Roadha Mihaaru
ސްކޫލްތަކުގެ އިސްވެރިންގެ މަހާސިންތާއެއް ބާއްވަނީ

ސްކޫލްތަކުގެ އިސްވެރިންގެ މަހާސިންތާއެއް ބާއްވަނީ

12 ފެބުރުއަރީ 2019

ސްކޫލްތަކުގެ އިސްވެރިންގެ މަހާސިންތާއެއް ބާއްވަން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ސްކޫލްތަކުގެ އިސްވެރިންގެ މަހާސިންތާއެއް ބާއްވަން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ނިންމައިފި އެވެ.

އަންނަ ހޮނިިހިރު ދުވަހާއި އާދިއްތަ ދުވަހު ދަރުބާރުގޭގައި ކުރިއަށް ގެންދާ މި މަހާސިންތާ ގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ އިސްވެރިންނާއި އެޑިއުކޭޝަން މިނިސްޓްރީގެ ހުރިހާ ޑިޕާޓްމެންޓްތަކުގެ ވެރިން ވެސް ބައިިވެރިވެވަޑައިގަންނަވާނެ އެވެ.

"އިޖްތިމާއީ އަދާލަތު ގާއިމުކުރުމަށްޓަކައި އިންގިލާބީ ހިންގުންތެރިކަން" ނަމުގައި ބާއްވާ މި މަހާސިންތާ އިފްތިތާހު ކޮށްދެއްވާނީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެންއައިއީގެ އެޑިއުކޭޝަން ޑިޕާޓްމެންޓްގެ އޮފިސަރު ކޯޑިނޭޓަރު ޝުހުދާ ރިޒްވާން "މިހާރު" އަށް މިއަދު ވިދާޅުވީ، މަހާސިންތާ ގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ސްކޫލްތަކާ ބެހޭ ތަފާތު ސިޔާސަތުތައް ތަންފީޒު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ކަމަށެވެ. އަދި ތައުލީމީ ދާއިރާ އިން އެކުލަވައިލާ އެހެނިހެން ސިޔާސަތުތަކާ ގުޅޭގޮތުން ޕްރިންސިޕަލުންގެ މަޝްވަރާ އާއި ހިޔާލު ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މަންހަޖާ އެއްގޮތަށް ސްކޫލްތަކުގައި ކިޔަވައި ދިނުމަށް ޕްރިންސިޕަލުން ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަށް ވެސް މި މަހާސިންތާގައި މަޝްވަރާ ކުރާނެ ކަމަށް ޝުހުދާ ވިދާޅުވި އެވެ.

މަންހަޖާ ގުޅޭ ހާއްސަ މަހާސިންތާ އެއް ވެސް މި މަހު ބާއްވަން އެންއައިއީ އިން ވަނީ ނިންމައިފަ އެވެ.

މި މަހުގެ 23 ން 24 އަށް ދަރުބާރުގޭގައި ކުރިއަށް ގެންދާ މަންހަޖާ ގުޅޭ މަހާސިންތާގައި 2015 ވަނަ އަހަރު ތަންފީޒު ކުރެވުނު އާ މަންހަޖާ އެއްގޮތަށް ކިޔަވައި ދިނުމަށް ކުރިމަތިވާ ގޮންޖެހުންތަކާ މެދު މަޝްވަރާ ކުރާނެ އެވެ. ދެ ދުވަހަށް ކުރިއަށް ގެންދާ އެ މަހާސިންތާ ގައި ސްކޫލްތަކުގެ ޕްރިންސިޕަލުންގެ އިތުރުން ޓީޗަރުންނާއި ލީޑިން ޓީޗަރުން ވެސް ބައިވެރިވާނެ އެވެ.

ސްކޫލްތަކުގައި ކިޔަވައިދޭ މަންހަޖު މުރާޖައާ ކުރުމަށް މަހާސިންތާއެއް ބޭއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.