Roadha Mihaaru
ދޫނި ހިޖުރަކުރާ މޫސުން ފެށިއްޖެ، އެދެނީ ގޯނާ ނުކުރަން

ދޫނި ހިޖުރަކުރާ މޫސުން ފެށިއްޖެ، އީޕީއޭ އިން އެދެނީ ގޯނާ ނުކުރަން

09 ނޮވެމްބަރ 2023

އިރުވައި މޫސުމާ ދިމާކޮށް މި ދުވަސްވަރު އެކި ބާވަތުގެ ދޫނި ރާއްޖެއަށް ހިޖުރަކުރާނެ ކަމަށް ބެލެވޭތީ އެކަމަށް ސަމާލުވުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު އެދެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިރުވައި މޫސުމާ ދިމާކޮށް މި ދުވަސްވަރު އެކި ބާވަތުގެ ދޫނި ރާއްޖެއަށް ހިޖުރަކުރާނެ ކަމަށް ބެލެވޭތީ އެކަމަށް ސަމާލުވުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު އެދެފި އެވެ.

ކޮންމެ އަހަރަކު ވެސް އިރުވައި މޫސުމާ ދިމާކޮށް ދުނިޔޭގެ އެކި ހިސާބުތަކުން ރާއްޖެއަށް ތަފާތު ބާވަތްތަކުގެ ދޫނި ހިޖުރަކުރެ އެވެ.

އީޕީއޭ އިން ނެރުނު ސާކިއުލާއެއްގައި ބުނީ މިގޮތަށް ހިޖުރަކުރާ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް، ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރުންތަކެއް ކަމަށެވެ. ހިޖުރަކުރާ ދޫނިތައް ހިފައި އެ ތަކެތި ގެންގުޅުމަކީ އެ ގަވައިދުގެ ދަށުން މަނާކޮށްފައިވާ ކަމެއްކަން އެ އެޖެންސީން ހަނދާންކޮށްދިނެވެ.

އެ އެޖެންސީން ބުނި ގޮތުގައި، ރާއްޖެއިން ފެންނަ ގިނަ ބާވަތްތަކުގެ ދޫންޏަކީ މޫސުމާ ގުޅިގެން މިތަނަށް ހިޖުރަކުރާ ދޫންޏެވެ. އެހެންވެ، އެ ތަކެތި ރައްކާތެރިކުރުމަކީ ރާއްޖޭގެ ދިރުންތަކުގެ ސިންދަފާތު ނުވަތަ ގުދުރަތީ ވެށީގެ މުއްސަނދިކަން ރައްކާތެރިކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.

2021 ވަނަ އަހަރު ރާއްޖެ އަށް ހިޖުރަކުރި ގުޑުގުޑާ ދޫނިތަކެއް ށ. ފުނަދޫ ކުޅީގައި.

2021 ވަނަ އަހަރު ރާއްޖެ އަށް ހިޖުރަކުރި ގުޑުގުޑާ ދޫނިތަކެއް ށ. ފުނަދޫ ކުޅީގައި.

ނަމަވެސް، އީޕީއޭގެ ކަންބޮޑުވުމަކީ، ކޮންމެ އަހަރަކު މި ދުވަސްވަރާ ދިމާކޮށް ހިޖުރަކުރާ ދޫނިތައް ހިފައި ވިޔާފަރިކުރުމަށާއި މޫނިފޫހިފިލުވުމަށް ގެންގުޅޭ މައްސަލަތަކެވެ. އެ ކަހަލަ ކަންކަން ނުކޮށް، ގާނޫނާއި ގަވާއިދުތަކަށް އެންމެން ވެސް އަމަލުކުރުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބަލިވެފައިވާ ނުވަތަ އަނިޔާވެފައިވާ ދޫންޏެއް ފެނިއްޖެ ނަމަ އަމަލުކުރާނެ ގޮތް ވެސް އީޕީއޭ އިން ވަނީ ކިޔައިދީފަ އެވެ. އެއީ؛

• ދޫނީގެ ހާލަތު ބެލުމަށް ކައިރި އަށް ގޮސް އުދުހިގެންދޭތޯ ޔަގީންކޮށްލެވިދާނެ. ނަމަވެސް ހާލީގައި ތިބޭ ޅަދޫނީ އޭގެ ތެރޭގައި ނުހިމެނޭ.

• ދޫނި ބަލި ކަމަށް ފާހަގަވާ ނަމަ، ދޫނީގެ ފޮޓޯ އާއި ފެނުނު ތަނުގެ މައުލޫމާތާ އެކު އީޕީއޭ އަށް ރިޕޯޓްކުރުން.

• އީޕީއޭގެ އިރުޝާދުގެ ދަށުން ދޫނި ސަލާމަތުގެ އައްސޭރި އަށް ގެންދިއުމަށް ޖާގަ ހުރި ލޯވަޅު އަޅާފައިވާ ކަރުދާސް ފޮއްޓެއްގައި ގެންދެވިދާނެ.

• އަނިޔާވެފައިވާ ދޫންޏެއް ނަމަ ކުޑަ ތުވާއްޔެއްގައި މަޑުމަޑުން އޮޅާލައިގެން ވެސް ގެންދެވިދާނެ.

• ދޫންޏަށް ފެނާއި ކާނާ ދިނުމުގައި ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދު ދަށުން އަމަލުކުރުން އެދެވިގެންވޭ.

އީޕީއޭ އިން ބުނީ ގުދުރަތީ މާހައުލުގައި ދިރިއުޅޭ ދޫނިސޫފާސުއިތްޕަށް ކާންދިނުމަކީ އެ ސޮރުމެންގެ ގުދުރަތީ ސިފަތަކަށް ނުވަތަ އުޅުމަށް ބަދަލު އައިސް، އިންސާނުންގެ ފަރާތުން ޖެހޭ ބަލިތަކަށް ހުށަހެޅިގެންދާ ކަމެއް ކަމަށެވެ. އަދި މި ކަހަލަ ދޫނި ހިފައި އޮޅުކޮށްގެން ގެންގުޅުމުން ދޫނިތަކުގެ އާބާދީ އަށް އެކަމުން ނޭދެވޭ އަސަރު ފޯރާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ގަވާއިދާ ހިލާފަށް މި ކަހަލަ ދޫނިތައް ހިފައި ގެންގުޅޭ ބަޔަކު އެނގިއްޖެ ނަމަ، އީޕީއޭގެ ހޮޓްލައިން 7980379 އަށް ގުޅުމަށް ނުވަތަ secretariant@epa.gov.mv އަށް އީމެއިލް ކުރަން ވަނީ އެ އެޖެންސީގެ ސާކިއުލާގައި ވަނީ އެދިފަ އެވެ.

މިދިޔަ އަހަރުތަކުގައި ރާއްޖެ އަށް ވަނީ އެކި ބާވަތްތަކުގެ ދޫނި ހިޖުރަކޮށްފަ އެވެ. އޭގެ ތެރޭގައި ބާޒާއި ގުޑުގުޑާ ދޫނި ކަހަލަ ދޫނިތައް ހިމެނެ އެވެ. ރާއްޖެ އަށް ހިޖުރަ ކުރި ގުޑުގުޑާ ދޫންޏެއް ހިފައި އެ ވިއްކަން ވައިބާ ގްރޫޕެއްގައި ޖެހި މައްސަލަ 2021 ވަނަ އަހަރު ވަރަށް ބޮޑުވި އެވެ.