Roadha Mihaaru

ޝެއިހް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރަނީ

މެލޭޝިއާގައި އަވަހާރަވި ދީނީ އިލްމުވެރިޔާ އިބްރާހިމް ފަރީދު އަހުމަދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރަން ހިދުމަތް ޖަމިއްޔާ އިން ނިންމައިފި އެވެ.

ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް އަޅަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

12 ޖޫން 2025

މެލޭޝިއާގައި އަވަހާރަވި ދީނީ އިލްމުވެރިޔާ އިބްރާހިމް ފަރީދު އަހުމަދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރަން ހިދުމަތް ޖަމިއްޔާ އިން ނިންމައިފި އެވެ.

ފަރީދު އަވަހާރަވީ މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް މިދިޔަ ހޯމަ ދުވަހު ވަޑައިގަންނަވަނިކޮށް އެ ގައުމުގެ އެއާޕޯޓުގަ އެވެ. ފްލައިޓުން ފޭބިތަނާ ފަރީދު ވެއްޓި ވަޑައިގަތުމުން އަވަސް ފަރުވާ ދިނެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން އޭނާ ވަނީ އަވަހާރަވެފަ އެވެ.

ދަރުސް ދެއްވުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަސައްކަތް ފަރީދު ކުރެއްވި ހިދުމަތް ޖަމިއްޔާ އިން ފުރަތަމަ ނިންމީ ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށެވެ. އެކަމަށް ބޭނުންވާ ހަތް ލައްކަ ރުފިޔާ، އިއުލާން ކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް ވަނީ ހަމަވެފަ އެވެ.

އެ ޖަމިއްޔާއިން އިއްޔެ ބުނީ ބަންގްލަދޭޝްގައި މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހަމަވި ފަހުން ވެސް ގިނަ އަދަދެއްގެ މީހުން ފަރާތުން ފައިސާގެ އެހީ ލިބެމުންދާތީވެ ރާއްޖޭގައި ވެސް ފަރީދުގެ ހަނދާނީ މިސްކިތެއް ބިނާކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޝެއިހް ފަރީދު: އިއްޔެ މެންދުު ނަމާދަށްފަހު އިއްޔެ ވަނީ މެލޭޝިއާގައި ވަޅުލާފައި--

ޝެއިހް ފަރީދު: އިއްޔެ މެންދުު ނަމާދަށްފަހު އިއްޔެ ވަނީ މެލޭޝިއާގައި ވަޅުލާފައި--

މިސްކިތް އަޅަން އެހީވާން ބޭނުންވާ މީހުންނަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

ފަރީދުގެ ޖަނާޒާ ރާއްޖޭގައި ބާއްވަން އާއިލާ އިން ބޭނުންވިޔަސް ހަށިގަނޑު މެލޭޝިއާ އިން ގެންނަ ނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ ފަހުން އެ ގައުމުގައި ވަޅުލަން ނިންމީ އެވެ. ފަރީދު ވަޅުލީ އިއްޔެ މެންދުރު ނަމާދަށް ފަހުގަ އެވެ.

ޝެއިހް ފަރީދު މެލޭޝިއާގައި ވަޅުލިޔަސް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ ރާއްޖޭގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައި އަންނަ ހުކުރުދުވަހު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ނިންމާފައިވާ ކަމަށެވެ.

ފަރީދަކީ ވަރަށް ގިނައިން ދަރުސްތައް ބޭއްވެވި، ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޝެއިހެކެވެ. އޭނާ ބޭއްވެވި ދަރުސްތަކުގައި ގިނަ ބަޔަކު ބައިވެރިވެ އެވެ. އޭނާއަކީ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އަދި އޮގަސްޓް 12 އަދި 13ގެ ހަރަކާތާ ގުޅިގެން ބަންދުކުރި މީހުންގެ ތެރޭގައި ޝެއިހް ހިމެނިވަޑައިގަންނަވަ އެވެ.

ޝެއިހް ފަރީދު މިނިވަން ބަހުސްގައި ވެސް ބައިވެރިވެވަޑައިގަތެވެ. ޝެއިހް ވަނީ އިސްލާމް ދީނުގައި މަޝްވަރާ ކުރުމާއި ހިޔާލު ފާޅުކުރުމަށް އޮތް މިނިވަންކަމާ ގުޅޭ ގޮތުން ވަކާލާތު ކުރައްވައިފަ އެވެ. އެމްޑީޕީގެ ފުރަތަމަ ދުވަސްވަރު އެ ޕާޓީގެ އިސް މެންބަރެއްގެ ގޮތުގައި ވެސް ފަރީދު ހަރަކާތްތެރިވެ ވަޑައިގަތެވެ. އަދި އެމްޑީޕީގެ އިސްލާމީ ގޮފި، އިސްލާމީ މަޝްވަރާ މަޖިލީހުގައި އިސް ދައުރެއް އަދާކުރެއްވި އެވެ.