Roadha Mihaaru
އަލީގެ ޝަރީއަތުގެ މައްސަލަ ހައި ކޯޓުން ނުބެލޭނެ

އަލީގެ ޝަރީއަތް އޮންލައިންކޮށް ބޭއްވުން އިސްތިއުނާފީ މައްސަލައަކަށް ނުވޭ: ހައި ކޯޓް

08 ޖުލައި 2021

ޖިންސީ ކުށުގެ ސީރިއަސް ދައުވާތަކެއް އުފުލާފައި ވަނިކޮށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ހުއްދަ ދީ ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތުގައި ބައވެރިވާން ފުރުސަތު ދިން މައްސަލައިގެ އިސްތިއުނާފް ހައި ކޯޓުގައި ކުރިއަށް ގެންދެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

ހައި ކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ހުށަހެޅި މި މައްސަލަ އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައި، ގަޒިއްޔާގެ ދައުވާ ފޯމު ބާތިލުކޮށްފަ އެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމުގައި ފަނޑިޔާރުންނާއި ދައުލަތުގެ ވަކީލުން އެކަނި ބައިވެރިވެވަޑައިގެންނެވި އިރު، އަލީ ވަހީދު ބައިވެރިނުކޮށް، އެ މައްސަލަ ހައި ކޯޓަށް ކުރިއަށް ގެންދެވިދާނެތޯ ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ސުވާލުކުރައްވާފައިވެ އެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް، ކޯޓުގެ ހުއްދައާ އެކު އަލީ ވަހީދު ވަނީ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންފަ އެވެ. އެކަމަކު، އޭނާ އެނބުރި ވަޑައިގަންނަވަންޖެހޭ މުއްދަތު ހަމަވިއިރު ވެސް، އޭނާ ވަޑައެއް ނުގަންނަވަ އެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ވަނީި ރާއްޖެ އިން ބޭރުގައި އަލީ ވަހީދު ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ދީފަ އެވެ. މި މައްސަލަ ހައި ކޯޓުގައި ޕީޖީން އިސްތިއުނާފު ކޮށްފައިވަނީ އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުރުމުން ކޯޓުގެ ބާރު އޭނާގެ މައްޗަށް ނުފޯރާނެތީ އެގޮތަށް ޝަރީއަތް ނުހިންގޭނެ ކަމަށް ބުނެ އެވެ.