Roadha Mihaaru
މޫސުމީ ނުރައްކާތަކުން ރައްކާތެރިކުރަން ޖެހޭ

ދުނިޔޭގެ ތިމާވެށީގެ ދުވަސް: ޖަޒީރާ ގައުމުތައް މޫސުމީ ކުއްލި ނުރައްކަލުގެ ހާލަތުން ރައްކާތެރިކުރަން ޖެހޭ

06 ޖޫން 2024

ދުނިޔޭގެ ތިމާވެށީގެ ދުވަސް ކޮންމެ އަހަރެއްގައި ފާހަގަކުރަނީ 5 ޖޫންގައެވެ. އަދި މި ދުވަސް ރަމުޒުކޮށްދެނީ ތިމާވެށްޓާމެދު ހޭލުންތެރިކަން އިތުރުކޮށް، ފިޔަވަޅު އެޅުމަށް ހިތްވަރު ދިނުމަށް ދުނިޔޭގެ ފެންވަރުގައި ކުރާ މަސައްކަތެވެ. މިތަނުގައި، ދިވެހިރާއްޖޭގައި، މިއީ މިއަދު އަޅުގަނޑުމެންގެ ތިމާވެށްޓާއި އަޅުގަނޑުމެންގެ ޖަޒީރާ މުޖްތަމަޢުތައް ނުރައްކަލަށް ހުށަހެޅޭ ގޮންޖެހުންތަކުން އަރައިގަތުމުގައި ހޯދިފައިވާ ކާމިޔާބީތަކާމެދު ވިސްނައި، އަޅުގަނޑުމެންގެ ޢަޒުމް އާކުރުމުގެ ފުރުޞަތެކެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ކޮންމެ އަހަރެއްގައި ފާހަގަކުރަނީ 5 ޖޫންގައެވެ. އަދި މި ދުވަސް ރަމުޒުކޮށްދެނީ ތިމާވެށްޓާމެދު ހޭލުންތެރިކަން އިތުރުކޮށް، ފިޔަވަޅު އެޅުމަށް ހިތްވަރު ދިނުމަށް ދުނިޔޭގެ ފެންވަރުގައި ކުރާ މަސައްކަތެވެ. މިތަނުގައި، ދިވެހިރާއްޖޭގައި، މިއީ މިއަދު އަޅުގަނޑުމެންގެ ތިމާވެށްޓާއި އަޅުގަނޑުމެންގެ ޖަޒީރާ މުޖްތަމަޢުތައް ނުރައްކަލަށް ހުށަހެޅޭ ގޮންޖެހުންތަކުން އަރައިގަތުމުގައި ހޯދިފައިވާ ކާމިޔާބީތަކާމެދު ވިސްނައި، އަޅުގަނޑުމެންގެ ޢަޒުމް އާކުރުމުގެ ފުރުޞަތެކެވެ.

ދިވެހިރާއްޖެއަކީ މޫސުމީ ކާރިސާގެ ނުރައްކަލަށް ވަރަށް ނާޒުކުކޮށް ހުށަހެޅިފައިވާ ޤައުމަކަށްވާއިރު، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސީދާ ނުރައްކާ ކުރިމަތިވެ، އަދި ރާއްޖޭގެ މުޖުތަމަޢުތަކުން މިހާރު ތަޖްރިބާ ކުރަމުންގެންދާ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކޮޅިގަނޑުތަކާއި ފެންބޮޑުވުމުގެ މައްސަލަތަކަށް މިރާއްޖޭގެ ތިރި ޖަޒީރާތައް ވަނީ ހުށަހެޅިފައެވެ. އިންސާނުންގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ކުއްލި ނުރައްކަލުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއަށް މެދުވެރިވެފައިވާ ޙާލަތަކީ، މުޅި ދުނިޔެއަށްވެސް މެދުވެރިވާނެ ޙާލަތެކެވެ. ހަމައެކަނި ދިވެހިރާއްޖެއިން ދެމިއޮތުމަށް ކުރާ މަސައްކަތަށްވުރެ، މި ކުޑަ ޖަޒީރާ ޤައުމުން ދަސްވި ފިލާވަޅުތަކާއި، ޢަމަލުކުރާ ގޮތްތަކަކީ، ދުނިޔެ ހޫނުވުމުގެ ޢާންމު ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ، ބޮޑެތި އަދި ކުދި ހުރިހާ ޤައުމުތަކަށާއި ދައުލަތްތަކަކަށްވެސް ބޭނުންހިފޭނެ ކަންތައްތަކެކެވެ.

