Roadha Mihaaru
ދައުލަތުން ދޫކުރާ ޕާސްޕޯޓަށް ދައުލަތުގެ ބާރެއް ނެތް؟

ދައުލަތުން ދޫކުރާ ޕާސްޕޯޓަށް ދައުލަތުގެ ބާރެއް ނުހިނގާ؟

13 އޮކްޓޯބަރ 2021

ސިޔާސީ ބޭފުޅުންގެ މައްސަލަތައް ކޯޓުތަކުގައި ހިނގާ ކޮންމެ ފަހަރަކީ ވެސް ތަފާތު އާ މައްސަލަތައް ފެންމަތިވެ، ގާނޫނީ އެތަކެއް ބަހުސެއް އުފެދިގެެން އަންނަ މައްސަލަތަކެކެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރާ ދައުވާތަކުގެ ޝަރީއަތުގައި ވެސް އެފަދަ އެތައް ކަމެކެވެ. ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި އޭނާ ހުންނަވައިގެން ޝަރީއަތް ކުރެވޭނެތޯ އޮތް ބަހުސް ކޮޅެއްގައި ނުޖެހިގެން އުޅެނިކޮށް މިހާރު މި އޮތީ ރާއްޖެއިން ބޭރުގައި ހުންނަ މީހެއްގެ ޕާސްޕޯޓް ހިފެހެއްޓޭނެެތޯ އޮތް ބަހުސެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިޔާސީ ބޭފުޅުންގެ މައްސަލަތައް ކޯޓުތަކުގައި ހިނގާ ކޮންމެ ފަހަރަކީ ވެސް ތަފާތު އާ މައްސަލަތައް ފެންމަތިވެ، ގާނޫނީ އެތަކެއް ބަހުސެއް އުފެދިގެެން އަންނަ މައްސަލަތަކެކެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރާ ދައުވާތަކުގެ ޝަރީއަތުގައި ވެސް އެފަދަ އެތައް ކަމެކެވެ. ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި އޭނާ ހުންނަވައިގެން ޝަރީއަތް ކުރެވޭނެތޯ އޮތް ބަހުސް ކޮޅެއްގައި ނުޖެހިގެން އުޅެނިކޮށް މިހާރު މި އޮތީ ރާއްޖެއިން ބޭރުގައި ހުންނަ މީހެއްގެ ޕާސްޕޯޓް ހިފެހެއްޓޭނެެތޯ އޮތް ބަހުސެވެ.

މިދިިޔަ ފެބްރުއަރީ މަހު އަލީ ވަހީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތް ހިސާބުން ފެށިގެން ކޮޅެއްގައި ނުޖެހި ހިނގަމުންދަނީ މިފަދަ ގާނޫނީ މައްސަލަތަކެކެވެ. އޭނާ ރާއްޖެ ގެނެވޭނެ ގޮތެއް ދައުލަތަށް ނުފެނުއިރު، އޭނާގެ ޝަރީއަތް ވެސް ކުރިއަކަށް ނުގެންދެވެ އެވެ. ގާނޫނީ އެތައް ކަމެއް ހިފައިގެން ދައުލަތުން ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓާ ދެމެދު ދުވެލަ ދުވެލާ ތިބޭތާ ހަތް މަސް ދުވަސްވީއިރު ވެސް، އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ބޮޑެތި ދައުވާތަކުގެ ޝަރީއަތް ކުރިއަށް ނުގޮސް އޮތްގޮތަށް އެ އޮތީ އެވެ.

ބޭރުގައި ހުންނަ މީހެއްގެ ޕާސްޕޯޓެއް ހިފެހެއްޓުމުގެ ބާރެއް ނެތް

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން ކޯޓުގައި ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވީ އެވެ. ފުރަތަމަ ފަހަރަށް ނާކާމިޔާބުވީ ވުޖޫދުގައި ނުވާ ޕާސްޕޯޓެއް ހިފަހައްޓަން ދައުލަތުން އެދުމުންނެވެ. ދެވަނަ ފަހަރަށް އެކަން ނާކާމިޔާބުވީ ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓް ހިފެހެއްޓޭނެ ގާނޫނީ ހަމައެއް ނެތުމުންނެވެ. އެ މައްސަލަ އިތުރަށް އިސްތިއުނާފް ނުކުރަން ނިންމައި، ދައުލަތުން އެންމެ ފަހުން ހަތިިޔާރު ބެހެއްޓީ ސުޕްރީމް ކޯޓަށް ދިޔަޔަސް، މަައްސަލަ ކާމިޔާބުވާނެ ކަމުގެ އުއްމީދެއް ނެތުމުންނެވެ.

