Roadha Mihaaru
އަލީގެ ޝަރީއަތް އޮންލައިންކޮށް ހިންގާތީ ހައިކޯޓަށް

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ނިންމި ނިންމުން އިސްތިއުނާފުކޮށްފި

25 ޖޫން 2021

ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޭނާ ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދެވޭ ގޮތަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޭނާ ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދެވޭ ގޮތަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާ އުފުލާފައިވާ އިރު، އޭނާގެ އެދުމުގެ މަތިން، ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ އޭނާގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށްގެންދަވަން ނިންމަވައިފަ އެވެ.

ނަމަވެސް، ޕީޖީ އޮފީހުން ބުނަނީ އޭނާ ރާއްޖެއިން ބޭރުގައި ހުރުމުން ކޯޓުގެ ބާރު އޭނާގެ މައްޗަށް ނުފޯރާނެތީ އެގޮތަށް ޝަރީއަތް ނުހިންގޭނެ ކަމަށެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިސަރު އަހުމަދު ޝަފީއު ވިދާޅުވީ، އަލީ ވަހީދު ކޯޓުގެ އިހްތިސާސް ނެތް ތަނެއްގައި ހުއްޓާ، އޮންލައިންކޮށް ޝަރީއަތް ހިންގަވަން ގާޒީ ހަސަން ސައީދު ނިންމެވި ނިންމެވުމުން މިހާރު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.

ދައުލަތުން ބުނާ ގޮތުގައި، އަލީ ވަހީދުގެ ޝަރީއަތަކީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގައި ޝަރީއަތް ހިންގި ފުރަތަމަ ފަހަރެވެ.

އޮންލައިންކޮށް ޝަރީއަތް ބާއްވައިދޭން ކޯޓުގައި އެދިވަޑައިގަތީ އަލީ ވަހީދެވެ. އޭނާ އެކަމަށް އެދި ކޯޓަށް ސިޓީ ފޮނުވުމުން، މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލްގެ ލަފައަކަށް އެދިވަޑައިގައިގަތުމުން އޭނާ ލަފާ ދެއްވީ އެގޮތަށް ކުރިއަށް ގެންދެވޭނެ ނަމަ ކުރިއަށް ގެންދާށެވެ.

އެ ލަފާގެ މަތިން ގާޒީ ހަސަން ސައީދު ނިންމެވީ އެގޮތަށް އަޑުއެހުން ބޭއްވޭނެ ކަމަށެވެ. ކްރިމިނަލް ކޯޓުން ބުނި ގޮތުގައި އެގޮތަށް ނިންމެވީ ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ވީޑިއޯ އަދި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރުމާ ބެހޭ ގަވައިދުގެ 12 ވަނަ މާއްދާގެ ދަށުންނެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ޖުމުލަ 21 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.