ރަނގަޅު ދިރިއުޅުމެއް ބޭނުންވާ ފަރާތްތަކަށާއި، ކުރީގެ ޖީލުތަކަށްވުރެ ރަނގަޅު ގެދޮރާއި، އާމުދަނީ ހޯދުމުގެ ވަޞީލަތްތައް އަދި ހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް އެމީހުންގެ ޢާއިލާތަކަށާއި ދަރިންނަށް ހޯދައިދިނުމަށް މަސައްކަތްކުރާ މީހުންނަށާއި، ކަނޑުގެ އައްސޭރިފަށުގައި ދިރިއުޅޭ މުޖުތަމަޢުތަކަށް މޫސުމީ ކާރިސާގެ ސަބަބުން މެދުވެރިވަމުންދާ ގޮންޖެހުންތަކަށް ފިޔަވަޅުއަޅައި، ސިޔާސަތުތައް ބައްޓަންކުރުމަށް ދިވެހި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އދ. އަކީ، އެފަދަ ރަނގަޅު ދުނިޔެއެއް ޙަޤީޤަތަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ދެގޮތެއްނުވާ ބައިވެރިއެކެވެ.

މިކަން ހާސިލުކުރުމަށް މުހިންމު އެއް މަގަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސް.ޑީ.ޖީ.) ތަކެވެ. އެއީ، 17 ލަނޑުދަނޑި، 169 ޓާގެޓް، 247 ތަފާތު އިންޑިކޭޓަރސް ހިމެނޭ، އ.ދ. މެދުވެރިކޮށް ދުނިޔޭގެ ޤައުމުތަކާއި ދައުލަތްތަކުން އެންޑޯޒްކޮށްފައިވާ، އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެއްޓާއި، ކަނޑުގެ ރައްކާތެރިކަމަށާއި، ދިވެހި ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުން ހޯދޭ ކާމިޔާބީ ވަޒަންކުރަން ބޭނުންކުރެވިދާނެ ބެންޗްމާރކްތަކެއް ކަމުގައި ދިވެހި ސަރުކާރުން މަރުޙަބާ ކިޔާފައިވާ، ރަނގަޅު ދުނިޔެއަކަށްޓަކައި މިހާރުން މިހާރަށް ބޭނުންކުރެވޭނެ، އެންމެން ގުޅިގެން ތައްޔާރުކުރެވިފައިވާ ރެސިޕީއެކެވެ.

އިއާދަކުރަނިވި ހަކަތަ

ދިވެހިރާއްޖެއަށް ކުރަންޖެހިފައިވާ ނާޒުކު އެއް މަސައްކަތަކީ ހަކަތަ އުފެއްދުމަށާއި، ގިނަ އަދި ދުރަށް ފެތުރިފައިވާ އަތޮޅުތަކާއި ރަށްތަކަށް ދަތުރުފަތުރުކުރުމަށް އަގުބޮޑު ޑީސަލް ތެޔޮ ބޭނުންކުރެވޭ މިންވަރު މަދުކުރުމެވެ.

