Roadha Mihaaru
ތައުލީމީ ޖީލެއް ބިނާ ކުރުމުގައި 45 އަހަރުގެ ހިދުމަތް

ތައުލީމީ ޖީލެއް ބިނާ ކުރުމުގައި 45 އަހަރުގެ ހިދުމަތް!

15 އޮކްޓޯބަރ 2021

ތާރީހީ ލިޔުންތަކުން އެނގެނީ މީގެ އެތައް ޒަމާނެއް ކުރިން އެކި ވަސީލަތްތައް މެދުވެރިކޮށް ރާއްޖޭގައި ތައުލީމު ފޯރުކޮށްދިން ކަމެވެ. އެދުރެގެ އާއި އެކި ނަންނަމުގައި ހިންގި ރަށު އަދި އަވަށު މަދަރުސާތަކުގަ އެވެ. ނަމަވެސް ދާއިރާ އަށް އަންނަމުން ދިޔަ ބަދަލުތަކާ އެކު، ތައުލީމު ފޯރުކޮށްދިނުމަށް ސަރުކާރުން އައީ އެކި މަސައްކަތްތައް ކުރަމުންނެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތާރީހީ ލިޔުންތަކުން އެނގެނީ މީގެ އެތައް ޒަމާނެއް ކުރިން އެކި ވަސީލަތްތައް މެދުވެރިކޮށް ރާއްޖޭގައި ތައުލީމު ފޯރުކޮށްދިން ކަމެވެ. އެދުރެގެ އާއި އެކި ނަންނަމުގައި ހިންގި ރަށު އަދި އަވަށު މަދަރުސާތަކުގަ އެވެ. ނަމަވެސް ދާއިރާ އަށް އަންނަމުން ދިޔަ ބަދަލުތަކާ އެކު، ތައުލީމު ފޯރުކޮށްދިނުމަށް ސަރުކާރުން އައީ އެކި މަސައްކަތްތައް ކުރަމުންނެވެ.

އެޑިއުކޭޝަނަލް ޕްރޮޖެކްޓް އޮފީސް (އީޕީއޯ) އުފެދުނީ އެކަމުގެ ތެރޭގަ އެވެ. ރާއްޖޭގައި ނުރަސްމީ ތައުލީމު ދޭން ފެށިތާ މިދިޔަ އާދިއްތަ ދުވަހަށް 45 އަހަރުވީ އެވެ.

ރާއްޖޭގައި ތައުލީމް ކުރިއެރުވުމަށް 1976ގައި، އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން އުފެއްދި އީޕީއޯގެ މައިގަނޑު މަސައްކަތަކީ ޔުނެސްކޯ އާއި ޔޫއެންޑީޕީ އަދި ޔުނިސެފްގެ އެހީގައި ފެށި ރާއްޖޭގައި ކިޔަވައިދިނުމަށް ބޭނުންވާ މަންހަޖު ފަރުމާކުރުމާއި ފޮތްތައް ތައްޔާރުކުރުމާއި ޗާޕްކުރުމެވެ. އޭގެ އިތުރުން ޓީޗަރުން ތަމްރީނުކުރުމާއި ރަށްރަށުގައި ސްކޫލުތައް އިމާރާތްކުރުމާއި އާއްމުން ހޭލުންތެރިކުރުވުމަށް ތައުލީމު ރޭޑިއޯ، ތައުލީމު ޓީވީ، ޖަމާއަތުގެ ތައުލީމާއި ނުރަސްމީ ތައުލީމު ފެށުމަކީ ވެސް އެ އޮފީހުގެ ބޭނުމެވެ.

އެއަށްފަހު، އީޕީއޯގެ މަސައްކަތް އިތުރަށް ފުޅާކުރުމަށްޓަކައި 1979 ވަނަ އަހަރު އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) އުފައްދައި، އީޕީއޯ އުވާލި އެވެ. އަދި ދިވެހި ބަހުން އެ ސެންޓަރަށް ކިޔާނީ "ދިވެހިރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒު" ކަމުގައި 1981 ވަނަ އަހަރު ސަރުކާރުން ހަމަޖެއްސި އެވެ.

އީޑީސީގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ޓީޗަރުން ތަމްރީނުކުރުމުގެ ކަންކަމާއި ހިދުމަތުގައި ތިބޭ ޓީޗަރުންނަށް ތަމްރީނު ދިނުމަށް އަނެއްކާ ވެސް "މުދައްރިސުންގެ ތައުލީމު މަރުކަޒު"ގެ ނަމުގައި 1984 ވަނަ އަހަރު މަރުކަޒެއް އުފެއްދި އެވެ. އޭގެ 14 އަހަރުފަހުން، 1998 ވަނަ އަހަރު "މޯލްޑިވްސް ކޮލެޖު އޮފް ހަޔަ އެޑިއުކޭޝަން" އުފެދުމުން ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް ބަދަލުވި އެވެ.

