެ.
1. އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި އިންޑިއާގެ "ޓެކްނިކަލް" ފަރާތްތަކެއް ތިބޭނެ ކަމަށް ބުނެފައިވާއިރު އެ މީހުން ނިސްބަތްވާ މުވައްސަސާ.
2. އެއްބަސްވުމުގެ ދަށުން އިންޑިއާގެ މީހުންނަށް ރާއްޖޭގައި ތިބެވޭނެ މުއްދަތު.
3. އެއްބަސްވުމުގެ ދަށުން "ޓެކްނިކަލް" މީހުންގެ ގޮތުގައި ތިބޭނޭ އިންޑިއާގެ ކިތައް މީހުންކަން.
4. އެއްބަސްވުމުގެ ދަށުން ދީފައިވާ 50 މިލިއަން ޑޮލަރުގެ ލޯނުގެ އިންޓަރެސްޓް ރޭޓާއި އަނބުރާ ދައްކަން ޖެހޭ މުއްދަތު އަދި އެފަދަ އެހެނިހެން ތަފްސީލު.
5. އެއްބަސްވުމުގެ ދަށުން އަންނަ "ޓެކްނިކަލް" ފަރާތްތަކަށް ޑިޕްލޮމެޓިކް އިމުނިޓީ ލިބޭނެނަމަ އެކަމުގެ ތަފްސީލު.
6. އެއްބަސްވުމުގެ ދަށުން އަންނަ "ޓެކްނިކަލް" ފަރާތްތަކުގެ އެކޮމޮޑޭޝަން، ކެއުމުގެ ހަރަދު، އަދި އެހެނިހެން ހަރަދުތައް ދިވެހި ސަރުކާރުން ބަލަހައްޓާނަމަ އެކަމުގެ ތަފްސީލު.
އެ ހަ ނުކުތާގެ ތެރެއިން އުތުރުތިލަފަޅު މަސައްކަތަށް އިންޑިޔާގެ އެގްޒިމް ބޭންކުން ނެގި ލޯނުގެ އެއްބަސްވުމަކީ ޑިފެންސް މިނިސްޓްރީން ވެފައިވާ އެއްބަސްވުމެއް ކަމުގައި ނުވާތީ އެ ލޯނާ ގުޅޭ މައުލޫމާތު ނެތްކަމަށް ޑިފެންސުން ބުނެފައި ވެ އެވެ.
އެކަމަކު ޑިފެންސްގެ ޖަވާބު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާ ހިލާފު ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވި އެވެ. އެ މައުލޫމާތު ޑިފެންސް މިނިސްޓްރީގައި ނެތް ނަމަ ކަންކުރަން ޖެހޭނެ ގޮތެއް ކަމަށް ގާނޫނުގައި ބުނެފައި ވަނީ އެ މައުލޫމާތު ބަލަހައްޓާ އިދާރާއަކުން ހޯދައި އެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް ވާތީ އެގޮތަށް އަމަލުކުމަށް ވެސް ޑިފެންސް މިނިސްޓްރީއަށް އެންގި އެވެ.
ދެން ހުރި މައުލޫމާތު ހޯދުމަށް އެދުމުން ޑިފެންސް މިނިސްޓްރީން މީގެ ކުރިން ބުނީ ދިޔަރެސް އިން ހޯދަން އެދުނު މައުލޫމާތަކީ އެ މައުލޫމާތު ހާމަކުރުމުން ސިފައިންގެ ގާނޫނުގެ ދަށުން ކުށްވެރިވާނެ މައުލޫމާތުކަމަށެވެ. އެކަމަކު އެކަން ޑިފެންސް މިނިސްޓްރީއަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވި އެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ދަށުން ދީފައިވާ 50 މިލިއަން ޑޮލަރުގެ ލޯނުގެ އިންޓަރެސްޓް ރޭޓާއި އަނބުރާ ދައްކަން ޖެހޭ މުއްދަތާއި އެފަދަ އެހެނިހެން ތަފުސީލު ހޯދަން "ދިޔަރެސް" ނޫހުން އެދިފައިވީ ނަމަވެސް އިންޑިއާ ހައި ކޮމިޝަނުން ބުނެފައި ވަނީ އެއީ އަސްކަރީ ސާމާނު ގަތުމަަށް ހަމަޖެއްސި ފެސިލިޓީއެއް ކަމަށާއި އުތުރު ތިލަަފޅަށް އެ އިން ހަރަދު ނުކުރާނެ ކަމަށެވެ.
އުތުރުތިލަފަޅު އެއްބަސްވުން ހާމަކުރަން އަންގައިފި
"އުތުރުތިލަފަޅުގައި އޮންނާނީ އެމްއެންޑީއެފް ކޮންޓްރޯލް"
"ޔާމީންގެ ވާހަކަތަކާ ހެދި ގައުމީސަލާމަތަށް ނުރައްކާވޭ"
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
ޔޫޓީއެފްގެ މައުލޫމާތުތަކެއް ދޭން އެންގުމުން ހައި ކޯޓަށް
އިންޑިއާ ސިފައިންގެ މައްސަލަ ހައި ކޯޓުން ލައިވްކުރަނީ
އިންޑިއާގެ އެއްބަސްވުންތައް ނުދައްކާ ކަމުގެ ޝަކުވާ
އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން މަޖިލީހުން އެދެނީ
ޑޯނިއާ ދުއްވޭނެ ސިފައިންގެ ޕައިލެޓެއް ނެތް: ޑިފެންސް
ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކުރަނީ