Roadha Mihaaru
އަލީގެ ޕާސްޕޯޓު ހިފަހައްޓަން އަނެއްކާ ކޯޓަށް

އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން އަލުން ކޯޓަށް؛ ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓު ހިފެހެއްޓިދާނެ ކަމުގެ ސުވާލު!

30 ސެޕްޓެމްބަރ 2021

ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން އަނެއްކާ ވެސް ދައުލަތުން މަސައްކަތް ފަށައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން އަނެއްކާ ވެސް ދައުލަތުން މަސައްކަތް ފަށައިފި އެވެ.

ކުރިން ޕީޖީ އޮފީހުން ހިފަހައްޓަން މަސައްކަތް ކުރީ ކެންސަލް ކޮށްފައިވާ، އަލީ ވަހީދުގެ ޑިޕްލޮމެޓިކް ޕާސްޕޯޓެވެ. އެ ޕާސްޕޯޓު ނުހިފަހައްޓައިގެން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ފާހަގަކޮށް އެ ކޯޓުން ނިންމާފައި ވަނީ އެ ޕާސްޕޯޓު ނުހިފަހައްޓާށެވެ.

ދައުލަތުން އަލީީ ވަހީދުގެ އޯޑިނަރީ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުގައި އެދުމުން އެ ކޯޓުން ނިންމާފައި ވަނީ ޕާސްޕޯޓު ނުހިފަހައްޓާށެވެ. އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު އެ މައްސަލައިގެ އަޑުއެހުމެއް ވަނީ ބާއްވައިފަ އެވެ.

އެ މައްސަލައިގައި މިއަދު އޮންލައިންކޮށް ހައި ކޯޓުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން މައިގަނޑު ގޮތެއްގައި ސުވާލު ކުރެއްވީ، ރާއްޖެ އިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓު ހިފެހެއްޓޭނެ ތޯ އެވެ.

ދައުލަތުން ބުނީ، ކުރިން އަލީ ވަހީދުގެ ޕާސްޕޯޓުގެ މައްސަލައިގައި ކުރިން އެހެން ބެންޗަކުން ކުރި ހުކުމުގައި ވަނީ އޭނާގެ ޕާސްޕޯޓު ހިފެހެއްޓިދާނެ ކަމަށެވެ. އެކަމަކު، އެ ބެންޗުގައި އިންނެވި، ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ވަނީ ރާއްޖެ އިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓު ހިފެހެއްޓޭނެ ގޮތެއް ގާނޫނުގައި ނެތް ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަނީ މީހަކު ފިލައިގެން ދާން އުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާ ނަމަ، އެ މީހެއްގެ ޕާސްޕޯޓު، ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓިދާނެ ކަމަށެވެ.

ޕާސްޕޯޓު ހިފެހެއްޓޭނީ އެއީ ރާއްޖެ އިން ބޭރަށް ފިލައިގެން ހިނގައިދާނެ މީހެއް ކަމަށް ބެލެވޭ ހާލަތު އޮވެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނާތީ ރާއްޖެ އިން ބޭރުގައި ހުރި މީހަކު ގެންނަން ޕާސްޕޯޓު ހިފެހެއްޓޭނެތޯ ފަނޑިޔާރު ޝަފީއު މިއަދު ސުވާލު އުފެއްދެވި އެވެ. ފުރައިގެން ގޮސްފައިވާ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓޭނެ ކަމަށް ގާނޫނު ހެދި އިރު ބަޔާން ކޮށްފައި ނެތުމުން އެ އަށް ވުރެ ފުޅާކޮށް، ދައުލަތުން އެ ގާނޫނު މާނަ ކުރަނީ ކީއްވެތޯ ވެސް ފަނޑިޔާރު ޝަފީއު ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނި ގޮތުގައި ފިލައިގެން ގޮސްފައިވާ މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން ހުރަހެއް ނެތެވެ. އެއީ ރާއްޖެ އިން ބޭރަށް ދިޔުމަކީ ފިލުން ކަމަށް ނުވިޔަސް، އޭނާ އެހެން ގައުމަކަށް ވެސް ފިލައިގެން ދިޔުމުގެ އިހްތިމާލު އޮތުމުން ކަމަށް ދައުލަތުން ބުންޏެވެ. ކުރިން ހުރި ވަރަކަށް ވުރެ އިތުރަށް ވެސް ފިލައިގެން ދިޔުމުގެ އިހްތިމާލު މިހާރު އެބަ އޮތް ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

