Roadha Mihaaru
އެމެރިކާ އާއި އިންގްލެންޑާއެކު އިރާން އެއް ގުރޫޕަކަށް

އެމެރިކާ އާއި އިންގްލެންޑާއެކު އިރާން އެއް ގުރޫޕެއްގައި ލައްވާލުމުން ސަމާލުކަން އިތުރުވެއްޖެ

02 އެޕްރީލް 2022

ދޯހާ (އޭޕްރީލް 1) - ގަތަރުގައި މިއަހަރު ބާއްވާ ވޯލްޑް ކަޕުގައި، އަސްކަރީގޮތުން ބާރުގަދަ އެމެރިކާ އާއި އިންގްލެންޑާއެކު އިރާން އެއް ގުރޫޕެއްގައި ލައްވާލުމުން، އެގުރޫޕާ މެދު ސަމާލުކަން ބޮޑު ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދޯހާ (އޭޕްރީލް 1) - ގަތަރުގައި މިއަހަރު ބާއްވާ ވޯލްޑް ކަޕުގައި، އަސްކަރީގޮތުން ބާރުގަދަ އެމެރިކާ އާއި އިންގްލެންޑާއެކު އިރާން އެއް ގުރޫޕެއްގައި ލައްވާލުމުން، އެގުރޫޕާ މެދު ސަމާލުކަން ބޮޑު ވެއްޖެ އެވެ.

މިއީ ދުނިޔޭގެ އަސްކަރީ ބާރުވެރިކަމުގައި ވެސް ވަރަށް ވާދަވެރި ތިން ގައުމެވެ. އެމެރިކާ އިސްވެ އޮވެ މީގެ ކުރިން އިރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ވެސް އެމެރިކާގެ އެންމެ ގާތް މަދަދުވެރިއެއްގެ ގޮތުގައި އޮންނަނީ އިންގްލެންޑެވެ.

ގުރޫޕް ބީގައި މިތިން ގައުމުގެ ތެރެއަށް ވަންނާނެ އަނެއް ގައުމަކަށް، މިހާރު ވެސް ހަނގުރާމައިގެ އަޑިގަނޑަކަށް ވެއްޓިފައިވާ ޔޫކްރޭން ވެސް ވެދާނެ އެވެ. ޔޫރަޕްގެ ޕްލޭއޮފް ބުރުގެ ފަހު ޖާގަ އަށް ޔޫކްރޭންގެ އިތުރުން ދެން ވާދަކުރާނީ ސްކޮޓްލެންޑާއި ވޭލްސް އެވެ. ގުރޫޕް ބީގެ ހަތަރުވަނަ ޖާގަ ލިބެނީ މިތިން ޓީމުގެ ތެރެއިން ޓީމަކަށެވެ. އެޓީމެއް ކަށަވަރު ވާނީ ޖޫން މަހު ކުޅޭ ޕްލޭއޮފް ބުރުންނެވެ.

ގުރޫޕް ބީގައި ފުޓްބޯޅައިގެ ބާރަކަށް އޮތީ އިންގްލެންޑް އެކަންޏެވެ. ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އިންގްލެންޑް ދަތުރުކުރި އެވެ. އަދި މިދިޔަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ވެސް ކުޅުނެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕަށް އެމެރިކާ ކޮލިފައި ނުވެ އެވެ. އިރާން އަކީ އޭޝިއާގެ ފުޓްބޯޅައިގެ ގަދަބާރެކެވެ.

