Roadha Mihaaru
"ލޯޑް އޮފް ރިންގްސް" ދޫކޮށްލެވުމަކީ މޮޔަކަމެއް

"ލޯޑް އޮފް ރިންގްސް" ދޫކޮށްލެވުމަކީ ކުރެވުނު ވަރަށް މޮޔަކަމެއް: ބްރޮޑީ

19 އޮކްޓޯބަރ 2021

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ލޯޑް އޮފް ދަ ރިންގްސް" ޓްރިލޮޖީގައި މަސައްކަތް ކުރަން ލިބުނު ފުރުސަތު ދޫކޮށްލެވުމަކީ ކެރިއަރުގައި ނިންމުނު ވަރަށް މޮޔަ ނިންމުމެއް ކަމަށް އެކްޓަރު އެޑްރިއެން ބްރޮޑީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ލޯޑް އޮފް ދަ ރިންގްސް" ޓްރިލޮޖީގައި މަސައްކަތް ކުރަން ލިބުނު ފުރުސަތު ދޫކޮށްލެވުމަކީ ކެރިއަރުގައި ނިންމުނު ވަރަށް މޮޔަ ނިންމުމެއް ކަމަށް އެކްޓަރު އެޑްރިއެން ބްރޮޑީ ބުނެފި އެވެ.

ދެހާސް ދޭއްގެ "ދަ ޕިއާނިސްޓް" އޮސްކާ އެވޯޑް ވެސް ހޯދި 48 އަހަރުގެ އެކްޓަރު ޖީކިއު އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ކުޅުނު 2005 ގެ ފިލްމު "ކިން ކޮން" ގެ ޑައިރެކްޓަރު ޕީޓާ ޖެކްސަން ގެނެސްދިން "ލޯޑް އޮފް ދަ ރިންގްސް" ގެ ތިން ފިލްމުގެ ފުރަތަމަ ފިލްމު 2001 ގެ "ފެލޯޝިޕް އޮފް ރިންގްސް" ދޫކޮށްލެވުމަކީ ފަހުން ވަރަށް ދެރަވި ކަމެއް ކަމަށެވެ.

"ކުޅެން ލިބުނު ކެރެކްޓާ މުޅިން ކަށަވަރުނުވެ އެ ދޫކޮށްލެވުމަކީ އަބަދު ވެސް ހިތާމަކުރާނެ ކަމެއް. އެ ފިލްމު ދޫކޮށްލެވުމަކީ ހަގީގަތުގައި ވެސް ވަރަށް މޮޔަ ނިންމުމެއް،" ބްރޮޑީ ބުންޏެވެ. "ހަނދާން ވަނީ އެއިން އަހަންނާ ވާހަކަ ދެކެވުނީ ހޮބިޓް ކަހަލަ ކެރެކްޓާއަކަށް ކަމަށް. އެކަމަކު އަހަރެން އުންމީދުކުރީ އެ ނޫން ރޯލެއް."

ބްރޮޑީ ބުނި ގޮތުގައި "ފެލޯޝިޕް އޮފް ރިންގްސް" ބަލަން އޭރުގެ ލޯބިވެރިޔާއާ އެކު ސިނަމާގައި އިން އިރު އޭނާ ވެސް ފިލްމު ދޫކޮށްލުމަކީ ގޯހެއް ކަމަށް ބުނެ ވާހަކަ ދެއްކި ކަމަށެވެ.

"ހަމަ ހަގީގަތުގައި ވެސް އަހަރެން އުންމީދުކުރި ވަރަށް ވުރެ މާ ފުރިހަމަ ފިލްމެއް އެއީ." ޖުލައި މަހު ކާންސް ފިލްމު ފެސްޓީވަލްގައި ޕްރީމިއާކޮށް މިހާރު މި މަހުގެ 22 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ އެންތޮލޮޖީ ފިލްމު "ދަ ފްރެންޗް ޑިސްޕެޗް" ގެ ކާސްޓްގައި ހިމެނޭ އެކްޓަރު ބުންޏެވެ.

ބްރޮޑީ ބުނީ "ކިން ކޮން" ގައި ޖެކްސަނާ އެކު މަސައްކަތް ކޮށްފައި، "ލޯޑް އޮފް ދަ ރިންގްސް" ކަހަލަ ބޮޑު ބަޖެޓް ފިލްމަކުން ލިބުނު ފިރުސަތު ދޫކޮށްލެވުމަކީ ކުރެވުނު މޮޔަކަމެއް ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އެއީ ދުވަހަކު ވެސް ހިތުންނުފިލާ ވަރުގެ ގެއްލުމެއް ކަމަށް ބުންޏެވެ.

"ލޯޑް އޮފް ދަ ރިންގްސް" ޓްރޮލޮޖީ އަކީ ހޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފެންޓަސީ އެޑްވެންޗާ އެވެ. މީގެ ފުރަތަމަ ބައި 2001 ގައި ގެނެސްދިނުމަށް ފަހު ދެވަނަ ބައި "ދަ ޓޫ ޓަވާޒް" ގެނެސްދިނީ 2002 ގަ އެވެ. އަދި ތިން ވަނަ ބައި "ދަ ރިޓާން އޮފް ދަ ކިންގް" ރިލީޒްކުރީ 2003 ގަ އެވެ.

ތިން ފިލްމަށް ޖުމްލަ 281 މިލިއަން ޑޮލަރު ހޭދަކުރި އިރު، ބޮކްސް އޮފީހުގައި ތިން ފިލްމަށް 2.991 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

ބްރޮޑީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބްލޮންޑް" އާއި "އެލް ޓޮންޓޯ" އާއި "ސީ ހައު ދޭ ރަން" އަދި "އެސްޓްރޮއުޑް ސިޓީ" ހިމެނެ އެވެ.