އަލީ ވަހީދު --- ފޮޓޯ/މިހާރު

އަލީ ވަހީދު --- ފޮޓޯ/މިހާރު

ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން ޕާސްޕޯޓް ހިފެހެއްޓޭނީ މީހަކު ފިލައިފާނެ ކަމަށް ބެލެވޭ ނަމަ އެކަން ހުއްޓުވުމުގެ ގޮތުންނެވެ. އެކަމަކު ފިލައިގެން ގޮސް ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓް ހިފެހެއްޓޭނެ ކަމަކަށް އެ ގާނޫނަކު ނޯވެ އެވެ. މާނައަކީ މީހަކު ފިލައިގެން ގޮސް ރާއްޖެއިން ބޭރުގައި ހުއްޓަސް، އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނު މިހާރު އޮތްގޮތުން ކޯޓަކަށް އެއްވެސް ހައްލެއް ދެވެން އޮތް ކަމެއް ނޫނެވެ. ގާނޫނު އިސްލާހު ކޮށްގެން ނޫނީ އެކަމުގައި ހައްލެއް ދެވެން އޮތް ކަމެއް ވެސް ނޫނެވެ.

"ފިލައިިގެން އުޅޭ ނަމަ ޕާސްޕޯޓާ މެދު އަމަލު ކުރެވޭ ގޮތް އެބައޮތް"

ޕާސްޕޯޓަކީ ދަތުރުކުރުމަށްޓަކައި ދިވެހިންނަށް ދައުލަތުން ދޫކުރާ އެެއްޗެކެވެ. އަދި ޕާސްޕޯޓްގެ މިލްކުވެރިކަން އަބަދުވެސް އޮންނަނީ ދައުލަތަށެވެ. އެކަމަކު ދައުލަތުން ޕާސްޕޯޓެއް ބޭނުން ކޮށްގެން ރާއްޖެއިން ބޭރަށް ދާ މީހުން ގާނޫނުތަކާ ހިލާފްވެ އަދި ދައުލަތުގެ މުއައްސަސާތަކަށް އެއްބާރުލުން ނުދީ މިނިވަންކަމާ އެކު އުޅެނީ ވެސް ދައުލަތުން ދޫކުރި ޕާސްޕޯޓެއް ބޭނުން ކޮށްގެންނެވެ. އެ ހާލަތުގައި ވެސް، އެކަމުގައި ދައުލަތުން ގޮތް ހުސްވާން ޖެހޭތޯ މިއީ އުފެދޭ ސުވާލެކެވެ.

ޕާސްޕޯޓާ ބެހޭ ގަވާއިދު ބުނާގޮތުން ވަކި ހާލަތްތަކެއްގައި ޕާސްޕޯޓް ކެންސަލް ކުރުމުގެ އިހްތިޔާރު ވެސް އިމިގްރޭޝަނަށް އޮވެ އެވެ. ޕާސްޕޯޓާބެހޭ ގަވާއިދު ބުނާގޮތުން ގައުމީ ސަލާމަތަށް ނުރައްކާވުން ނުވަތަ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާ ދިވެހިންގެ ޕާސްޕޯޓްގެ އިތުރުން ކޯޓަކުން ނެރޭ އަމުރެއްގެ ދަށުން ވެސް ޕާސްޕޯޓް ކެންސަލް ކުރެވިދާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓްގެ ހިފަހައްޓަން ފުރަތަމަ ފަހަރަށް އެދުނު މައްސަލާގައި ހައި ކޯޓުގެ ހުކުމުގައި މިފަދަ ވާހަކައެއް ބަޔާން ކޮށްފައި އެބައޮތެވެ.

"ޕާސްޕޯޓާ ބެހޭ ގަވާއިދަށް ބަލާއިރު، ރާއްޖެއިން ފުރައިގެން ގޮސް ޝަރީއަތަށް ފިލައިގެން އުޅޭ މީހުންގެ ޕާސްޕޯޓާ ބެހޭގޮތުން އަމަލު ކުރެވިދާނެ ގޮތްތައް އެބަހުއްޓެވެ." ހައި ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