ގަތަރަށް ވޯލްޑް ބާއްވަން ބިޑް އެވޯޑް ކުރި ހިސާބުން ފެށިގެން، އެކަމާ ދެކޮޅަށް އެންމެ ގަދައަށް އަޑުފެތުރި ބަޔަކީ އިނގިރޭސިންނެވެ. މިއަހަރު ބާއްވާ ވޯލްޑް ކަޕަށް އިންގްލެންޑުން ވެސް ބިޑް ހުށަހެޅި އެވެ. އެކަމަކު ފީފާގެ ކޮންގްރެސްއިން ފާސް ކުރީ ގަތަރަށް ބިޑް އެވޯޑް ކުރުމަށެވެ. އެހާހިސާބުން ފެށިގެން އިނގިރޭސި މީޑިއާއިން ވަނީ ވޯލްޑް ކަޕް ބިޑް ކާމިޔާބު ކުރުމުގައި ގަތަރުން ރިޝްވަތު ދިން ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އޭގެ ފަހުން ގަތަރުގައި އިންސާނީ ހައްގުތައް އޮތްގޮތުގެ ވާހަކަތައް އިނގިރޭސި މީޑިއާގައި ފެންމަތި ކުރި އެވެ. އިނގިރޭސި ކޯޗު ގެރެތު ސައުތުގޭޓް ދާދި ފަހުން ވެސް ވަނީ ގަތަރުގައި އިންސާނީ ހައްގުތައް އޮތް ދަރަޖައާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނޮވެމްބަރު 21 ގައި ފަށާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗު ޑޭ ގައިވެސް އިންގްލެންޑް ކުޅޭނެ އެވެ. އެ މެޗުގައި އެޓީމު ނުކުންނާނީ އިރާނާ ދެކޮޅަށެވެ.

މިއީ އަމިއްލަ ފަސްގަނޑުގައި 1966 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ފަހު، އިންގްލެންޑުން ވޯލްޑް ކަޕްގެ ފުރަތަމަ މެޗު ޑޭގައި ކުޅެން ޖެހޭނެ ފުރަތަމަ ފަހަރެވެ. އެއީ އިންގްލެންޑުން ވޯލްޑް ކަޕް ކާމިޔާބު ކުރި ހަމައެކަނި ފަހަރު ވެސް މެއެވެ.

ވާދަވެރި ގުރޫޕަކީ ޖަރުމަނާއި ސްޕެއިން ހިމެނޭ ގުރޫޕް އީ

ފުޓްބޯޅައިގެ ވަރުގަދަ ދެބާރެއް އެއްގުރޫޕަކަށް ލައްވާލީ ގުރޫޕް އީގަ އެވެ. ވޯލްޑް ކަޕް ހަތަރު ފަހަރު ހޯދައިފައިވާ ޖަރުމަނާއި އެއްފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ސްޕެއިން ލައްވާލީ އެގުރޫޕްގަ އެވެ. ދެން އޮތީ އޭޝިއާގެ ގަދަބާރު ޖަޕާނެވެ. އެގުރޫޕްގެ ހަތަރުވަނަ ޖާގަ ލިބޭނީ ނިއުޒިލެންޑާއި ކޮސްޓަރިކާ ކުޅޭ އިންޓަ ކޮންޓިނެންޓް ޕްލޭއޮފުން މޮޅުވާ ޓީމަކަށެވެ.

އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ލައްވާލީ ޓިއުނީޝިއާ އާއި ޑެންމާކާއެކު ގުރޫޕް ގުރޫޕް ޑީގަ އެވެ. އެގުރޫޕްގެ ހަތަރުވަނަ ޖާގަ ލިބެނީ އިންޓަކޮންޓިނެންޓް ޕްލޭއޮފްއިން މޮޅުވާ ޓީމަކަށެވެ. އެޖާގައަށް ވާދަކުރަނީ އޮސްޓްރޭލިއާ އާއި އެރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ޕެރޫ އެވެ. އޭޝިއާގެ ޕްލޭއޮފްގައި އޮޮސްޓްރޭލިއާ އާއި ޔޫއޭއީ ކުޅޭ މެޗުން މޮޅުވާ ޓީމެއް ވާދަކުރާނީ ޕެރޫ އާއެވެ.

