Roadha Mihaaru
އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި އަމުރާ މެދު ސުވާލު!

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި އަމުރާ މެދު ޕީޖީ ޝަމީމުގެ ވާހަކަތަކުން ސުވާލު އުފެދިއްޖެ!

14 ފެބުރުއަރީ 2021

ރޭޕްކުރަން އުޅުމާއި ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ފަށާފައިވަނިކޮށް، އޭނާގެ ޕާސްޕޯޓު ދޫކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ މެދު، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު އާންމުކުރެއްވި މައުލޫމާތުތަކާ އެކު، ސުވާލު އުފެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރޭޕްކުރަން އުޅުމާއި ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ފަށާފައިވަނިކޮށް، އޭނާގެ ޕާސްޕޯޓު ދޫކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ މެދު، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު އާންމުކުރެއްވި މައުލޫމާތުތަކާ އެކު، ސުވާލު އުފެދިއްޖެ އެވެ.

އެ ސުވާލު އުފެދުނީ، އަލީ ވަހީދު ރާއްޖެ އިން ފުރާވަޑައިގަތީ ޕާސްޕޯޓު ދޫކުރުމުގެ އަމުރުގައި އޮތް ތާރީޚުގެ އެއް ދުވަސް ކުރިން ކަމަށް ވިދާޅުވެ، ޕީޖީ ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.

ޕީޖީ ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގައި އަޑުއެހުން ބާއްވައި އަމުރު އިއުލާނުކުރީ މިދިޔަ އަންގާރަ ދުވަހު (މި މަހުގެ 9) ކަމަށެވެ. އެ އަމުރު ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު (މި މަހުގެ 11) ކަމަށް ވިޔަސް އޭގައި ތާރީޚަކަށް ޖަހާފައި އޮތީ މިދިޔަ ބުދަ ދުވަސް (މި މަހުގެ 10) ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ރާއްޖެ އިން ފުރާވަޑައިގަތީ، އަމުރުގައި އޮތް ތާރީޚުގެ އެއް ދުވަސް ކުރިން މިދިޔަ އަންގާރަ ދުވަހު (މި މަހުގެ 9) ކަމަށް ޝަމީމްގެ ޓްވީޓުގައި ވެ އެވެ.

ޕީޖީ ޝަމީމްގެ ޓުވީޓު

"ޖާމިނު ލިޔުމުގައި އޮތީ 9 ފެބްރުއަރީ 2021 ގައި އަމުރު ނެރުނު ކަމަށް،" އޮޅުންއަރާ ހާލަތްތަކުގައި ބޭނުންކުރާ އިމޯޖީއަކާ އެކު ޝަމީމް ކުރެއްވި ޓްވީޓުގައި ވެ އެވެ.

ހަތް ދައުވާއެއް އުފުލައި ޝަރީއަތް ފެށިތަނުން ޕާސްޕޯޓު ދޫކޮށްލުމާއެކު އަލީ ވަހީދު ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފަ އެވެ. އޭނާ ފުރުވައިލުމުން ސަރުކާރާއި ޕީޖީ ޝަމީމްގެ އިތުރުން ކޯޓަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

އެ މައްސަލަ ހައި ކޯޓުގައި މިއަދު ވަނީ އިސްތިއުނާފުކޮށްފަ އެވެ.

މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހިވަޑައިގެންފައިވާ ކަމަށް ކޯޓަށް ލިއުން ހުށަހެޅުމުން ދައުލަތުން ކޯޓުގައި އެދުނީ ޓްރެވަލް ޑޮކިއުމެންޓެއް އަލީ ވަހީދު ފުރާވަޑައިގަތުމުގެ ހުއްދަ ދޭށެވެ. ނަމަވެސް އަލީ ވަހީދަށް ބޭނުން ގައުމަކަށް ދެވޭ ގޮތަށް ހަތަރު މަހަށް ދޫކޮށްލީ އޭނާ ދުބާއީ އަށް ނުވަތަ ޖަރުމަނަށް ދާން އެދި ހުށަހެޅުއްވުމުންނެވެ.