Roadha Mihaaru
ފެނުގެ ދަތިކަމުގައި އަންހެނުންގެ ހައްގުތަކެއް ގެއްލޭ

ފެން ލިބުން ދަތިވުމުގެ ސަބަބުން އަންހެނުންގެ ހައްގުތަކެއް ގެއްލޭ: ޝާހިދު

20 އޮކްޓޯބަރ 2021

ފެން ލިބުން ދަތިވުމުގެ ސަބަބުން އަންހެނުންގެ ބައެއް ހައްގުތައް ގެއްލޭ ކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފެން ލިބުން ދަތިވުމުގެ ސަބަބުން އަންހެނުންގެ ބައެއް ހައްގުތައް ގެއްލޭ ކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔެ އަށް ދިމާވެފައިވާ ފެނުގެ ދަތިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝާހިދު މިހެން ވިދާޅުވީ ހަތަރު ވަނަ ގްލޯބަލް ވޯޓާ އޮޕަރޭޓާސް ޕާޓްނާޝިޕްސް ކޮންގްރެސްގަ އެވެ.

އޭނާ ވިދާޅުވީ، 80 ޕަސެންޓް ގޭބިސީގައި ފެން ނެގުމުގެ ޒިންމާ އުފުލަން ޖެހޭ ބަޔަކީ އަންހެނުންނާއި އަންހެން ކުދިން ކަމަށެވެ. މީގެ ސަބަބުން ގިނަ ފަހަރަށް ދިގު ދަތުރުތައް ކުރަން ޖެހުމާއި ބަރުކޮށް އެއްޗެހި އުފުލަން ޖެހުމާއި ބައެއް ހާލަތުތަކުގައި އަނިޔާގެ ނުރައްކާ އެ މީހުންނަށް ކުރިމަތިވާ ކަމަށެވެ.

މި ކަންކަމަށް ހޭދަވާ ވަގުތުގެ ސަބަބުން އަންހެން ކުދިން ތައުލީމުން މަހުރޫމުވެ، އަންހެނުން އާމްދަނީ ހޯދުމުގެ ފުރުސަތުތައް މަދުވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އަންހެނުންނާއި އަންހެން ކުދިން ކޮންމެ ދުވަހަކު 200 މިލިއަން ގަޑިއިރު ފެން ނެގުމުގައި ހޭދަކުރާ ކަމަށް ރިޕޯޓުތައް ބުނާ ކަމަށް ވިދާޅުވި އެވެ.

"އެއްވެސް ހަމައެއްގައި މި ކަމެއް ރަނގަޅެއް ނޫން. މި ކަންކަމުން އަރައިގަންނަން މަސައްކަތްކުރަން އަޅުގަނޑުމެން އެބަ ޖެހޭ،" ޝާހިދު ވިދާޅުވި އެވެ.

މި ކޮންގްރެސްގެ ފުރަތަމަ ދުވަހު، އަންހެނުން ބާރުވެރިކުރުވުމާ ބެހޭ ގޮތުން މަޝްވަރާ ކުރާތީ ޖިންސުގެ ހަމަހަމަ ކަމަށް ވަކާލާތުކުރާ ބޭފުޅެއްގެ ހައިސިއްޔަތުން އުފާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ޝާހިދު ކުރިމަތިލެއްވިއިރު ވެސް އެންމެ ގަދަ އަށް ވަކާލާތު ކުރެއްވި އެއް ކަމަކީ ޖިންސުގެ ހަމަހަމަކަން ގާއިމު ކުރުމެވެ.

ފެނަކީ ހުރިހާ އެންމެންގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމުން، އެއީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅިފައިވާ ކަމެއް ކަމަށާއި ފެނުގެ މައްސަލަތަކަށް ހައްލެއް ނުގެނެސް ތައުލީމާއި ވަޒީފާތަކާއި ސިއްހީ ހިދުމަތްތަކާއި އަދި ތިމާވެއްޓަށް އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޔުނިސެފުން ބުނާގޮތުގައި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި 450 މިލިއަން ކުޑަކުދިން ހިމެނޭ ގޮތަށް، 1.42 ބިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ދަނީ އެކަށީގެންވާ ގޮތެއްގައި ފެން ނުލިބި އެވެ. އޭގެ މާނައަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކަށް އެ ކުދިންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ މިންވަރަށް ފެން ނުލިބުމެވެ.