ޕާސްޕޯޓް ކެންސަލް ކުރުމުން ދެން ވާނީ ކިހިނެއް؟

މިހާ ހިިސާބުން ދެން އުފެދޭނެ ސުވާލަކީ ފިލައިގެން ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓް މިދެންނެވި އުސޫލުން އިމިގްރޭޝަނުން ކެންސަލްކޮށްފި ނަމަ ހާސިލްކުރަން އުޅޭ މަގްސަދު ހާސިލްވާނެތޯ އޮތް ސުވާލެވެ. ނުވަތަ ފިލައިގެން އުޅޭ މީހެއްގެ ޕާސްޕޯޓް ކެންސަލްކޮށްފި ނަމަ، އެ މީހަކަށް ދެން ވާނީ ކިހިނެއްތޯ އާއި އެގޮތަށް އަމަލު ކުރުމުން އެ މީހަކު ރާއްޖެ ގެނެވޭނެތޯ ނުވަތަ ނޫންތޯ އާއި އޮތް ސުވާލެވެ. ޕާސްޕޯޓާބެހޭ ގަވާއިދުގައި މިކަމަށް ވެސް ހައްލު އެބައޮތެވެ.

އެ ގަވާއިދުގެ ބުނާގޮތުން ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންގެ ޕާސްޕޯޓަށް ދިމާވާ މައްސަލަތަކާ ގުޅިގެން ރާއްޖެ އެނބުރި އައުމަށްޓަކައި ސަޓިފިކެޓް އޮފް އައިޑެންޓިޓީގެ ނަމުގައި ވަގުތީ ލިޔުމެއް ދޫކުރެވޭނެ އެވެ. މި ލިޔުމަކީ ރާއްޖެ އެނބުރި އައުމަށްޓަކައި އެކަނި ދޫކުރެވޭ ލިޔުމެކެވެ. މާނައަކީ އެ ލިޔުން ބޭނުން ކޮށްގެން އެހެން ގައުމަކަށް ދަތުރު ކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ. އެހެންކަމުން ޕާސްޕޯޓް ކެންސަލް ކޮށްފި ނަމަ، އެއީ އެ މީހަކު އިތުރަށް ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުމުގެ ފުރުސަތު ހަނިވެގެންދާނެ ކަމެކެވެ.

އެހެން ނަމަވެސް ޕާސްޕޯޓާ ބެހޭ ގަވާއިދު އޮޮތްގޮތުން ގައުމީ ސަލާމަތަށް ނުރައްކާވުމާއި ބޭރުގައި ހިނގާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވާ ކަމަށް ގަބޫލު ކުރެވޭ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި މިގޮތަށް މީހެއްގެ ޕާސްޕޯޓް އިމިގްރޭޝަނަށް ކެންސަލް ކުރެވޭނީ ކޯޓަކުން ކުރާ އަމުރެއްގެ ދަށުންނެވެ. އެކަމަކު އެފަދަ އަމުރަކަށް ދައުލަތުން ކޯޓުގައި މިހާތަނަށް އެދިފައެއް ނުވެ އެވެ. އަދި އަލީ ވަހީދުގެ މައްސަލާގައި އިތުރަށް ކުރިއަށް ދާނެ ގޮތަކާ ބެހޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.

ދައުލަތުން ދޫކުރާ ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެއިން ބޭރަށް ދިއުމަށްފަހު ޝަރީއަތަށް ހާޒިރު ނުވެ، ތިބޭ މީހުންގެ މައްސަލަތަކުގައި ދައުލަތަށް އަމަލު ކުރެވޭނެ ގޮތްތައް މިހާރު ވެސް އެބައޮތެވެ. އެހެންވީއިރު، ރާއްޖެއިން ބޭރުގައި ހުރި މީހަކު ގެންނަން އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ.

ބޮޑެތި ދައުވާތަކެއް އުފުލިފައި ވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު ދިނުމުގައި ދައުލަތުގެ މައްޗަށް އަމާޒުވާ ތުހުމަތުތައް އަދިވެސް އޮތީ އެވެ. އެ މައްސަލާގައި މިހާތަނަށް ފެނިގެން ދިޔައީ ދައުލަތުގެ ބޮޑެތި އިހުމާލުތަކެވެ. ދައުލަތުން ދޫކުރި ޕާސްޕޯޓެއްގެ ބޭނުން ކޮށްގެން އޭނާ ރާއްޖެއިން ބޭރުގައި ހުންނެވިއިރު، ގާނޫނުތައް މިހާރު އޮތްގޮތުން އެކަމަށް އެއްވެސް ފިޔަވަޅެއް އެޅޭނެ ގޮތެއް ނެތި ދައުލަތަށް ގޮތް ހުސްވީ ކަމަށް ބުނެވޭކަށް ނެތެވެ.