ޑީސަލް ތެޔޮ ބޭނުންކުރުން މަދުވުމަކީ ހުރިހާ ގޮތަކުންވެސް ފައިދާހުރި (ވިން-ވިން) ހައްލެކެވެ: އޭރުން، ކާބަން އެމިޝަން މަދުވުމާއިއެކު، މިހާރު ޤައުމީ އުފެއްދުންތެރިކަމުގެ (ޖީ.ޑީ.ޕީ.ގެ) 10 އިންސައްތައަށް އަރާ، އަގުބޮޑު، އިމްޕޯޓްކުރާ ތެލަށް ޚަރަދުކުރާ ބޭރު ފައިސާ މަދުކުރެވޭނެއެވެ. މާލެއާއި އެހެނިހެން އާބަން ސަރަޙައްދުތަކަށާއި، ކުދި ރަށްފުށުގެ މުޖުތަމަޢުތަކަށާއި، ރިސޯޓްތަކަށް ބޭނުންވާ ވިޔަފާރީގެ އުސޫލުން، ޕްރައިވެޓް ސެކްޓަރގެ އެއްބާރުލުމާއެކު ކުރިއަށް ގެންދެވޭ ސޯލާ އަދި އިއާދަކުރަނިވި ހަކަތައިގެ އެހެނިހެން ވަސީލަތްތައް އިތުރުކުރުމަށް ބައިނަލްއަޤްވާމީ އިންވެސްޓްމަންޓްތައް މިހާރުން މިހާރަށް ބޭނުންވެއެވެ. 33 އިންސައްތަ ގްރީން އެނާރޖީ ފޯރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމަކީ، ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ.

ކުނިބުނި އަދި ކަނޑަށް އެޅޭ ޕްލާސްޓިކް ކުނީގެ ބާވަތްތައް

އިމްޕޯޓުކުރާ ކާބޯތަކެއްޗާއި މުދަލަށް މީހުން ބަރޯސާވާން ޖެހިފައިވާ ކުދި ޖަޒީރާ ޤައުމުތަކުގައި، ޠަބީޢީގޮތުން ކުރިމަތިވާ ގޮންޖެހުންތައް ޒަމާނުއްސުރެ ދިވެހިރާއްޖެއިން ފާހަގަކުރެއެވެ.

ރައްކާތެރިކަމާއެކު ކުނި ނައްތާލުމާއި، އުފެދޭ ކުނީގެ މިންވަރު މަދުކުރުމަކީ، ދިވެހިރާއްޖޭގައި އައްސޭރިފަށުގައި ދިރިއުޅޭ މުޖުތަމަޢުތަކުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ވަރަށް ނާޒުކު ލަނޑުދަނޑިތަކެކެވެ. ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަކީ، ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެޅޭ ހުރަހެއް ކަމަށް މިނިސްޓްރީން އަންނަނީ އަޑު އުފުއްލަމުންނެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޕްލާސްޓިކް ކުނީގެ ނުރައްކަލާއި، ރާއްޖޭގެ ކަނޑުތަކުގައި އޮޔާދާ ކުނީގެ ނުރައްކަލަކީ، ލަފުޒީގޮތުން، ރާއްޖޭގެ އޮޅިގަނޑުގެ މައްޗަށް ލައްގާފައިވާ، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ދުނިޔޭގެ ފެންވަރުގެ ޓޫރިސްޓު ރިސޯޓުތަކުގެ ރީތިކަމަށް ނޭދެވޭ އަސަރުކުރާ މައްސަލައެކެވެ.

މޫސުމީ ކުއްލި ނުރައްކަލުގެ ހާލަތު

ހަލުވިކަމާއެކު ބަދަލުވަމުންދާ މޫސުމާއި، ވިއްސާރަ މޫސުމުގެ ސިފަތައް ބަދަލުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލިގެން ދިއުމުގެ އަސަރު އެންމެ ފުރަތަމަ ކުރާ ޤައުމެއްގެ ގޮތުން، ގްލޯބަލް ކެޕިޓަލް ފަންޑުތަކުން ކްލައިމެޓް ފައިނޭންސިން ހޯދުމަކީ ދިވެހިރާއްޖެއަށް ބޭނުން ބޮޑުވެފައިވާ ކަމެކެވެ. އެންޓިގުއާގައި ދާދިފަހުން ބޭއްވުނު އ.ދ.ގެ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް4) ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ފަދައިން، ދުނިޔެ ހޫނުވުމުގެ މެދުވެރިއެއް ކަމުގައި ނުވާ ޖަޒީރާ ޤައުމަކަށް، ބޭރުގެ ކްލައިމެޓް ފައިނޭންސިން ލިބުމަކީ، އަޚްލާޤީ ގޮތުން ލާޒިމު ކަމެކެވެ.

