Roadha Mihaaru
ހޯރަފުއްޓަށް ގެއްލުންވީ ބިން ހިއްކިގޮތުން ކަމަށް ވެެދާނެ

ހޯރަފުއްޓަށް އެހާ ބޮޑަށް ގެއްލުންވީ އެއާޕޯޓް އަޅަން ބިން ހިއްކި ގޮތުން ކަމަށް ވެދާނެ: އީޕީއޭ

14 މެއި 2021

މުޅި ރާއްޖެއަ ށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ. ހޯރަފުއްޓާއި އެ ރަށުގެ އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެހެން ދިމާވީ، އެއާޕޯޓް އަޅަން ބިން ހިއްކި ގޮތުން ކަމަށް ވެދާނެ ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިރޭ ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މުޅި ރާއްޖެއަ ށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ. ހޯރަފުއްޓާއި އެ ރަށުގެ އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެހެން ދިމާވީ، އެއާޕޯޓް އަޅަން ބިން ހިއްކި ގޮތުން ކަމަށް ވެދާނެ ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިރޭ ބުނެފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ބޮޑު ހޭދައއް ކޮށްގެން ހުޅުވި އެއާޕޯޓަށް އުދައަރައި، ވަރަށް ބޮޑަށް ވަނީ ފެންބޮޑުވެފަ އެވެ. ރަންވޭ އާއި ހޯރަފުއްޓާ ގުޅާލާފައި އޮންނަ ކޯޒްވޭ އަށް ވެސް ރާޅާއެކު ގަލާއި ވެލި އަރާފައިވާއިރު، އެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ. އެއާޕޯޓުގެ އިތުރުން، ހޯރަފުއްޓަށް ވެސް ދަނީ ވަރަށް ބޮޑަށް އުދަ އަރަމުންނެވެ.

ހޯރަފުށީގެ މީހުން ބުނާ ގޮތުގައި، މީގެ ކުރިން މިހާ ބޮޑަކަށް އެ ރަށުގައި ފެނެއް ބޮޑެއް ނުވެ އެވެ.

ހޯރަފުށީ ފަޅުން ބިން ހިއްކައިގެން އެއާޕޯޓު ހެދި އިރު، އެ ރަށާ ގުޅާލާފައިވަނީ ކޯޒްވޭ އަކުން

ހޯރަފުށީ ފަޅުން ބިން ހިއްކައިގެން އެއާޕޯޓު ހެދި އިރު، އެ ރަށާ ގުޅާލާފައިވަނީ ކޯޒްވޭ އަކުން

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، އޮއިވަރަށް ބޮޑު ބަދަލެއް އަންނަ ގޮތަށް، ބިން ހިއްކުމުން އޭގެ ސަބަބުން އަސަރުތަކެއް ކުރާނެ ކަމަށެވެ. އެއާޕޯޓަށް އެހާ ބޮޑު ގެއްލުމެއް ލިބުނީ ބިން ހިއްކި ގޮތުން ކަމަށް ވުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން އެގޮތަށް އަރާ ރާޅު، ކަނޑާފައިވާ ނެރުން ބޭރުވި ނަމަވެސް، އެއާޕޯޓު ހެދުމަށް އެތަން މިހާރު ވަނީ ހިއްކައި، ރަށާ ގުޅާލައިފަ އެވެ. އެހެންވެ، ރާޅު ސީދާ ރަށުތެރެއަށް އަރަނީ އެވެ. ހުޅަނގުން ވައި އަންނައިރު، ނިވާވާނެ އެހެން ރަށެއް ނޯންނާނެ އެވެ. ކުރިން ރާޅު ބޭރުވާން އޮންނަ ޖާގަ ބައްދާލުވުމުން، އެއާޕޯޓު އަޅަން ހިއްކި ބިމަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރާނެ އެވެ.

ނައީމް ވިދާޅުވިގޮތުގައި ހޯރަފުށީގައި ބިން ހިއްކާފައިވަނީ، ރަށުގެ ފުއްޓަރު ފަރާތުން ކަނޑާ ވަރަށް ކައިރިންނެވެ. އެހެންވެ، އެ ސަރަހައްދުގެ އޮޔެވަރަށް ވަރަށް ބޮޑަށް ބަދަލު އަންނާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހޯރަފުއްޓަށް އުދައަރަނީ --.ފޮޓޯ: ސޯޝަލް މީޑިއާ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހޯރަފުއްޓަށް އުދައަރަނީ --.ފޮޓޯ: ސޯޝަލް މީޑިއާ

ބިން ހިއްކުން ފަދަ ބޮޑެތި މަޝްރޫއު ހިންގަނީ، ތިމާވެއްޓަށް ލިބިދާނެ ގެއްލުން ވަޒަން ކުރުމަށް އެންވަޔަރުމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމަށް ފަހު އެވެ.

ނައީމް ވިދާޅުވީ، އީއައޭ ހަދާއިރު އެ ކަހަލަ ކަންކަން ކުރިމަތިވެދާނެ ކަމަށް ބުނެފައި އޮންނާނެ ކަމަށެވެ. އެހެންވެ، އެކަމުން ރައްކާތެރިވުމަށް ގޮނޑުދޮށް ހިމާޔަތް ކުރުމަށް، ވަރަށް ވަރުގަދަ އަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް އަންގާފައި ވާނެ ކަމަށް ވިދާޅުވި އެވެ.

"އެކަމަކު އޭގައި [އީއައިއޭ]ގައި އޮންނަ ހުރިހާ ކަމެއް ކުރެވިފައެއް ނޫން ހުންނަނީ. މިކަމަށް ދާއިމީ ހައްލެއް ހޯދަން ޖެހޭނެ" ނައީމް ވިދާޅުވި އެވެ.

ހޯރަފުށީގެ ބައެއް މީހުން އީޕީއޭގެ ވާހަކަ އަށް ތާއީދު ކުރި ނަމަވެސް، ކައުންސިލްގެ ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި، ރަށަށް އެހާ ބޮޑަށް އުދައެރުމާ ބިން ހިއްކުމާ ބޮޑު ގުޅުމެއް އޮތް ކަމަކަށް ނުބެލެވެ އެވެ.

"މިއީ ހަމަ މޫސުމީ ކަމެއް. މިފަދަ ވަރުގަދަ ކޮޅިގަނޑެއް އަދި އަޅުގަނޑުމެން ދުވަހަކު ވެސް ނުދެކެން. އެހެންވެ، ނެރެއް ބައްދާލައިގެން އެހާ ބޮޑަށް އުދައެރީ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ކައުންސިލްގެ މެމްބަރަކު ވިދާޅުވި އެވެ.

ރަށަށް އަރާ އުދައިން ރައްކާތެރިވުމަށް، ކައުންސިލުން މިހާރު އަންނަނީ ބައެއް ސަރަހައްދުތަކުގައި ވެލި ބަސްތާ ޖަހަމުންނެވެ. އެކަމަކު ނައީމް ވިދާޅުވީ ހުޅަނގު މޫސުމުގައި މި ގޮތަށް ގަދަވާއިރު ހަމައެކަނި ވެލި ބަސްތާ ޖަހައިގެން ހައްލު ނުހޯދޭނެ ކަމަށެވެ.