11 އޮކްޓޯބަރ 2021
ކުރީ ސަރުކާރުން، ރ. އުނގޫފާރުގައި އިމާރާތްކުރަން ހަވާލުކުރި އިސްލާމިކް ސެންޓަރުގެ މަސައްކަތް އެއްކޮށް ނިމި ދެ އަހަރުވީ އިރު ވެސް އެތަން ނުހުޅުވާ ހުރެ ހަލާކުވަމުންދާ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.
ކުރީ ސަރުކާރުން، ރ. އުނގޫފާރުގައި އިމާރާތްކުރަން ހަވާލުކުރި އިސްލާމިކް ސެންޓަރުގެ މަސައްކަތް އެއްކޮށް ނިމި ދެ އަހަރުވީ އިރު ވެސް އެތަން ނުހުޅުވާ ހުރެ ހަލާކުވަމުންދާ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.
ބޭނުންނުކޮށް ގިނަ ދުވަސްވެ ތަން ހަލާކުވާން ފެށުމުން، މިސްކިތުގެ މަސައްކަތްކުރި އެސްޖޭ ކޮންސްޓްރަކްޝަނުން ވަނީ މި އަހަރު ކުރީކޮޅު ވެސް އެތަނުގެ މަރާމާތުގެ މަސައްކަތްތަކެއް ކޮށްފަ އެވެ.
އިސްލާމިކް ސެންޓަރު ނުހުޅުވާ ލަސްވާ ސަބަބާ ގުޅޭ ގޮތުން އުނގޫފާރު ކައުންސިލްގެ ނައިބް ރައީސް ޔޫޝައު ނަސީމް އިއްޔެ "މިހާރު" އަށް ވިދާޅުވީ އެ ސެންޓަރަށް ބޭނުންވާ ފަރުނީޗަރު ލިބުން ލަސްވުމާއި އެތަނަށް ކިޔާނެ ނަމެއް ފާސް ނުކުރެވިގެން ހުޅުވުން ލަސްވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
އޭގެ ފަހުން، މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެ ސެންޓަރަށް ކިޔާނެ ނަމެއް ފާސްކޮށްފައިވާ ކަން މިނިސްޓްރީން އެންގި ކަމަށާއި މިހާރު ބައެއް ފަރުނީޗަރު ވެސް ފޮނުވައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އަދިވެސް އެތަން ބަލަހައްޓަން މުވައްޒަފުން ނަގާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"ސެންޓަރު ހުންނަނީ އަތިރިމައްޗާ ކައިރީގައި ވީމާ ލޮނު ބުރުން ކަހަލަ ކަންކަން އެބަވޭ. ބޭރުގައި ހުރި ބައެއް ލައިޓުތައް ވެސް ހުރީ ބިންދައިގެން ގޮސްފައި. ތަޅުތައް ވެސް ހުރީ ހަލާކުވެފައި. ތަން ބަލަހައްޓާނެ މުވައްޒަފެއް ވެސް ނެތީމާ އަޅާނުލާ ދޫކޮށްލެވިފައި އެ ހުންނަނީ،" ޔޫޝައު ވިދާޅުވި އެވެ.
ރ. އުނގޫފާރުގެ ބަނދަރާ ކައިރީގައި ހުންނަ އިސްލާމިކް ސެންޓަރު.
މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް ނުލިބުނެވެ.
އަވަހާރަކޮށްލާފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރަޝީމް އަލީގެ ހަނދާނުގައި އުނގޫފާރުގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރަން އެސްޖޭއާ ހަވާލުކުރީ މާޗު 2، 2017 ގަ އެވެ. ދައުލަތުގެ ބަޖެޓުން 25 މިލިއަން ރުފިޔާ ހަރަދުކޮށްގެން މި ސެންޓަރުގެ މަސައްކަތް ނިންމަން ހަވާލުކުރީ ދޮޅު އަހަރު ދުވަހުގެ ތެރޭގަ އެވެ.
އުނގޫފާރޫގެ އިސްލާމިކް ސެންޓަރަކީ އެއްފަހަރާ 1،000 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ ތަނެކެވެ. އަދި މި ސެންޓަރުގައި 400 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި ކްލާސްރޫމާއި ލައިބްރަރީއެއް ވެސް ހިމެނެ އެވެ.
އިމާމުވެ ތަރާވީހް ނަމާދުކުރާނެ ދިވެހިން ހޯދަނީ
ބަރުބަރީ މިސްކިތް ތިން ބުރިއަށް އިމާރާތްކުރަނީ
ސަލްމާން މިސްކިތުގައި އިސްލާމީ ލައިބްރަރީއެއް ހަދަނީ
12 މިސްކިތެއްގައި ހުކުރު ކުރީ ޒުވާން ހަތީބުން
މާލެ ސަރަހައްދުގެ 25 މިސްކިތެއްގައި އީދު ނަމާދުކުރާނެ
ހުޅުމާލެ 3 ގެ ފުރަތަމަ މިސްކިތް އަޅަން ބިން ދީފި
މާލޭގައި ދަމު ނަމާދުކުރާނީ 32 މިސްކިތެއްގައި
4 މިސްކިތެއްގައި މާދަމާ ހުކުރު ކުރާނީ ޒުވާން ހަތީބުން
ތަރާވީހްގައި ހިފްޒުކުރާނީ 30 މިސްކިތެއްގައި
4 އަހަރަށް ފަހު އައިޖީއެމްއެޗުގެ މިސްކިތް ހުޅުވައިފި