ކުރިމަގަށް ބަލާލާއިރު، ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްރަށުގެ ދެވަނައެއް ނުވާފަދަ ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ފެށޭ އައު އިސްނެގުންތަކަށާއި، ތިމާވެށީގެ ޢިލްމުގެ މަރުކަޒެއްގެ ގޮތުގައި ދިވެހިރާއްޖެއިން އަލަށް ކުޅެމުންދާ ދައުރު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރާއި އދ. އިން އިތުރު އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ބަޔޯޑައިވަރސިޓީ

ދިވެހިރާއްޖޭގެ ގޮނޑުދޮށާއި ކަނޑުގެ ދިރުންތަކުގެ ތަނަވަސް ހަޔަވީ ސިންދަފާތު (ބަޔޯޑައިވާސިޓީ) އަކީ މަސްވެރިކަމާއި ގަސްގަހާގެހި އަދި އިޤްތިޞާދީ ދިރިއުޅުމުގެ ޒަރިއްޔާއިން، ރާއްޖޭގެ ގުޅިލާމެހިފައިވާ މުޖުތަމަޢުތަކުގެ ވިލުންވެރިކަމުގެ ތަޅުދަނޑިއެވެ. ދިވެހިރާއްޖެއަކީ، ކަނޑުގެ ޞިއްޙަތާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވަގުތުން ވަގުތަށް އަދި ދިގުމުއްދަތުގައި ކުރާ ނޭދެވޭ އަސަރުތަކަށް ދައްކުވައިދޭ ދުނިޔޭގެ ލެބޯޓްރީއެއްގެ ގޮތުގައި ޙަރަކާތްތެރި ވެވިދާނެއެވެ.

ފަތުރުވެރިކަން

ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމާއި، ރާއްޖޭގެ އިޤްތިޞާދަށް މި ޞިނާއަތުގެ މުހިންމުކަން އިތުރުވަމުންދާ ދިޔުމުން، އޭގެ ސަބަބުން ގޮންޖެހުންތަކާއި ފުރުޞަތުތައް ހުށަހެޅިގެންދެއެވެ: ޑީސަލާއި ފޮސިލް ފިއުލްގެ ވަސީލަތްތަކަށް އިތުރަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެކެވެ. ފެހި ހަކަތައިގެ ޒަރިއްޔާއިން ޓޫރިސްޓް ރިސޯޓްތަކާއި އިންފްރާސްޓްރަކްޗަރއަށް ދެމެހެއްޓެނިވި މޮޑެލްއެއް ބިނާކުރުމާއި، ކުނި މަދުކުރުމާއި ބަޔޯ ނުވަތަ އިއާދަކުރަނިވި ތެލަށް ބަދަލުވުމުގެ މާނައަކީ، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ރަން މިންގަނޑަކަށް ދިވެހިރާއްޖެ ވާސިލުވެ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބްލޫޕްރިންޓެއް ފޯރުކޮށްދިނުމެވެ.

ފުރަތަމަ އިސްނެގުން

އ.ދ.އިން، ސަރުކާރުގެ ތިމާވެއްޓާއި ފަތުރުވެރިކަމުގެ ވުޒާރާތަކާއި އެކު، ދެމެހެއްޓެނިވި ފަތުރުވެރިކަމާ ބެހޭ ބައިނަލްއަޤުވާމީ ކޮންފަރެންސެއް ބާއްވައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާ ބެހޭ 4 ވަނަ ކޮންފަރެންސްގެ ހަކަތައާއި ޝައުޤުވެރިކަން އިތުރަށް ކުރިއަށް ނެރުމާއެކު، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކާއި ނެޓް ޒީރޯ ކާބަން ޓުއަރިޒަމް ޙާސިލުކުރުމަށް ބޭނުންވާ މަގުތައް ދެނެގަނެވިދާނެއެވެ.

