Roadha Mihaaru
ހުރިހާ މެޗަކުން މޮޅުވެ، ޑެންމާކު ވެސް ވޯލްޑް ކަޕަށް

ހުރިހާ މެޗަކުން މޮޅުވެ ޑެންމާކު ވެސް ވޯލްޑް ކަޕަށް

13 އޮކްޓޯބަރ 2021

ކޯޕަންހޭގަން (އޮކްޓޯބަރު 12) - ބައިކޮޅަށް ގޯލެއް ނުވަދެ، ހުރިހާ މެޗެއް ކާމިޔާބުކޮށްގެން، އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ޑެންމާކު ކޮލިފައިވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކޯޕަންހޭގަން (އޮކްޓޯބަރު 12) - ބައިކޮޅަށް ގޯލެއް ނުވަދެ، ހުރިހާ މެޗެއް ކާމިޔާބުކޮށްގެން، އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ޑެންމާކު ކޮލިފައިވެއްޖެ އެވެ.

ޑެންމާކުން ވޯލްޑް ކަޕުގެ ޖާގަ ޔަގީންކުރީ ރޭ އޮސްޓްރިއާއާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުގައި ޑެންމާކުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ފުލްބެކް ޔޯކިމް މޭލަ އެވެ. ޑެންމާކުން ކުޅުނު އަށް މެޗުން 27 ލަނޑު ޖެހިއިރު، ބައިކޮޅަށް ގޯލެއް ނުވަދެ އެވެ.

ދެވަނައިގައި އޮތް ސްކޮޓްލެންޑް ވަނީ ރޭ ފެރޯ އައިލެންޑްސްއާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބުކޮށްފަ އެވެ.

ޑެންމާކު ހިމެނޭ ގުރޫޕް އެފްގެ ކޮންމެ ޓީމަކަށް ވެސް ބާކީ ދެ މެޗް އޮތްއިރު، ޑެންމާކު އެއްވަނައިގައި އޮތީ، ދެވަނައިގައި އޮތް ސްކޮޓްލެންޑަށް ވުރެން ހަތް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.

ޑެންމާކުގެ އިތުރުން ޖަރުމަން ވެސް ވަނީ އާދިއްތަ ދުވަހުގެ ރޭ ނޯތު މެސެޑޯނިއާއާ ވާދަކުރި މެޗު ކާމިޔާބުކޮށް، ވޯލްޑް ކަޕުގެ ޖާގައެއް ޔަގީން ކޮށްފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ޔޫރަޕުގައި ކުޅުނު އިތުރު މެޗްތަކަށް ބަލާއިރު، ސްވިޑެން ވަނީ 2-0 އިން ގްރީސް ބަލިކޮށް، ސްޕެއިން އަށް ވުރެން ދެ ޕޮއިންޓް އިތުރަށް ހޯދައި ގުރޫޕް ބީގެ އެއްވަނައަށް ޖެހިލައިފަ އެވެ.

ސްވިޒަލެންޑް ވެސް ވަނީ ރޭ 4-0 އިން ލިތުއޭނިއާ ބަލިކޮށް، ގުރޫޕް ސީގައި އިޓަލީއާ އެއްވަރަށް 14 ޕޮއިންޓް ހަމަކޮށްފަ އެވެ. މި ގުރޫޕުގެ ބާކީ ތިން ޓީމު ކޮލިފައިން އިން ކެޓިއިރު، ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ލިބޭނީ ސްވިޒަލެންޑާއި އިޓަލީ ތެރެއިން ގުރޫޕްގެ އެއްވަނަ ހޯދާ ޓީމަކަށެވެ. ދެ ޓީމަށް ވެސް ގުރޫޕުގައި ބާކީ ދެ މެޗް އެބައޮތެވެ.