ފިޝަރީޒް ސައިންސަށް ޓީޗަރުން ތަމްރީނުކުރަން ބޭއްވި ވޯކްޝޮޕެއްގައި ބައިވެރިވި ޓީޗަރުންތަކެއް..-- ފޮޓޯ: އެންއައިއީ އާކައިވް

ފިޝަރީޒް ސައިންސަށް ޓީޗަރުން ތަމްރީނުކުރަން ބޭއްވި ވޯކްޝޮޕެއްގައި ބައިވެރިވި ޓީޗަރުންތަކެއް..-- ފޮޓޯ: އެންއައިއީ އާކައިވް

ނަމަވެސް، ހިދުމަތުގައި ތިބޭ ޓީޗަރުންނަށް ތަމްރީން ދިނުމުގެ މަސައްކަތް އޭގެ ކުޑަދުވަސްކޮޅެއް ފަހުން އެޑިއުކޭޝަން މިނިސްޓްރީ އަށް ބަދަލުކުރުމަށްފަހު، 2003 ވަނަ އަހަރު އެ މަސައްކަތް ރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒަށް ބަދަލުކޮށް، "ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޔުނިޓް" ގާއިމްކުރި އެވެ.

އީޑީސީގައި ކުރަމުންދިޔަ ނުރަސްމީ ތައުލީމުގެ މަސައްކަތް ފުޅާކުރުން މުހިއްމުވުމުން އެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޖެނުއަރީ 1، 1986 ވަނަ އަހަރު "ނުރަސްމީ ތައުލީމުދޭ ބައި" އުފެއްދި އެވެ. އޭގެ އަހަރުތަކެއް ފަހުން އޮކްޓޯބަރު 1، 2002 ވަނަ އަހަރު އެ އޮފީހުގެ ނަން "ސެންޓާ ފޯ ކޮންޓިނިއުއިން އެޑިއުކޭޝަން" (ސީސީއީ) އަށް ބަދަލު ކުރި އެވެ.

ސީސީއީ އޮފީހުގެ މަސްއޫލިއްޔަތުގެ ތެރޭގައި ނުރަސްމީ ތައުލީމު މެދުވެރިކޮށް އާއްމުންނަށް ތައުލީމާއި ހުނަރުވެރިކަން އުނގަންނައިދީ، އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީގައި އާއްމުން ބައިވެރިކުރުމަށް އެހީތެރިވެދިނުން ހިމެނެ އެވެ. ޅަފަތުގެ ތައުލީމާއި ތަރުބިއްޔަތާ ގުޅުންހުރި މަސައްކަތްތައް 2002 ވަނަ އަހަރު ސީސީއީގައި ފެށި އެވެ.

އޭގެ އިތުރުން އީޑީސީގައި ކުރަމުންދިޔަ ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް މަސައްކަތްތައް ވެސް ސީސީއީއިން ކުރާގޮތަށް ނޮވެމްބަރު، 2008 ގައި ބަދަލުކުރުމާ އެކު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ގާއިމުކޮށްފައިވާ ޓީޗާ ރިސޯސް ސެންޓަރުތަކުން ކުރަމުންދިޔަ މަސައްކަތް ވިލަރެސްކޮށް، ބެލެހެއްޓުމަކީ ސީސީއީގެ ޒިންމާއަކަށް ވެގެންދިޔަ އެވެ.

އެންއައިއީ.-- ފޮޓޯ: އެންއައިއީ އާކައިވް

އެންއައިއީ.-- ފޮޓޯ: އެންއައިއީ އާކައިވް

އެ މަސައްކަތްތަކަށް ފަހު، ރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒާއި ސީސީއީ އެއްކޮށްލައި "ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން" ގެ ނަމުގައި އިންސްޓިޓިއުޓު އުފެއްދީ ޑިސެމްބަރު 12، 2012 ގަ އެވެ.

އީޕީއޯ އުފެދުނުއިރު ރަސްމީ މަދަރުސާއަކުން ނުވަތަ ސްކޫލަކުން އެކަށީގެންވާ ތައުލީމެއް ނުލިބޭ ދަރިވަރުންނެއް ތިއްބެވެ. އޭގެ ތެރެއިން ގިނަ ޒުވާނުންނަކީ އެކަށީގެންވާ ގޮތެއްގައި އަޅާލެވިއްޖެނަމަ ގައުމަށް ބޭނުންތެރި ބަޔަކަށް ވެގެންދާނެ ބައެއް ކަމަށް ފާހަގަވި އެވެ. އެއާއެކު، ސްކޫލަށް ދިއުމުގެ ނަސީބު ނުލިބި ތިބި ދަރިވަރުންނަށް ތައުލީމުގެ ފުރުސަތު ހޯދައިދީ، ކަންކަން ފަހިކޮށްދިނުމުގެ މަސައްކަތް ވެގެންދިޔައީ އެންމެ މުހިއްމު އެއް ކަމަށެވެ.