ތަރައްޤީގެ މަގުގައި ޤައުމުން ގެންގުޅެންޖެހޭ ނާޒުކު ބެލެންސް، ދިވެހިރާއްޖެއަށް ވަރަށް ކުރީކޮޅު ވަނީ ވިސްނިފައެވެ. އަޅުގަނޑުމެންގެ ނާޒުކު މާހައުލީ ނިޒާމު (އިކޯސިސްޓަމް) ތަކާއި، ޖަޒީރާ ރަށްތަކުން އަޅުގަނޑުމެންގެ ވަރަށް އުއްމީދީ ތަރައްޤީގެ ލަނޑުދަނޑިތަކާއެކު ބެލެންސް ހޯދަން ޖެހެއެވެ. ދިވެހިރާއްޖެއަކީ މޫސުމާއި ތިމާވެށީގެ މައްސަލަތަކަށް ވަކާލާތު ކުރުމުގެ ފަޚުރުވެރި ތާރީޚެއް އޮތް ޤައުމެކެވެ. އަޅުގަނޑުމެން މި ފަޚުރުވެރި ސަގާފަތް ދަމަހައްޓާނަމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގެ ދަށުން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ދަނީ، އަޅުގަނޑުމެންގެ ތިމާވެށްޓަށް ބޭނުންވާ އުއްމީދީ ގިނަ ޕްލޭންތަކެއްގައި އިސްވެ ޙަރަކާތްތެރިވަމުންނެވެ. މިއަދު ދިވެހިރާއްޖެއިން ފެނިގެންދިޔައީ، ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމެއްގެ ފެށުމެވެ. މިޙަރަކާތަކީ، ވިލުންވެރިކަން ހާސިލުކުރުމަށާއި، ކާބަންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، އާމުދަނީ ހޯދުމުގެ ވަޞީލަތްތައް ހަރުދަނާކުރުމާއި، ތިމާވެށި ޙިމާޔަތްކުރުމުގެ މަޤްޞަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭ ޙަރަކާތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، ކެބިނެޓް ގެ ވަޒީރުން، ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބެވި ސަފީރުން، އަދި އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ ވަނީ، ދިވެހިރާއްޖޭގައި މަދު، ނުވަތަ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތުގެ ގަސްތަކެއް އިންދަވާފައެވެ. ދިވެހިރާއްޖެއިން، ކުނި މެނޭޖްކުރުމުގެ ޤައުމީ ސިޔާސަތާއި ސްޓްރެޓެޖީ ޕްލޭނެއްވެސް ވަނީ އިފްތިތާޙް ކޮށްފައެވެ. 'މަގޭ ސާފު ރާއްޖެ' ޕްލޭނަކީ ކުނީގެ މައިގަނޑު ސަބަބުތަކަށް ހައްލު ހޯދައިދިނުމުގެ އިތުރުން، ކުނި މެނޭޖްކުރުމުގެ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ ވަށައިޖެހޭ ޕްލޭނެކެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީއިން ވަނީ، އ.ދ.ގެ ޑިވެލޮޕްމަންޓް ސިސްޓަމާއި އަޅުގަނޑުމެންގެ ބައިވެރިންނާއި ގުޅިގެން، ތިމާވެށީގެ-އިޤްތިޞާދީ ތަފާސްހިސާބުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކްލީން ޕްރޮގްރާމާއި އިނީޝިއޭޓިވް އިފްތިތާޙް ކުރައްވާފައެވެ. މި ދެ އިސްނެގުމުގެ ސަބަބުން، ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން އިތުރު ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ މަސައްކަތް އެންމެ ކުރީ ސަފަށް ނެރެދިނުމާއި އެކު، މޫސުމަށް އިސްކަންދޭ ލީޑަރުންތަކެއް ކުރިއަށް ނެރުމުގައި އަޅުގަނޑުމެންގެ ކުޑަކުދިންނާއި ޒުވާނުންގެ ހަކަތައާއި އުފެއްދުންތެރިކަމާއި ޢަޒުމު އިތުރުވެގެންދާނެއެވެ.

