Roadha Mihaaru
އަލީގެ ޕާސްޕޯޓު މައްސަލަ ވެސް ހައި ކޯޓުން ބޭރު

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ނުދިން މައްސަލަ ވެސް ހައި ކޯޓުން ބަލައެއްނުގަތް

11 ޖުލައި 2021

ޖިންސީ ގޯނާއާއި ރޭޕްގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރަން ދައުލަތުން ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަންނަން ނިންމައިފި އެވެެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޖިންސީ ގޯނާއާއި ރޭޕްގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރަން ދައުލަތުން ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަންނަން ނިންމައިފި އެވެެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި ހަތް ދައުވާއެއް ކޮށްފައިވާ އަލީ ވަހީދު މިދިޔަ ފެބްރުއަރީ މަހު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހަތަރު މަހަށް އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ މުއްދަތުގައި ވެސް އޭނާ އަނބުރާ ރާއްޖެ ވަޑައެއް ނުގަނެ އެވެ.

އޭނާގެ ޕާސްޕޯޓު ދޫކޮށްލި މުއްދަތު ހަމަވުމުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން އެދުނީ، މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. ނަމަވެސް، އެކަމާ މެދު ގޮތެއް ނުނިންމައި ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީ ފަހުން ގާޒީ ހަސަން ސައީދު ނިންމެވީ އަމުރެއް ނެރެނުދޭށެވެ.

ގާޒީ ހަސަން ސައީދުގެ އެ ނިންމެވުން ޕީޖީ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅި އެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ ކުރީގެ ގަޒިއްޔާއަކާ ހަވާލާ ދެއްވައި މިއަދު ހައި ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައި ވަނީ އެ މައްސަލަ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭނެތީ އެ މައްސަލަ އެ ކޯޓަށް ބަލައިގަނެވެން ނެތް ކަމަށެވެ.

ރަޖިސްޓްރާ މިގޮތަށް ނިންމެވި ނަމަވެސް، އެ ނިންމުން އަދި ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރެވިދާނެ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ނިންމި މައްސަލަ، ދައުލަތުން މަތީ ކޯޓުތަކުގައި އިސްތިއުނާފުކުރި ނަމަވެސް، އޭނާ އުޅޭ ތަނެއް ނޭނގިގެން މައްސަލަ ނުބޭއްވުނެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ނަމަވެސް، އޭނާ ކޯޓަށް ހާޒިރުވެއްޖެ ނަމަ އަދިވެސް އެ މައްސަލަ ކުރިއަށް ގެންދެވިދާނެ އެވެ.

އަލީ ވަހީދު، އިނގިރޭސި ވިލާތުގައި ހުންނަވައިގެން އޭނާގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން އޭނާ އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ވަނީ އެ ގޮތް ހަމަޖައްސައިދީފަ އެވެ. އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެ އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ ނުބެލޭނެ ކަމަށެވެ. މިހާރު އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ވަނީ ނިންމައިފަ އެވެ.