Roadha Mihaaru
ފްލެމިންގޯތަކެއް ހިފައި 30،000ރ. އަށް ވިއްކަނީ

ރާއްޖެ އައި ފްލެމިންގޯތަކެއް ހިފައި، 30،000ރ. އަށް ވިއްކަނީ

19 އޮކްޓޯބަރ 2021

މި ދުވަސްވަރު ރާއްޖެ އަށް ހިޖުރަކުރާ ދޫނިތައް ހިފައި ގޯނާކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީޕީއޭ އިން ދީފައި ވަނިކޮށް، ފްލެމިންގޯތަކެއް ހިފައި 30،000ރ. އަށް އެ ވިއްކަން ޖަހައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ދުވަސްވަރު ރާއްޖެ އަށް ހިޖުރަކުރާ ދޫނިތައް ހިފައި ގޯނާކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީޕީއޭ އިން ދީފައި ވަނިކޮށް، ފްލެމިންގޯތަކެއް ހިފައި 30،000ރ. އަށް އެ ވިއްކަން ޖަހައިފި އެވެ.

މި ފްލެމިންގޯތައް އެންމެ ފުރަތަމަ ފެނިފައި ވަނީ ހއ. ފިއްލަދޫ ފުއްޓަރު ފަރާތު އަތިރިމަތިންނެވެ.

މި ދޫނިތަކުގެ ފޮޓޯ ނަގައި ސޯޝަލް މީޑިއާ އަށް ލި ހއ. ފިއްލަދޫގެ ޒުވާން ފޮޓޯގްރާފަރު އަބްދުﷲ އިހުވާން ބުނީ އެ ރަށު އަތިރިމަތިން މި ދޫނިތައް އެންމެ ފުރަތަމަ ފެނުނީ މިދިޔަ އާދިއްތަ ދުވަހު މެންދުރު ފަހު ކަމަށެވެ. އޭނާ ބުނީ އެ ފްލެމިންގޯ އައިނުގައި 14 ދޫނި ތިބި ކަމަށެވެ.

މާކަނާގެ އާއިލާ އަށް ނިސްބަތްވާ ފްލެމިންގޯ އަކީ މީގެ ކުރިން ދުވަހަކު ވެސް އެ ރަށު އަތިރިމަތިން ފެނުނު އެއްޗެއް ނޫނެވެ.

"އެ ދޫނިތައް ވަރަށް އޮޅު، ވިއްސަކަށް ފޫޓު ކައިރި އަށް ދިޔައިމާ ވެސް ރީތިކޮށް ތިބީ،" އެ ރަށުން އެއްވެސް މީހަކު ދޫނިތަކަށް ގޯނާ ނުކުރާ ކަމަށް އޭނާ ބުންޏެވެ.

އެ ދުވަހު އިރުއޮއްސެނިކޮށް އެ އައިނުން އެއް ދޫނި އުދުއްސާލުމުން، އޭގެ ފަހަތުން ހުރިހާ ދޫންޏެއް ދިޔަ އެވެ. އެ ދޫނިތައް މިސްރާބު ޖެހީ ހއ. ބާރަށާ ދިމާލަށެވެ.

"ބާރަށް މިތާ ވަރަށް ކައިރީގައި އޮންނާތީ ސީދާ އެނގޭ އެ ރަށަށްކަން ދިޔައީ،" އިހުވާން ބުންޏެވެ.

ވިއްކަން ޖެހީ ވައިބަ ގްރޫޕެއްގައި

ފްލެމިންގޯ ވިއްކަން ޖަހާފައި އޮތީ "ކުޅުދުއްފުށި ޕެޓް ލަވާސް" ކިޔާ ވައިބާ ގްރޫޕެއްގަ އެވެ. އެ ވިއްކަން ޖަހައިފައި އިން މީހާ އަށް "މިހާރު" އިން ގުޅުމުން ފޯނެއް ނުނަގަ އެވެ.

ބާރަށުން "މިހާރު" އާ ވާހަކަދެއްކި މީހަކު ބުނީ މި ފްލެމިންގޯތައް އެ ރަށަށް ދިއުމުން ބަޔަކު މީހުން ދާ ޖަހައިގެން ބައެއް ދޫނިތައް ހިފި ކަމަށެވެ. އަދި ދޫނިތައް ހިފަން ފެށުމުން އެއްކޮށް އުޅުނު އެ ހުރިހާ ދޫންޏެއް ބައިބައިވެ، އެކި ދިމަދިމާލަށް ދިޔައީ ކަމަށް ބުންޏެވެ.

މި މައްސަލައާ ގުޅޭ ގޮތުން އީޕީއޭ އިން މިއަދު ބުނީ ރާއްޖެ ހިޖުރަކުރި ފްލެމިންގޯތަކެއް ހިފައިގެން، އެ ވިއްކަން ޖެހި މައްސަލައެއް ފުލުހުންނާ ގުޅިގެން އެ އިދާރާ އިން މިހާރު ބަލަމުން އަންނަ ކަމަށެވެ. މިކަން ހިނގާފައި ވަނީ ވެސް މިހެން ހިޖުރަކުރާ ދޫނި ހިފައި ގޯނާކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ.

ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފައި ގޯނާކުރާ މީހުންނަށް، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދާއި ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވައިދުގެ ދަށުން ބޮޑެތި ޖޫރިމަނާތައް ކަނޑައެޅޭނެ އެވެ.