ދައުލަތުން ބުނީ ހަގީގަތުގައި ޕާސްޕޯޓު ހިފެހެއްޓުމާ ބެހޭ މާއްދާގެ ބޭނުމަކީ މީހަކު ރާއްޖޭގައި މަޑުކުރުވުން ކަމަށެވެ. އަދި އަލީގެ ޕާސްޕޯޓު ހިފަހައްޓައިފި ނަމަ އޭނާ ރާއްޖެއަށް ގެނެސް ރާއްޖޭގައި ބެހެއްޓެނެ ކަމަށް ވިދާޅުވި އެވެެ. މިހާރު ޕާސްޕޯޓު ހިފެހެއްޓުމުން ރާއްޖެ ނޫން ގައުމަކަށް ފުރައިގެން ދާން ހުރަސް އެޅޭނެ ކަމަށާއި އަދި ރާއްޖެއަށް ގެނައުމަށް ފަސޭހަވެގެންދާ ކަމަށް ވިދާޅުވި އެވެ.

ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެފި ނަމަ ނުކުންނާނެ ނަތީޖާއަކީ ކޮބައިތޯ ފަނޑިޔާރު ޝަފީއު ސުވާލު ކުުރުމުން ބުނީ ޕާސްޕޯޓު ހިފެހެއްޓުމުން ވިސާ ސައްހަ ނޫން ވިސާއަކަށް ވާނެ ކަމަށެވެ. އެހެންވެ، ދާއިމަށް އެ ގައުމުގައި ނުހުރެވޭނެ ކަމަށެވެ. އެހެންކަމުން، އޭނާ ހުރި ގައުމަކުން ރާއްޖެ އަންނަން ޖެހޭނެ ކަމަށް ބުންޏެވެ.

އޭނާ ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމަށް ވިދާޅުވި އެވެ. އޭނާ ގެނައުމަށް ފުލުހުންނާ ގުޅިގެން ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އަލީ ވަހީދު ފުރައިގެން ދިޔަ ދިޔުމަކީ ފިލައިގެން ދިޔުން ކަމަށް ދައުލަތުން ބުނަނީ ކީއްވެތޯ ފަނޑިޔާރު ފައިސަލް އެއްސެވުމުން ދައުލަތުން މިއަދު ކޯޓުގައި ބުނީ، އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރީ ކޯޓުން އޭނާއަށް ހުއްދަ ދިނުމުން ކަމަށެވެ. އެކަމަކު، އޭނާ ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސް ފިލާފައިވާ ކަމަށާއި އެކަން ހައި ކޯޓުގެ ކުރީގެ ހުކުމުން ވެސް އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނި ގޮތުގައި އަލީ ވަހީދު ފިލީ ކަމަށް ބަލަނީ އޭނާ ހުރި ތަނެއް އެނގުނަސް، ދައުލަތަށް އޭނާއާ ހިސާބަށް ވާސިލުވެ، އޭނާގެ ގައިގައި އަތް ލެވޭ ހިސާބުގައި ނެތުމުންނެވެ. އޭނާ ޝަރީއަތަށް ހާޒިރު ކުރުމަށް ދައުލަތަށް އޭނާއާ ހަމައަށް ވާސިލުވެވެން ޖެހޭނެ ކަމަށް ބުންޏެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ތުހުމަތު ކުރެވޭ ވަރަށް އޭނާގެ މައްޗަށް ހެކި ހުރުމުންނާއި އަދި މީގެ ކުރިން ވެސް ފިލައިގެން ގޮސްފައިވާތީ އާއި އަދި ރާއްޖެއިން ބޭރުގައި ހުރެގެން ހެކިންނަށް ނުފޫޒު ފޯރުވުމަކީ ދައުލަތުން ދެކޭ ގޮތުގައި އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ޖެހޭ ސަބަބުތަކެވެ.

މި މައްސަލަ ހައި ކޯޓުގައި ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ޝަފީއުގެ އިތުރުން، ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހުސެއިން މަޒީދެވެ.

ދެން މި މައްސަލައިގައި އޮންނާނީ ހުކުމް ކުުރުމުގެ އަޑުއެހުމެވެ.