ޕޮޕިއުލޭޝަން އެޑިއުކޭޝަން ތައާރަފުކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: އެންއައިއީ އާކައިވް

ޕޮޕިއުލޭޝަން އެޑިއުކޭޝަން ތައާރަފުކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: އެންއައިއީ އާކައިވް

އެ ކަމުގެ ތެރޭގައި، ތަމްރީނު ލިބިފައިވާ މީހުން މަދު ރަށްރަށަށް އިސްކަންދީގެން، އެ ރަށްރަށުން ކުދިންނާއި ޒުވާނުން މާލެ ގެނެސް ނުރަސްމީ ތައުލީމު ދޭ މަރުކަޒުގައި ވެސް އެ ފަދަ ކްލާސްތައް ހިންގައި ބައިވެރިކުރި އެވެ. އެ ހާއްސަ ކްލާސްތަކުން ތައުލީމު ހާސިލްކުރި ބައެއް ކުދިން ފަހުން ރަސްމީ ތައުލީމާ ގުޅި، އެ ނިޒާމުގެ ތެރެއިން ސްކޫލުގެ ރަސްމީ ކިޔެވުން ނިންމި އެވެ.

ރަސްމީ ތައުލީމުން މަހުރޫމްވެފައި ތިބި ޒުވާނުން މުޖުތަމައުގެ ތަރައްގީއަށް ހިއްސާކޮށްދެވޭނެ ބަޔަކަށް ހެދުމުގެ އަމާޒަށް ވާސިލްވުމަށް މަސައްކަތްކުރި ދެ ވަނަ ގޮތަކީ، އެންއައިއީން ބުނިގޮތުގައި، ތަފާތު މަސައްކަތްތަކެއް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ހިންގުމެވެ. އެ ޕްރޮގްރާމްތައް އަމާޒުކޮށްފައިވަނީ ޒުވާނުންގެ ތެރެއިން މަސައްކަތެއް ދަސްކޮށްގެން އާމްދަނީ ހޯދަން ބޭނުންވާ މީހުންނަށެވެ.

އެ ޕްރޮގްރާމްތަކުގެ އެހީގައި އެކިއެކި މަސައްކަތްތަކަށް ލޯ ހުޅުވި އޭރުގެ ވޮކޭޝަނަލް ޓްރޭނިން ސެންޓަރުން ހިންގި ރޫރަލް ވޮކޭޝަނަލް ސެންޓަރު (އާރުވައިވީޓީސީ) ގެ ކޯސްތަކުގައި ބައިވެރިވެ، އިތުރަށް އެ ހުނަރު ކުރިއެރުވުމަށް ތަފާތު ކޯސްތައް ފުރިހަމަކުރި ޒުވާނުން ތިއްބެވެ.

ފަށާ ތައުލީމުގެ މުގައްރަރު އެކުލަވާލައި ފުރަތަމަ ކިޔަވައިދީފައިވަނީ ރާއްޖޭގެ އެންމެ ފުރަތަމަ ކޮމިއުނިޓީ ސްކޫލު، ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެއްވަނަ ކްލާހުގަ އެވެ. އެ ސްކޫލުގައި ކިޔަވައިދޭން ފެށުމުން 1-5 އާ ހަމައަށް ކިޔަވައިދިނުމަކީ މުހިއްމުކަމެއްކަން ފާހަގަކުރެވި، ޕްރައިމަރީ ތައުލީމުގެ ފަސް އަހަރުގެ މުގައްރަރު ފޮތެއް އެޑިއުކޭޝަން މިނިސްޓްރީން 1980 ވަނަ އަހަރު ތައްޔާރުކުރި އެވެ.

އެއަށްފަހު، އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުން ތައުލީމާއި މެދު މަދަރުސީ ތައުލީމުގެ މުގައްރަރުތައް 1983 ވަނަ އަހަރު އެކުލަވާލައި، ޖެހިގެން އައި އަހަރު އެ މުގައްރަރަށް އަމަލުކުރަން ފަށައި ޒަމާނާ އެއްގޮތަށް ތައުލީމު ފޯރުކޮށްދެމުންދިޔަ އެވެ.