Roadha Mihaaru
ބްރެޒިލް އެނބުރި އަތުވެއްޖެ: ކަފޫ

އެހެން ޓީމުތަކަށް ކަފޫގެ މެސެޖް: ބްރެޒިލް އެނބުރި އަތުވެއްޖެ

17 ނޮވެމްބަރ 2022

ދޯހާ (ނޮވެމްބަރު 17) - ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރާނެކަމަށް ބެލެވޭ ބާރެއްގެ ގޮތުގައި ބްރެޒިލް އެނބުރި އަތުވެއްޖެ ކަމަށް، އެ ގައުމަށް އެންމެ ފަހުން ވޯލްޑް ކަޕް އުފުލާލަދިން ކެޕްޓަން ކަފޫ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދޯހާ (ނޮވެމްބަރު 17) - ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރާނެކަމަށް ބެލެވޭ ބާރެއްގެ ގޮތުގައި ބްރެޒިލް އެނބުރި އަތުވެއްޖެ ކަމަށް، އެ ގައުމަށް އެންމެ ފަހުން ވޯލްޑް ކަޕް އުފުލާލަދިން ކެޕްޓަން ކަފޫ ބުނެފި އެވެ.

މީގެ 20 އަހަރު ކުރިން، 2002 ގައި، ކަފޫގެ ކެޕްޓަންކަމުގެ ދަށުން ބްރެޒިލުން ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން އެންމެ ފަހުގެ ހަތަރު މުބާރާތުގައި ވެސް އެ ޓީމަށް ފައިނަލާ ހަމަ އަށް ވެސް ނުދެވުނެވެ. ހަތަރު މުބާރާތުގެ ތެރެއިން ތިން މުބާރާތުގައި އެ ޓީމު ކެޓީ ކުއާޓާ ފައިނަލުންނެވެ. ސެމީ ފައިނަލަށް ދިޔައީ 2014 ގައި އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގަ އެވެ. އެ މެޗުގައި 7-1 ން އެ ޓީމު ވަނީ، އެފަހަރުގެ ޗެމްޕިއަން ޖަރުމަން އަތުން ލަދުވެތި ގޮތަކަށް ބަލި ވެފަ އެވެ.

މިދިޔަ ހަތަރު މުބާރާތުގައި ވޯލްޑް ކަޕް ހޯދީ ޔޫރަޕްގެ ހަތަރު ގައުމުންނެވެ. ކަފޫ ބުނީ ޔޫރަޕް ޓީމުތަކުގެ ބާރު ނިމުމަކަށް ގެންނާނެ ޓީމެއްގެ ފެންވަރު ބްރެޒިލްގެ މިހާރުގެ ޓީމުގައި އެބަ ހުރި ކަމަށެވެ.

ދެކުނު އެމެރިކާގެ އެއްވަނަ ޓީމުގެ ގޮތުގައި ބްރެޒިލް ވޯލްޑް ކަޕަށް ކޮލިފައިވީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ. ކުޅުނު 17 މެޗުގެ ތެރެއިން 14 މެޗުން އެ ޓީމު މޮޅުވި އެވެ.

"މިއީ ތަށި ހޯދަން ބްރެޒިލަށް އޮތް އެންމެ ތަނަވަސް ފަހަރު،" އޭއެފްޕީ އަށް ކަފޫ ބުންޏެވެ.

"ޔޫރަޕްގެ ނުފޫޒު ނިމުމަކަށް ގެންނަން ވެސް މިއީ އެންމެ ރަނގަޅު ވަގުތު. އާޖެންޓީނާ އާއި ބްރެޒިލް އަކީ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަ ދެ ޓީމު. އަނެއް ގޮތުން ބަލާއިރު ބްރެޒިލް ވޯލްޑް ކަޕަށް އަންނަނީ ވަރަށް ރަނގަޅު ސީޒަނަކަށް ފަހު. ވަރަށް ރަނގަޅު ނަތީޖާތަކެއް މެޗުތަކުގައި ނެރުމަށް ފަހު."

ބްރެޒިލް ފާހަގަ ކުރެވިފައި ވަނީ ފުޓްބޯޅަ އަށް މަރުދޭ ސަޕޯޓަރުންތަކެއް ތިބި ގައުމެއްގެ ގޮތުގަ އެވެ. އެކަމަކު ކަފޫ ބުނީ ވޯލްޑް ކަޕް ނުހޯދި 20 އަހަރު ފާއިތުވެގެން ދިއުމުން ސަޕޯޓަރުންނަށް ކޮންމެ ވެސް ވަރަށް އަސަރު ކޮށްފައިވާ ކަމަށެވެ. އަދި ގައުމީ ޓީމުގެ ފެންވަރާ މެދު ވެސް މިދިޔަ 20 އަހަރު ތެރޭ އޮތީ ސުވާލު އުފެދިފައި ކަމަށް ކުރީގެ ޑިފެންޑަރު ބުންޏެވެ.

"އެކަމަކު އަހަރެން ބުނާނީ މިހާރު ބްރެޒިލް އެނބުރި އަތުވެއްޖެޔޭ،" ކަފޫ ބުންޏެވެ.

"ނޭމާ ހޫރީ ވަރަށް ރަނގަޅަށް ފިޓްކޮށް. އެހެން ވެއްޖެއްޔާ އަހަރެމެންގެ ޓީމަށް ވަރަށް ބޮޑު ފުރުސަތެއް އެބައޮތް. އެއީ އޭނާ އަކީ ތަފާތު ގެންނާނެ ފެންވަރުގެ ކުޅުންތެރިޔެއް. ރަނގަޅަށް ކުޅެ ގަދަ ހިތްވަރެއްގައި އޭނާ ހުރީ. އެހެން ކުޅުންތެރިންނަށް ވެސް ހިތްވަރު ހޯދައި ދޭނެ. އެހެންވީމަ އެ ކުޅުންތެރިންނަށް މިފަހަރު ތަށި ކާމިޔާބު ކުރެވޭނެ."

ގުރޫޕް ޖީގައި ހިމެނޭ ބްރެޒިލްގެ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ސާބިއާ ދެކޮޅަށެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ ސްވިޒަލެންޑާއި ކެމެރޫން އެވެ.

މުބާރާތް ފަށާނީ އާދިއްތަ ދުވަހު އެވެ. ފުރަތަމަ މެޗުގައި ނުކުންނާނީ މުބާރާތް ބާއްވާ ގައުމު، ގަތަރާއި އިކުއެޑޯ އެވެ.