Roadha Mihaaru
ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް ޖަރުމަން

ގަތަރު ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް ޖަރުމަން

12 އޮކްޓޯބަރ 2021

ސްކޮޕްޔާ (އޮކްޓޯބަރު 12) - ރަށުން ބޭރުގައި ނޯތު މެސެޑޯނިއާއާ ވާދަކޮށް 4-0 އިން މޮޅުވެ، އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް ޖަރުމަން ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ސްކޮޕްޔާ (އޮކްޓޯބަރު 12) - ރަށުން ބޭރުގައި ނޯތު މެސެޑޯނިއާއާ ވާދަކޮށް 4-0 އިން މޮޅުވެ، އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް ޖަރުމަން ވެއްޖެ އެވެ.

ކޮލިފައިން ގުރޫޕް ޖޭގައި ބާކީ ދެ މެޗު އޮއްވައި ޖަރުމަން ވަނީ މިހާތަނަށް ކުޅުނު އަށް މެޗުން ހަތް މެޗު ކާމިޔާބުކޮށް، 21 ޕޮއިންޓް ހޯދައިގެން ގުރޫޕުގެ އެއްވަނަ ޔަގީން ކޮށްފަ އެވެ. ޖަރުމަން ބަލިވީ މި އަހަރުގެ މާޗު މަހު އަމިއްލަ ގައުމުގައި ނޯތު މެސެޑޯނިއާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ރޭގެ މެޗުގައި ޖަރުމަނުގެ ހަތަރު ލަނޑުވެސް ޖެހީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 50 ވަނަ މިނިޓުގައި ޖަހައިދިނީ ކައި ހަވަޓްޒް އެވެ. ޖަރުމަނުން ލީޑު ފުޅާކުރީ މެޗުގެ 70 ވަނަ މިނިޓާއި 73 ވަނަ މިނިޓުގައި ޓިމޯ ވާނާ ޖަހައިދިން ލަނޑުތަކުންނެވެ.

އެޓީމުގެ ފަހު ލަނޑު 83 ވަނަ މިނިޓުގައި ޖަހައިދިނީ ވާނާގެ ބަދަލުގައި ކުޅެން އެރި 18 އަހަރުގެ ޒުވާން މިޑްފީލްޑަރު ޖަމާލް މުސިއާލާ އެވެ. މިއީ މުސިއާލާ ޖަރުމަން ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން ނުވަ މެޗުން ޖަހައިދިން ފުރަތަމަ ލަނޑެވެ.

ހަވަޓްޒް އާއި ވާނާ އަކީ އިނގިރޭސިވިލާތުގެ ޗެލްސީއަށް ކުޅެމުން އަންނަ ދެ ކުޅުންތެރިންނެވެ. ޖަރުމަނަށް އުފަން މުސިއާލާ، އަށް އަހަރު ޗެލްސީގެ އެކަޑަމީގައި ތަމްރީނު ހެދުމަށް ފަހު ބެޔާން މިއުނިކަށް ބަދަލުވީ 2019 ވަނަ އަހަރެވެ.

މިއީ ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޖަރުމަން، މުބާރާތަށް ކޮލިފައިވި 20 ވަނަ ފަހަރެވެ. ޖަރުމަނަށް ވުރެން ގިނައިން މުބާރާތުގައި މިހާތަނަށް ވާދަކޮށްފައިވަނީ، 21 ފަހަރު ވާދަކުރި ބްރެޒިލް އެވެ.

ކޮލިފައިންގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ގުރޫޕް ޖީގައި ނެދަލެންޑްސް ވަނީ 6-0 އިން ޖިބްރޯލްޓާ ބަލިކޮށްފަ އެވެ. ހަމަ އެ ގުރޫޕުގައި ހިމެނޭ ނޯވޭ، 2-0 އިން މޮންޓެނީގްރޯގެ މައްޗަށް ކުރި ހޯދިއިރު ތުރުކީން ވަނީ 2-1 އިން ލެޓްވިއާ ބަލިކޮށްފަ އެވެ.

މީގެ އިތުރުން ގުރޫޕް އީގައި ހިމެނޭ ވޭލްސް ވަނީ 1-0 އިން އެސްޓޯނިއާ ބަލިކޮށް، ކޮލިފައިން ޕްލޭއޮފުން ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފަ އެވެ. ފަސް ޓީމު ހިމެނޭ އެ ގުރޫޕުގެ އެއްވަނައިގައި ބެލްޖިއަމް އޮތީ ހަ މެޗު ކުޅެގެން ހޯދި 16 ޕޮއިންޓާ އެކު އެވެ. ހަތް މެޗު ކުޅެގެން 11 ޕޮއިންޓާއެކު ދެވަނައިގައި އޮތް ޗެކް ރިޕަބްލިކް ވަނީ ރޭ ބެލަރޫސްއާ ވާދަކޮށް 2-0 އިން މޮޅު ވެފަ އެވެ. ޗެކް ރިޕަބްލިކާ އެއްވަރަށް 11 ޕޮއިންޓް ހޯދައިގެން ވޭލްސް ތިންވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެންްނެވެ.