Roadha Mihaaru
ޗެމްޕިއަން ބްރެޒިލް އޮލިމްޕިކްސްއަށް ކޮލިފައި ނުވި

އާޖެންޓީނާ އަތުން ބަލިވެ ޗެމްޕިއަން ބްރެޒިލް އޮލިމްޕިކްސްއަށް ކޮލިފައިނުވި

13 ފެބުރުއަރީ 2024

ކަރާކަސް (ފެބްރުއަރީ 13) - އޮލިމްޕިކްސްގެ ފިރިހެނުންގެ ފުޓްބޯޅައިގެ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް، ޕެރިހުގައި މި އަހަރު ބާއްވާ އޮލިމްޕިކްސް އަށް ކޮލިފައި ނުވެ ކަޓައިފި އެވެ.

ކަރާކަސް (ފެބްރުއަރީ 13) - އޮލިމްޕިކްސްގެ ފިރިހެނުންގެ ފުޓްބޯޅައިގެ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް، ޕެރިހުގައި މި އަހަރު ބާއްވާ އޮލިމްޕިކްސް އަށް ކޮލިފައި ނުވެ ކަޓައިފި އެވެ.

އޮލިމްޕިކްސްގައި ފިރިހެން ފުޓްބޯޅައިން ފުރުސަތު ލިބެނީ 23 އަހަރުންދަށުގެ ގައުމީ ޓީމަށެވެ. ބްރެޒިލަށް ނާކާމިޔާބާ ކުރިމަތިވީ، އިއްޔެ ވާދަވެރި އާޖެންޓީނާ އަތުން 1-0 ން ބަލިވުމުންނެވެ.

މިއީ 20 އަހަރަށް ފަހު، އޮލިމްޕިކްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓުން ބްރެޒިލަށް ފުރުސަތު ގެއްލުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބްރެޒިލް ކޮލިފައި ނުވަނީ ގްރީސްގައި 2004 ގައި ބޭއްވި އޮލިމްޕިކްސްއަށެވެ.

ބްރެޒިލް ވަނީ އެންމެ ފަހުގެ ދެ ގޭމްސްގައި ވެސް ފުޓްބޯޅައިން ރަން މެޑަލް ހޯދައިފަ އެވެ. ޓޯކިޔޯގައި 2021 ގައި ބޭއްވި 2020 ގެ އޮލިމްޕިކްސްގެ ޗެމްޕިއަންކަން ބްރެޒިލުން ހޯދީ ސްޕެއިން ބަލި ކުރުމަށް ފަހު އެވެ. އަދި އަމިއްލަ ގައުމުގައި 2016 ގައި ބޭއްވި ގޭމްސް ހޯދީ ޖަރުމަނު ބަލި ކުރުމަށް ފަހު އެވެ.

އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ހާވިއޭ މަޝަރާނޯ ކޯޗުކޮށްދޭ އާޖެންޓީނާގެ ޒުވާން ޓީމުން ކާމިޔާބު ކުރި ހަމަ އެކަނި މެޗު ވެސް މޮޅުވީ ބްރެޒިލް ކައިރިންނެވެ. ޕެރަގުއޭ އާއި ވެނެޒުއޭލާ އަތުން އެ ޓީމު ވީ އެއްވަރެވެ.

ވެނެޒުއޭލާގެ ކަރާކަސްގައި ކުރިއަށް ދިޔަ ދެކުނު އެމެރިކާގެ ކޮލިފައިން މުބާރާތުގައި އިއްޔެ މެޗުގެ ހަމައެކަނި ލަނޑު އާޖެންޓީނާ އަށް ޖަހައި ދިނީ ލުސިއާނޯ ގޮންޑޫ އެވެ. އޭނާ އަށް ލަނޑު ޖަހަން އެހީވި ބްރައިޓަންގެ ކަނާތު ބެކް ވެލެންޓިން ބާކޯ އެވެ.

ދެކުނު އެމެރިކާއިން އޮލިމްޕިކްސް އަށް ކޮލިފައި ވަނީ ދެ ޓީމެވެ. ކޮލިފައިންގެ ފައިނަލު ބުރުގެ ދެވަނަ ޖާގަ އާޖެންޓީނާ ހޯދީ ފަސް ޕޮއިންޓާ އެކު އެވެ. އެއްވަނައިގައި ކޮލިފައިވީ އިއްޔެ ވެނެޒުއޭލާގެ މައްޗަށް ކުރި ހޯދި ޕެރަގުއޭ އެވެ. އެ ޓީމުން ވަނީ ހަތް ޕޮއިންޓް ހޯދާފަ އެވެ.