އެންމެފަހުގެ ރަނަރަފް ކްރޮއޭޝިއާ ލައްވާލި ގުރޫޕަކީ ވެސް ފުޓްބޯޅައިގެ ނަޒަރުން ވާދަވެރިވާނެ ގުރޫޕެކެވެ. އެގުރޫޕްގައި ދެން އޮތީ މިހާރު ޔޫރަޕްގެ ގަދަބާރެއްގެ ގޮތުގައި ބަލާ ބެލްޖިއަމް އެވެ. އެކަމަކު ހަތަރު އަހަރަށްފަހު އެޓީމަށް ވަނީ ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމު ގެއްލިފަ އެވެ. އެގުރޫޕްގައި ދެން އޮތީ މޮރޮކޯ އާއި ކެނަޑާ އެވެ.

މިހާރު ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތީ މުބާރާތުގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދި ބްރެޒިލް އެވެ. އެޓީމު ލައްވާލީ ސްވިޑަލެންޑާއި ސާބިިއާ އަދި ކެމެރޫން އާއެކު ގުރޫޕް ޖީ ގަ އެވެ.

ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ ލައްވާލީ ގުރޫޕް ސީގަ އެވެ. އެގުރޫޕްގައި ދެން އޮތީ މެކްސިކޯ އާއި ޕޮލެންޑާއި ސައުދީ އަރަބިއާ އެވެ. މުބާރާތް ބާއްވާ ގައުމު ގަތަރާ އެކު ގުރޫޕް އޭގައި އޮތީ މެދުކެނޑުމަކަށް ފަހު ވޯލްޑް ކަޕްގައި ވާދަކުރާ ނެދަލެންޑްސް އާއި ސެނެގާލްގެ އިތުރުން އެކުއެޑޯ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް އޮތީ އުރުގުއޭ އާއި ދެކުނު ކޮރެއާ އަދި ގަނާ ހިމެނޭ ގުރޫޕް އެޗް ގަ އެވެ.

ވޯލްޑް ކަޕްގެ ގުރުލައްވާލި ގޮތް

ގުރޫޕް އޭ: ގަތަރު، އެކުއެޑޯ، ސެނެގާލް، ނެދަލެންޑްސް

ގުރޫޕް ބީ: އިންގްލެންޑް، އިރާން، އެމެރިކާ، (ވޭލްސް / ސްކޮޓްލެންޑް ނުވަތަ ޔޫކްރޭންގެ ތެރެއިން ކޮންމެވެސް އެއް ޓިމެއް)

ގުރޫޕް ސީ: އާޖެންޓީނާ، ސައުދީ އަރަބިއާ، މެކްސިކޯ، ޕޮލެންޑް

ގުރޫޕް ޑީ: ފްރާންސް، ޑެންމާކް، ޓިއުނީޝިއާ (ޕެރޫ / އޮސްޓްރޭލިއާ ނުވަތަ ޔޫއޭއީގެ ތެރެއިން ކޮންމެވެސް އެއް ޓީމެއް)

ގުރޫޕް އީ: ސްޕެއިން، ޖަރުމަން، ޖަޕާން (ކޮސްޓަރިކާ / ނިއު ޒިލެންޑްގެ ތެރެއިން ކޮންމެވެސް އެއް ޓީމެއް)

ގުރޫޕް އެފް: ބެލްޖިއަމް، ކެނަޑާ، މޮރޮކޯ، ކްރޮއޭޝިއާ

ގުރޫޕް ޖީ: ބްރެޒިލް، ސާބިއާ، ސްވިޒަލެންޑް، ކެމެރޫން

ގުރޫޕް އެޗް: ޕޯޗުގަލް، ގާނާ، އުރުގުއޭ، ދެކުނު ކޮރެއާ

މިއަހަރުގެ ވޯލްޑް ކަޕަކީ 32 ޓީމު ހިމަނައިގެން ބާއްވާ އެންމެ ފަހު ވޯލްޑް ކަޕެވެ. މިއަހަރަށް ފަހުން ދެން ވޯލްޑް ކަޕް އޮންނާނީ 2026 ގަ އެވެ. އެމުބާރާތް ބާއްވާނީ އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯ ގުޅިގެންނެވެ. އެމުބާރާތުން ފެށިގެން 48 ޓީމު ވޯލްޑް ކަޕްގައި ދެން ވާދަކުރާނެ އެވެ.