Roadha Mihaaru
އަލީ ވަހީދުގެ ޕާސްޕޯޓުގެ މައްސަލަ އިސްތިއުނާފު ނުކުރާނެ

ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓު ނުހިފެހެއްޓޭނެ ކަމަށް ކުރި ހުކުމް އިސްތިއުނާފު ނުކުރަން ނިންމައިފި

10 އޮކްޓޯބަރ 2021

ރާއްޖެ އިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓު ހިފެހެއްޓޭނެ ގޮތެއް ނެތް ކަމަށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓުގެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރާއްޖެ އިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓު ހިފެހެއްޓޭނެ ގޮތެއް ނެތް ކަމަށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓުގެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރާ އަލީ ވަހީދު ރާއްޖެ އިން ބޭރަށް ވަޑައިގެން ފިއްލަވާފައިވާ ކަމަށް ބުނެ ޕާސްޕޯޓު ހިފަހައްޓަން ފުލުހުން އެދުމުން، އެފަދަ އަމުރެއް ނެރެނުދޭން ކްރިމިނަލް ކޯޓުން ދެވަނަ ފަހަރަށް ނިންމި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އެ މައްސަލައިގައި ހައި ކޯޓުން ހުކުމް ކުރީ، ރާއްޖެ އިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓު، ޖިނާއީ މައްސަލަތަކާ ގުޅިގެން ޕާސްޕޯޓު ހިފެހެއްޓުމާ ބެހޭ އިޖުރާއަތު ބަޔާންކުރާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ނުހިފެހެއްޓޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "މިހާރު" އަށް މިއަދު ވިދާޅުވީ، ހައި ކޯޓުގެ އެ ހުކުމް އިސްތިއުނާފު ނުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، ގާނޫނީ އެހެން ހައްލުތައް ހޯދަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، ރާއްޖެ އިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓު ހިފެހެއްޓޭނެ ގޮތެއް ނެތްކަން ހުކުމުގައި ފާހަގަ ކުރުމުން، އެ މައްސަލަ ހައްލު ކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ހުށަހެޅުމުގެ ވިސްނުން ޕީޖީ އޮފީހުން ގެންގުޅެ އެވެ. އެކަމަކު، އަދި އެކަމާ މެދު އެއްވެސް ނިންމުމެއް ނިންމައިފައެއް ނެތެވެ

ހައި ކޯޓުގެ ހުކުމުގައި ވަނީ 75 ވަނަ މާއްދާގެ އިބާރާތްތަކަށް ޖުމުލަ ގޮތެއްގައި ބެލުމުން، އެއީ ރާއްޖެ އިން ފިލައިގެން ހިނގައިދާނެ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމާ ބެހޭ މާއްދާއެއްކަން އެނގޭ ކަމަށެވެ. އެކަމަކު، ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅޭ މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން ޖެހޭ ސަބަބުތަކާއި ހެކިތައް ބަޔާންކުރާ އެއްވެސް މާއްދާއެއް ނެތެވެ.

މި މައްސަލަ ހައި ކޯޓުގައި ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން، ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހުސެއިން މަޒީދެވެ. ހުކުމް ކުރީ ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ.

ފުލުހުން އެންމެ ފުރަތަމަ މަސައްކަތްކުރީ އަލީ ވަހީދުގެ ކެންސަލް ކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓު ހިފަހައްޓާށެވެ. އެކަން އެނގުނީ އެ ޕާސްޕޯޓު ނުހިފަހައްޓައިގެން ފުލުހުން ހައި ކޯޓަށް ދިޔުމުން ހައި ކޯޓުން ބެލި މައްސަލައިގަ އެވެ. އެ މައްސަލައިގެ ހުކުމުގައި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ވެސް ވަނީ، ރާއްޖެ އިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓު ހިފެހެއްޓޭނެ ގޮތެއް ރާއްޖޭގެ ގާނޫނުގައި ނެތް ކަމަށެވެ. އެކަމަކު، އެ ރައުޔަށް އަޣުލަބިއްޔަތެއް ނުލިބެ އެވެ.