Roadha Mihaaru
ފްލެމިންގޯ ވިއްކަން އުޅުނު މީހާ ހޯދައި ދޫނި އަތުލައިފި

ފްލެމިންގޯ ވިއްކަން އުޅުނު މީހަކު ހޯދައި، ދޫނި އަތުލައިފި

21 އޮކްޓޯބަރ 2021

ހިޖުރަ ކުރުމުގެ ތެރޭގައި ރާއްޖެ އައި ފްލެމިންގޯތަކެއް ހިފި މީހަކު ހޯދައި، އެ މީހާ ގެންގުޅުނު ދޫނި އަތުލާފައިވާ ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ހިޖުރަ ކުރުމުގެ ތެރޭގައި ރާއްޖެ އައި ފްލެމިންގޯތަކެއް ހިފި މީހަކު ހޯދައި، އެ މީހާ ގެންގުޅުނު ދޫނި އަތުލާފައިވާ ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އެންމެ ފުރަތަމަ ހއ. ފިއްލަދޫން ފެނުނު ފްލެމިންގޯތައް އެ އަތޮޅު ބާރަށަށް ދިޔުމުން އެ ރަށުގެ ބަޔަކު ވަނީ އޭގެ ބައެއް ދޫނިތައް ހިފައިފަ އެވެ. އަދި އެއިން ދޫންޏެއް 30،000ރ. އަށް ވިއްކަން އުޅުމުން އެ މައްސަލަ ހޫނުވެ، ކަމާ ބެހޭ ފަރާތްތަކުގެ ވެސް ސަމާލު ކަމަށް އަ އެވެ.

ބާރަށުގައި ފްލެމިންގޯ ހިފައި ވިއްކަން އުޅުނު ކަމުގެ ރިޕޯޓު އީޕީއޭ އަށް ލިބިގެން އެ މައްސަލަ މިހާރު ފުލުހުންނާ ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "މިހާރު" އަށް ވިދާޅުވީ ފްލެމިންގޯ ހިފައި ވިއްކަން އުޅުނު އެކަކު މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. އެއީ އެ ދޫނި ހިފައިގެން ވިއްކަން ވައިބާގައި ޕޯސްޓު ކުރި މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މީހާ މިހާރު ދެނެގަނެވިފައިވާއިރު ދެން އޮންނާނީ ތަހުގީގަށް ބަޔާން ނެގުމަށް ފަހު، ފިޔަވަޅު އެޅުން ކަމަށް ނައީމް ވިދާޅުވި އެވެ.

ހއ. ފިއްލަދޫގެ އަތިރިމަތިން ފެނުނު ފްލެމިންގޯތައް: މި ދޫނިތައް ބާރަށަށް ދިޔުމުން އެ ރަށު ބަޔަކު ވަނީ ދޫނިތައް ހިފައި ވިއްކަން އުޅެފައި.-- ފޮޓޯ: އަބްދުﷲ އިހުވާން

ހއ. ފިއްލަދޫގެ އަތިރިމަތިން ފެނުނު ފްލެމިންގޯތައް: މި ދޫނިތައް ބާރަށަށް ދިޔުމުން އެ ރަށު ބަޔަކު ވަނީ ދޫނިތައް ހިފައި ވިއްކަން އުޅެފައި.-- ފޮޓޯ: އަބްދުﷲ އިހުވާން

އެ މީހާ ހިފި ދޫނި މިހާރު ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ދޫނި ގެންދިޔައީ ކޮން ތަނަކަށް ކަމެއް ވިދާޅެއް ނުވެ އެވެ.

"އެ ދޫނި މިހާރު ވަނީ ސަރުކާރުގެ ބެލުމުގެ ދަށުގައި،" ނައީމް ވިދާޅުވި އެވެ.

ބާރަށު ކައުންސިލުގެ ނައިބު ރައީސް އަލީ އަމީޒު ވިދާޅުވިގޮތުގައި، ފްލެމިންގޯތައް ހިފައިގެން އުޅޭކަން ސޯޝަލް މީޑިއާއިން އެނގުމުން އެއީ މަނާކަމެއް ކަމަށް ރަށުގެ ރައްޔިތުންނަށް އަންގައި އެކަން ނުކުރުމަށް ކައުންސިލުން އެދިފައިވާނެ އެވެ. އޭނާ ވިދާޅުވީ، އެ ރަށުން އެކަން ކުރީ ކޮން ބައެއްކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

ފްލެމިންގޯތައް ހިފައިގެން ވިއްކަން ޖެހީ ދޫނިތައް ހިޖުރަކުރާ މޫސުން ފެށޭތީ، އެފަދަ ދޫނިތައް ނުހިފަން އަންގައި އީޕީއޭ އިން ބަޔާނެއް ވެސް ނެރެފައި ވަނިކޮށެވެ. އެފަދަ ދޫނިތަކަކީ ގުދުރަތީ ގޮތުގައި ނުވަތަ ތޮބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ހިމާޔަތް ކޮށްފައިވާ ދޫންޏެވެ.

އީޕީއޭއިން ބުނެފައި ވަނީ އެ ދޫނިތައް ވިއްކާ ފަރާތްތަކުގެ އިތުރުން ގަންނަ ފަރާތްތަކަށް ވެސް ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.