Roadha Mihaaru
ވޯލްޑް ކަޕް ފެށުން އެއް ދުވަސް އަވަސްވެދާނެ

ވޯލްޑް ކަޕް ފެށުން އެއް ދުވަސް އަވަސްވެދާނެ

11 އޯގަސްޓް 2022

ގަތަރުގައި މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް މުބާރާތް ފަށާ ތާރީހު އެއް ދުވަސް ކުރިއަށް ޖައްސާލަން ފީފާއިން މަސައްކަތްކުރަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ގަތަރުގައި މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް މުބާރާތް ފަށާ ތާރީހު އެއް ދުވަސް ކުރިއަށް ޖައްސާލަން ފީފާއިން މަސައްކަތްކުރަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.

އެންމެ ފަހުން 2006 އިން ފެށިގެން ބޭއްވި ހަތަރު ވޯލްޑް ކަޕުގައި ވެސް ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ގައުމު ވާދަ ކުރާނެ އެވެ. ނަމަވެސް ފީފާ އިން މިއަހަރުގެ ވޯލްޑް ކަޕް ފަށަން ނިންމާފައި ވަނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ރާއްޖެ ގަޑިން މެންދުރު 3 ޖަހާއިރު، ސެނެގާލާއި ނެދަލޭންޑްސް ކުޅޭ މެޗުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ފީފާ އިން މުބާރާތް ފަށާ ތާރީހު ނޮވެމްބަރު 20 ވަނަ ދުވަހަށް ބަދަލުކުރަން ވިސްނީ، ގަތަރާއި، އަދި އިދިކޮޅަށް ނުކުންނަން ހަމަޖެހިފައިވާ އިކުއެޑޯ އާއި ސައުތު އެމެރިކާ ފުޓުބޯޅައިގެ މައި އިދާރާއިން ފީފާގައި އެދިގެންނެވެ.

މުބާރާތުގެ ޝެޑިއުލް މިހާރު ތާވަލް ކުރެވިފައި ވާގޮތުން ނަމަ ހޯސްޓް ގަތަރު ކުޅޭ ފުރަތަމަ މެޗު ވެގެންދާނީ މުބާރާތުގެ ތިންވަނަ މެޗަށެވެ. އެ މެޗު ފަށަން އޮތީ 21 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9 ޖަހާއިރެވެ. އޭގެ ކުރިން 6 ޖަހާއިރު އިންގްލެންޑާއި އިރާން ބައްދަލުކުރާނެ އެވެ. މާނައަކީ، މުބާރާތް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މުބާރާތުގެ ދެ މެޗު ކުޅުމަށް ފަހު އެވެ. އަދި ގަތަރު މެޗަށް ފަހު އެ ރޭ 12 ޖަހާއިރު އެމެރިކާ އާއި ވޭލްސް ބައްދަލުކުރާނެ އެވެ.

ގަތަރުގެ ފުރަތަމަ މެޗު ރޭގަނޑު ކުޅޭ ގޮތަށް ނިންމީ އެ ގައުމުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްސާނީ، މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަރުގަދައަށް ހަވާއަރުވަން ވިސްނާފައި ވުމުން ކަމަށް މީޑިއާ ތަކުން ބުނެ އެވެ.

މުބާރާތުގެ ތާރީހަށް ގެންނަން ހުށަހަޅާފައިވާ ބަދަލާ ގުޅިގެން ސެނެގާލާއި ނެދަލޭންޑްސް ކުޅޭ މެޗު، ކުރިން ގަތަރު މެޗު އޮތް ގަޑިއަށް ބަދަލު ކުރާނެ އެވެ. ނަމަވެސް 21 ވަނަ ދުވަހުގެ ރޭ ކުޅެން އޮތް ގުރޫޕް ބީ ގެ ދެ މެޗު ވެސް މިހާރު ތާވަލް ކުރެވިފައި އޮތް ގޮތަށް ކުރިއަށް ދާނެ އެވެ. އަދި ފައިނަލް މެޗާ އެކު މުބާރާތް ނިންމާނީ ވެސް މިހާރު ޝެޑިއުލްގައި ވާ ގޮތުގެ މަތިން ޑިސެމްބަރު 18 ގަ އެވެ.

މުބާރާތް ފަށާ ތާރީހު ބަދަލުކުރަން ހުށަހަޅާފައި ވާކަމަށް ރިޕޯޓް ކޮށްފައިވާ ޝެޑިއުލް:

20 ނޮވެމްބަރު/ 21:00: ގަތަރު - އިކުއެޑޯ (ގުރޫޕް އޭ)

21 ނޮވެމްބަރު/ 18:00: އިންގްލެންޑް - އިރާން (ގުރޫޕް ބީ)

21 ނޮވެމްބަރު/ 21:00: ސެނެގާލް - ނެދަލެންޑްސް (ގުރޫޕް އޭ)

22 ނޮވެމަބަރު/ 00:00: އެމެރިކާ - ވޭލްސް (ގުރޫޕް ބީ)