Roadha Mihaaru
36 އަހަރަށްފަހު ކެނެޑާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

36 އަހަރަށް ފަހު ކެނެޑާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

28 މާޗް 2022

ޓޮރޮންޓޯ (މާޗް 28) - ގާތްގަނޑަކަށް 36 އަހަރުގެ މެދުކެނޑުމަކަށް ފަހު ކެނެޑާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓޮރޮންޓޯ (މާޗް 28) - ގާތްގަނޑަކަށް 36 އަހަރުގެ މެދުކެނޑުމަކަށް ފަހު ކެނެޑާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ އެވެ.

ޖަމައިކާގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ރޭ ކާމިޔާބު ހޯދައި، އުތުރު އެމެރިކާ ބައްރުގެ އެއްވަނަ މަގާމު ކެނެޑާއިން ވަނީ ކަށަވަރުކޮށްފަ އެވެ. ކެނެޑާ އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނީ މެކްސިކޯގައި 1986 ގައި ބޭއްވި މުބާރާތުގަ އެވެ.

"އަހަންނަށް ހީވަނީ އަހަރެމެން މިކަން ހާސިލުކޮށްފާނެ ކަމަކަށް މި ގައުމު ގަބޫލެއް ނުކުރޭހެން. ސަބަބަކީ އެމީހުން އަހަރެމެންނަށް އިތުބާރު ކުރަން ޖެހޭ އެއްވެސް ކަމެއް މީގެ ކުރިއަކުން އަހަރެމެންނަށް ދެއްކިފައެއް ނެތް،" ކެނެޑާގެ ކާމިޔާބުގެ ފަހަތުގައި ހުރި ޓީމުގެ ކޯޗު ޖޯން ހާޑްމަން ބުންޏެވެ.

"އަދި އަހަންނަށް ހީވަނީ މިއީ އަހަރެމެން އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ހޯދައި ފުޓުބޯޅައިގެ ފަހަތުގައި ތިބެ އެއްބައިވަންތަކަން ދައްކަންވީ ވަގުތުހެން. ފުޓުބޯޅައިގެ ސަރަހައްދީ ބާރަކަށް އަހަރެމެންނަށް ވެވޭނެ. މިހާރު މިއޮތީ އެކަމަށް ވަގުތު ޖެހިފައި."

ކެނެޑާގެ މިޑްފީލްޑާ ޖޮނަތަން އޮސާރިއޯ ބުނީ އުތުރު އެމެރިކާގެ އެންމެ މޮޅު ޓީމަކީ ކެނެޑާ ކަމަށެވެ.

މެޗުގައި ކެނެޑާގެ ލަނޑުތައް ޖެހީ ކައިލް ލަރިން، ޓިއުޖޯން ބިއުކޭނަން، ޑޭވިޑް ޖޫނިއާ ހޮއިލެޓް އެވެ. އެޓީމުގެ ހަތަރުވަނަ ލަނޑަކީ ޖަމައިކާގެ އެޑްރިއަން މަރިއާޕާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.