12 ނޮވެމްބަރ 2017
ޓީޗަރުންގެ ބައިނަލްއަގްވާމީ ހަތަރު ވަނަ ކޮންފަރެންސް މިއަދު ފަށައިފި އެވެ.
ޓީޗަރުންގެ ބައިނަލްއަގްވާމީ ހަތަރު ވަނަ ކޮންފަރެންސް މިއަދު ފަށައިފި އެވެ.
ކިޔަވައިދިނުމުގެ ފެންވަރު މަތިކޮށް، ދިމާވާ މައްސަލަތައް ދެނެގަނެ އެ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ބާއްވާ މި ކޮންފަރެންސްގައި 200 އަށް ވުރެ ގިނަ ޓީޗަރުން ބައިވެރިވެ އެވެ.
އެންއައިއީ އިން ބުނީ މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި އިންޑިޔާ އާއި ޕާކިސްތާނާއި މެލޭޝިއާ އަދި އިނގިރޭސި ވިލާތުގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
މި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ އެއީ ރާއްޖޭގެ ތައުލީމީ ދާއިރާގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ވެސް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދެވޭނެ މުހިއްމު މަގެއް ކަމަށެވެ.
މި ކޮންފަރެންސް ކުރިއަށް ގެންދަނީ ކެމްބްރިޖް ޔުނިވަސިޓީ ޕްރެސްއާ ގުޅިގެންނެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާ އަށް އެ ޔުނިވަސިޓީން ވަރަށް މުހިއްމު ހިއްސާއެއް އަދާކޮށްފައި ކަމަށެވެ. އެގޮތުން އާ މަންހަޖު ތައްޔާރު ކުރުމުގައި ވެސް ބޮޑު އެހީތެރިކަމެއް ލިބުނުކަން ފާހަގަކުރެއްވި އެވެ.
ޓީޗަރުންގެ ބައިނަލްއަގުވާމީ ހަތަރު ވަނަ ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައެއް ޓީޗަރުން ބައިވެރިވަނީ .-- ފޮޓޯ: ނިޝާން އަލީ/ މިހާރުު
ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ކޮންމެ މީހެއްގެ ވެސް ޒިންމާ އަކީ، ދަރިވަރުންގެ ކިބައިގައި ހުރި ގާބިލްކަމާއި ހުރި ހުނަރު އިތުރަށް ތަރައްގީ ކުރުން ކަމަށާއި މިފަދަ ކޮންފަރެންސްތަކުން، ޓީޗަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ އެހެނިހެން މީހުން އެ ކަންތައްތަކަށް އެހީތެރިވެދެވޭނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ކިޔަވައިދިނުމުގެ އިތުރުން ސްކޫލުތަކުގައި ދަރިވަރުންގެ ސިއްހަތު ބެލުމާއި ހުނަރުތައް ތަރައްގީ ކުރުމުގައި ވެސް ބޮޑު އެހީތެރިކަމެއް ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ޓީޗަރުންގެ ބައިނަލްއަގުވާމީ ހަތަރު ވަނަ ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރުު
ތައުލީމީ ދާއިރާއަށް އަންނަ ކުރިއެރުންތައް ދައްކުވައިދޭ އެއް ކަމަކީ، 2013 ވަނަ އަހަރު ލެވެލް އިމްތިހާނުގައި ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު 48 ޕަސެންޓުން 70 ޕަސެންޓަށް އިތުރުވުން ކަމަށާއި އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކެމްބްރިޖް ޔުނިވަސިޓީ ޕްރެސްގެ މެނޭޖިން ޑިރެކްޓަރު ރަތްނޭޝް ޖާ ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާ އިން ހޯދަމުން އަންނަނީ މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން ކިޔަވައިދެމުން އަންނަތަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ އެހެން ގައުމުތަކަށް ވެސް މިސާލެއް ކަމަށް ކަން ރަތްނޭޝް ވިދާޅުވި އެވެ.
ޓީޗާސް ކޮންފަރެންސް: ބަދަލުތަކެއް ފެންނާނެ
އެންއައިއީން 80 އަށް ވުރެ ދަރިވަރުން ގްރެޖުއޭޓްވެއްޖެ
250 ބައިވެރިންނާއެކު ޓީޗަރުންގެ ކޮންފަރެންސް ފަށައިފި
ތައުލީމީ ޖީލެއް ބިނާ ކުރުމުގައި 45 އަހަރުގެ ހިދުމަތް
ސްކޫލްތަކުގެ އިސްވެރިންގެ މަހާސިންތާއެއް ބާއްވަނީ
ރަނގަޅު ތައުލީމަށް ފެންވަރު ރަނގަޅު ޓީޗަރުން މުހިއްމު
ލިޓްރެސީއާ ހިސާބު މާއްދާގެ ގައުމީ ޕްލޭން ނެރެފި
ޓީޗަރުންގެ ހާއްސަ އޮންލައިން ޕްލެޓްފޯމް ތައާރަފުކޮށްފި
ޓީޗާސް ކޮންފަރެންސް ކާމިޔާބު: ޝަފީއު
މީމިސްގެ މޮބައިލް އެޕްލިކޭޝަން ލޯންޗުކޮށްފި