Roadha Mihaaru
އުތުރުތިލަފަޅު އެއްބަސްވުން ހާމަކުރަން އަންގައިފި

އުތުރުތިލަފަޅު އެއްބަސްވުން ހަތް ދުވަސް ތެރޭ ހާމަކުރަން އަންގައިފި

14 އޮކްޓޯބަރ 2021

އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހަދަން ސަރުކާރުން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުން ހަތް ދުވަހުތެ ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޑިފެންސް މިނިސްޓްރީއަށް މިއަދު އަންގައިފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހަދަން ސަރުކާރުން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުން ހަތް ދުވަހުތެ ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޑިފެންސް މިނިސްޓްރީއަށް މިއަދު އަންގައިފި އެވެ.

އެ އެއްބަސްވުން ހޯދަން ޑިފެންސް މިނިސްޓްރީގައި އެދުމުން އެކަމަށް އިންކާރުކުރުމުން، އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅީ "ދިޔަރެސް" ނޫހުގެ ފަރާތުންނެވެ.

މިއަދު އިންފޮމޭޝަން ކޮމިޝަނަންގެ އޮފީހުގައި އޮތް އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނާ އާހިދު ރަޝީދު ވިދާޅުވީ އެ މައްސަލާގައި ޑިފެންސް މިނިސްޓްރީން ބުނި ގޮތަށް އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ މައުލޫމާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ މައުލޫމާތު ކަމުގައި ގަބޫލުނުކުރެވޭ ކަމަށެވެ.

އެ އެއްބަސްވުމުގައިވާ ކަންތައްތަކުގެ ތެރެއިން ދަޔަރެސް އިން ހޯދަން އެދިފައިވަނީ މައިގަނޑު ހަ މައުލޫމާތެކެވެ.

ދިޔަރެސް އިން ހޯދަން އެދުނު މައުލޫމާތު ތައް:

1. އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި އިންޑިއާގެ "ޓެކްނިކަލް" ފަރާތްތަކެއް ތިބޭނެ ކަމަށް ބުނެފައިވާއިރު އެ މީހުން ނިސްބަތްވާ މުއައްސަސާ.

2. އެއްބަސްވުމުގެ ދަށުން އިންޑިއާ މީހުންނަށް ރާއްޖޭގައި ތިބެވޭނެ މުއްދަތު.

3. އެއްބަސްވުމުގެ ދަށުން "ޓެކްނިކަލް" މީހުންގެ ގޮތުގައި ތިބޭނޭ އިންޑިއާގެ ކިތައް މީހުންކަން.

4. އެއްބަސްވުމުގެ ދަށުން ދީފައިވާ 50 މިލިއަން ޑޮލަރުގެ ލޯނުގެ އިންޓަރެސްޓް ރޭޓާއި އަނބުރާ ދައްކަން ޖެހޭ މުއްދަތު އަދި އެފަދަ އެހެނިހެން ތަފްސީލު.

5. އެއްބަސްވުމުގެ ދަށުން އަންނަ "ޓެކްނިކަލް" ފަރާތްތަކަށް ޑިޕްލޮމެޓިކް އިމުނިޓީ ލިބޭނެނަމަ އެކަމުގެ ތަފްސީލު.

6. އެއްބަސްވުމުގެ ދަށުން އަންނަ "ޓެކްނިކަލް" ފަރާތްތަކުގެ އެކޮމޮޑޭޝަން، ކެއުމުގެ ހަރަދު، އަދި އެހެނިހެން ހަރަދުތައް ދިވެހި ސަރުކާރުން ބަލަހައްޓާނަމަ އެކަމުގެ ތަފްސީލު.

އެ ހަ ނުކުތާގެ ތެރެއިން އުތުރުތިލަފަޅު މަސައްކަތަށް އިންޑިޔާގެ އެގްޒިމް ބޭންކުން ނެގި ލޯނުގެ އެއްބަސްވުމަކީ ޑިފެންސް މިނިސްޓްރީން ވެފައިވާ އެއްބަސްވުމެއް ކަމުގައިނުވާތީ އެ ލޯނާ ގުޅޭ މައުލޫމާތު ނެތްކަމަށް ޑިފެންސުން ބުނެފައިވެ އެވެ.

އެކަމަކު ޑިފެންސްގެ ޖަވާބު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާ ހިލާފް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވި އެވެ. އެ މައުލޫމާތު ޑިފެންސް މިނިސްޓްރީގައި ނެތް ނަމަ ކަންކުރަންޖެހޭނެ ގޮތެއް ކަމަށް ގާނޫނުގައި ބުނެފައިވަނީ އެ މައުލޫމާތު ބަލަހައްޓާ އިދާރާއަކުން ހޯދައި އެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށްވާތީ އެގޮތަށް އަމަލުކުމަށް ވެސް ޑިފެންސް މިނިސްޓްރީއަށް މިއަދު އެންގި އެވެ.

ދެން ހުރި މައުލޫމާތު ހޯދުމަށް އެދުމުން ޑިފެންސް މިނިސްޓްރީން މީގެ ކުރިން ބުނީ ދިޔަރެސް އިން ހޯދަން އެދުނު މައުލޫމާތަކީ އެ މައުލޫމާތު ހާމަކުރުމުން ސިފައިންގެ ގާނޫނުގެ ދަށުން ކުށްވެރިވާނެ މައުލޫމާތުކަމަށެވެ. އެކަމަކު އެކަން ޑިފެންސް މިނިސްޓްރީއަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވި އެވެ.