Roadha Mihaaru

ޣައްސާން ވިދާޅުވީ އެއްބަސްވުންތައް އަންނަނީ ބަދަލުކުރަމުން ކަމަށް!

އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ގެއްލުންވާ ގޮތަށް ހުރި މާއްދާތައް އިސްލާހު ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

އެއްބަސްވުންތައް އަންނަނީ ބަދަލުކުރަަމުން: ޣައްސާން
ނާޒިމް ހަސަން
ނާޒިމް ހަސަން

06 މެއި 2025

އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ގެއްލުންވާ ގޮތަށް ހުރި މާއްދާތައް އިސްލާހު ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް ގެއްލުމެއް ނުވާ ގޮތަށް އެއްބަސްވުންތައް ބަދަލު ކުރެވިފައިވާ ކަމަށާއި އަދިވެސް އެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ޑިފެންސް މިނިސްޓްރީ ޒިންމާ ގޮތަށް އިންޑިއާއާ އެކު އޮތީ ހަތަރު އެއްބަސްވުމެކެވެ. އޭގެ ތެރެއިން އެއް އެއްބަސްވުމަކީ އުތުރުތިލަފަޅުގައި އަސްކަރީ މަރުކަޒެއް އިންޑިއާގެ އެހީގައި ހަދަން ގާއިމްކޮށްފައިވާ އެއްބަސްވުމެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ސިޔާސަދަތަށް އުނިކަން އަންނަ މާއްދާތައް ހުރި ކަމަށް މި ސަރުކާރުގެ ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ވަރަށް ގިނައިން ވިދާޅުވެފައިވެ އެވެ. މިނިސްޓަރު މިއަދު ވިދާޅުވީ އެ މާއްދާތައް އިސްލާހު ކުރަމުން އަންނަ ކަަމަށެވެ. ނަމަވެސް، އޭގެ ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެއްބަސްވުންތައް އަދި އެއްބަސްވުންތަކަށް ގެންނަ އިސްލާހުތައް ހާމަނުކުރަނީ "ކޮންފިޑެންޝަލިޓީ ކްލޯޒް" ހިމަނާފައިވާތީ އެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް އެއްބަސްވުންތައް ހާމަކުރަން މަޖިލީހުން އެދިއްޖެ ނަމަ، އެކަން ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ހައިޑްރޯގްރެފިކް އެއްބަސްވުން ފިޔަވައި، ބާކީ ހުރި އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާ ކަންކަމާ ގުޅޭ ގޮތުން ސީދާ އެ މަނިކުފާނު އެ ބޭފުޅުންނާ ވާހަކަ ދައްކަވައިގެން މިހާރު ހައްލުކޮށްފައިވާނެ ކަމަށެވެ.

"މިހާރަކު ނެތޭ ކަންބޮޑުވާ ކަމެއް. އެކަމަކު އިސްލާހު ގެނެވިފައިވި އެއްބަސްވުން ވިޔަސް ހާމަކުރުމުގައި ކޮންފިޑެންޝަލިޓީ ކްލޯޒް އޮންނާތީ ބައިލެޓްރަލް ޑިސްކަޝަންތަކެއް އެބަ ކުރިއަށް ދެއޭ، ދެ ފަރާތުގެ ބައްދަލުވުންތަކުގެ ތެރެއިން ދެ ގައުމުގެ ގާތްގުޅުމުގެ ތެރެއިން ޖެހޭނެއޭ މަޝްވަރާ ކުރަން،" ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އުންމީދުކުރަން މާ ލަސްތަކެއް ނުވެ ދެ ފަރާތުން އެއްބަސްވެވިގެން އެއްބަަސްވުމުގެ ކްލޯޒްތައް މީޑިއާއާ ހިއްސާ ކޮށްދިނުން."

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ހަދާފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަކުރުމަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އެ ކަން ކުރިއަށް ދާ ކަމަށެވެ.