Roadha Mihaaru
ހެއްކާ ބެހޭ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

މަސްދަރު ހާމަކުރަން މަޖުބޫރުކުރާ ހެއްކާ ބެހޭ ބިލަށް އާންމުންގެ ހިިޔާލު ހޯދަނީ

17 އޮކްޓޯބަރ 2021

ނޫސްވެރިން، އެ މީހުން މައުލޫމާތު ހޯދި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ހެއްކާ ބެހޭ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މިއަދު ހުޅުވާލައިފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ނޫސްވެރިން، އެ މީހުން މައުލޫމާތު ހޯދި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ހެއްކާ ބެހޭ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މިއަދު ހުޅުވާލައިފި އެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށް މަޖުބޫރުކުރެވޭ ގޮތަށް މާއްދާއެއް ހިމަނާފައި ވާތީ، މަޖިލީހުގެ ބައެއް މެންބަރުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ. އޭގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ބުނެ އެ މާއްދާ އަނބުރާ ގެންދަންވެސް ގޮވާލި އެވެ.

އެކަމަކު އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި މިހާރު ވަނީ ކޮމިޓީން ދިރާސާކުރުމަށް ފޮނުވައިފަ އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރަމުންދާ ހެއްކާބެހޭ ބިލަށް ހިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އެހެންވެ އެ ބިލަށް އެއްވެސް އިސްލާހެއް އޮތް ނަމަ އަންނަ ނޮވެމްބަރު މަހުގެ 30 ގެ ކުރިން ހުށަހެޅުމަށް މަޖިލީހުން ވަނީ އެދިފަ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލަށް ހިޔާލު ހުށަހެޅުމަށް ވެސް މިއަދު ވަނީ ހުޅުވާލައިފަ އެވެ. އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 31 އެވެ.

މި ދެ ބިލުގެ ތެރެއިން ގިނަ ބައެއްގެ ކަންބޮޑުވުން އޮތީ ހެއްކާ ބެހޭ ބިލާ މެދުގަ އެވެ.

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު، ވަކި ހާލަތްތަކެއްގައި ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް އޮތީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގަ އެވެ. އެ މާއްދާގެ (ހ) ގައި އޮތީ މަސްދަރު ހާމަކުރުމުގެ ސަބަބުން، އެ މީހާ އަށް ނުވަތަ އެހެން ފަރާތަަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ، މަސްދަަރު ހާމަކުރުމުގެ އާއްމު މަސްލަހަތު ބޮޑުވާ ހާލަތުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ. މަސްދަރު ހާމަކުރަން ނޫސްވެެރިޔާއަަށާއި އޭނާ މަސައްކަތްކުރާ މީޑިއާ އަށް މަޖުބޫރު ކުރުމުގެ ބާރު ވެެސް އެ މާއްދާ އިން ފަނޑިޔާރުންނަށް ލިބިދެ އެވެ.

މަސްދަރު ހާމަނުކުރުމުގެ ހައްގަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާ އިން ނޫސްވެރިންނަށް ލިބިދީފައިވާ ހައްގެކެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުގައި، މަސްދަރު ހާމަކުރުމަށް ނޫސްވެރިންނަށް އެއްވެސް ފަރާތަކުން މަޖުބޫރު ކޮށްގެން ނުވާނެ އެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަނީ 1976 ވަނަ އަހަރު އެކުލަވައި ހެއްކާ ބެހޭ ގާނޫނަކަށެވެ. އެ ގާނޫނުގައި އޮންނަނީ ވެސް އެންމެ ހަތް މާއްދާ އެވެ. ހެއްކާ ބެހޭގޮތުން އަމަލު ކުރާ ގާނޫނަކަށް ދެން އޮންނަނީ 1972 ވަނަ އަހަރުގެ އަންހެނުންގެ ހެކިބަހުގެ ގާނޫނެވެ. މަޖިލީހުގައި މިހާރު އަމަލުކުރަމުން އަންނަ ހެއްކާ ބެހޭ ބިލު ފާސްކުރުުމުން އެ ދެ ގާނޫނު އުވޭނެ އެވެ.