Roadha Mihaaru
އަލީ ވަހީދު ހައި ކޮމިޝަނަށް ދިޔަކަމުގެ ޔަގީންކަން ދީފި

އަލީ ވަހީދު، ޝަރީއަތަށް ހައި ކޮމިޝަނަށް ވަޑައިގެންނެވިކަމުގެ ޔަގީންކަން ދީފި

28 ޖޫން 2021

ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާ ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރުގައި ހުންނަވައިގެން ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވެވަޑައިގަތީ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ކަން ފޮރިން މިނިސްޓްރީން ކަށަވަރުކޮށްދީފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާ ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރުގައި ހުންނަވައިގެން ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވެވަޑައިގަތީ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ކަން ފޮރިން މިނިސްޓްރީން ކަށަވަރުކޮށްދީފި އެވެ.

ރާއްޖެ އިން ބޭރުން ބޭސްފަރުވާ ކުރައްވަން ކޯޓުން ދިން ހަތަރު މަސް ތެރޭގައި، ރާއްޖެ ވަޑައިނުގެން އަލީ ވަހީދު އެދިވަޑައިގަތީ އޮންލައިންކޮށް އޭނާގެ ޝަރީއަތް ހިންގައިދޭށެވެ. އެހެންވެ، ކްރިމިނަލް ކޯޓުން ވަނީ އެގޮތަށް އަޑުއެހުން ބޭއްވޭނެ ކަމަށް ނިންމައި، އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް ވަޑައިގެން އަޑުއެހުމުގައި ބައިވެރިވެވަޑައިގެންނެވޭ ގޮތް އޭނާ އަށް ހަމަޖައްސައިދީފަ އެވެ.

ނަމަވެސް، އަލީ ވަހީދު، ހައި ކޮމިޝަނަށް ވަޑައިގެންނެވި ކަމާ މެދު ދައުލަތުން ކޯޓުގައި ސުވާލު އުފެއްދި އެވެ. ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އެކަން ސާފު ނުވުމުން ދައުލަތުން ވަނީ އެކަން ކަށަވަރު ކުރަން ފޮރިން މިނިސްޓްރީ އަށް ސިޓީއެއް ފޮނުވައިފަ އެވެ.

ޕީޖީ ހުސައިން ޝަމީމް "މިހާރު" އަށް ވިދާޅުވީ، އެ ސިޓީގެ ޖަވާބު ފޮރިން މިނިސްޓްރީން ދީފައިވާ ކަމަށާއި އަލީ ވަހީދު ހައި ކޮމިޝަނަށް ވަޑައިގެންނެވިކަން އެ މިނިސްޓްރީން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައި އެގޮތަށް ޝަރީއަތް ހިންގަން ފަށާފައިވާއިރު، ޕީޖީ އޮފީހުން ބުނަނީ އޭނާ ރާއްޖެ އިން ބޭރުގައި ހުންނެވުމުން ކޯޓުގެ ބާރު އޭނާގެ މައްޗަށް ނުފޯރާނެތީ އެގޮތަށް ޝަރީއަތް ނުހިންގޭނެ ކަމަށެވެ.

އޮންލައިންކޮށް ޝަރީއަތް ހިންގަން ނިންމި ނިންމުން އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް އަދި ހައި ކޯޓުން އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމައިފައެއް ނުވެ އެވެ.

އޭގެ އިތުރުން، ދައުލަތުން މިހާރު ވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓަން އަމުރަކަށް އެދިފަ އެވެ. ނަމަވެސް، އެކަމާ މެދު އަދި ކްރިމިނަލް ކޯޓުން ގޮތެއް ނުނިންމަ އެވެ.

އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރަނީ، އޭނާ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ޖިންސީ ގޯނާއާ ގުޅޭ ހަތް ދައުވާ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމް އަންނާނެ އެވެ.