އަޅުގަނޑުމެން އުންމީދު ކުރަނީ، މި މަސައްކަތްތަކުގެ ސަބަބުން، ސާފު މާޙައުލެއް އުފެދި، ޒިންމާދާރުކަމާއި، އާ އުފެއްދުންތަކާއި، މުޖުތަމަޢުގެ ރޫޙުގެ އަގުހުރި ފިލާވަޅުތަކެއް އަޅުގަނޑުމެންގެ ޒުވާނުންނަށް ދަސްވެގެންދާނެ ކަމަށެވެ.

މިއަދު އިފްތިތާޙް ކުރެވުނު މި އިސްނެގުންތަކާއި، މިނިސްޓްރީން ޒިންމާވާ ބިޔަ ޕޯޓްފޯލިއޯއާ ގުޅުވައިލުމުން ފެނިގެންދަނީ، ދިވެހިރާއްޖޭގެ ތަރައްޤީގެ ބައިވެރިންނާއި ގުޅިގެން ދެމެހެއްޓެނިވި ތަރައްޤީގެ އާ ބާބެއް ފެށިގެންދާ މަންޒަރެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގައި ކުރިއަށް އޮތް މަގަކީ ވަރަށް ސާފު އަދި ވަރަށް އުއްމީދީ މަގެކެވެ. އެހެން ކުދި ޖަޒީރާ ދައުލަތްތަކަށާއި، މޫސުމީ ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ހުރިހާ ޤައުމެއްގެ ލެބޯޓްރީއެއްގެ ގޮތުގައި ރާއްޖެއިން ކުރިއަށް ދާނެއެވެ. މީގެން ދައްކުވައިދެނީ، މިހާރު ޤާއިމުކުރެވިފައި ހުރި އަދި އާ ޕާޓްނަރޝިޕްތައް ކުރިއެރުވުމުގެ މުހިންމުކަމާއި، އަދި މޫސުމުގެ ސަބަބުން މެދުވެރިވާ ދަތިތަކާ ކުރިމަތިލުމުގައި އަޅުގަނޑުމެންގެ ޤާބިލުކަމާއި، ވިލުންވެރިކަން އިތުރަށް ތަރައްޤީކުރުމުގެ މުހިންމުކަމެވެ.

މިގޮތުން، ރާއްޖޭގެ ތަރައްޤީގެ ފަންވަތްތަކުގައި، އަޅުގަނޑުމެންނާއެކު ބައިވެރިވާ ޤައުމުތަކާއި، އ.ދ. ފަދަ އެޖެންސީތަކުން ވަރަށް ހަރުދަނާ ދައުރެއް އަދާކުރެއެވެ. އަޅުގަނޑުމެންގެ ހިތުގެ އެންމެ ފުންމިނުން މިފަރާތްތަކަށް ޝުކުރު ދަންނަވަމެވެ.

މި ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ކުރިއެރުމާއި ލާބަޔަށްޓަކައި، އ.ދ.އާއި، ޕާޓްނަރ އެޖެންސީތަކާއެކު މިގުޅުންތައް އިތުރަށް ފުޅާކޮށް ފުންކުރެވިގެން ދާނެކަމަށް އަޅުގަނޑުމެން އުއްމީދުކުރަމެވެ.

ނޯޓް: މިއީ ތިމާވެއްޓާ، ހަކަތަ އާއި މޫސުމާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމާއި، އދ.ގެ ވަގުތީ ރެޒިޑެންޓް ކޯޑިނޭޓާ ބްރެޑްލީ ބުސެޓޯ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.