Roadha Mihaaru
ސައޫދީގެ އަސީރް ސަރަހައްދީ ޓޫރިޒަމަށް ތަރައްގީކުރަނީ

ޓޫރިޒަމް ހަބެއްގެ ގޮތުގައި ސައޫދީގެ އަސީރް ތަރައްގީކުރަނީ

29 ސެޕްޓެމްބަރ 2021

ސައޫދީ އަރަބިއްޔާގެ ފަރުބަދަމަތީ ސަރަހައްދެއް ކަމަށްވާ އަސީރު ޕްރޮވިންސް، ޓޫރިޒަމް ހަބެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއެއް، އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިފްތިތާހް ކޮށްދެއްވައިފި އެވެ.

ސައޫދީ އަރަބިއްޔާގެ ފަރުބަދަމަތީ ސަރަހައްދެއް ކަމަށްވާ އަސީރު ޕްރޮވިންސް، ޓޫރިޒަމް ހަބެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއެއް، އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިފްތިތާހް ކޮށްދެއްވައިފި އެވެ.

ޔަމަނާ އިންވެގެން ސައުދީ އަރަބިއްޔާގެ ހުޅަނގުދެކުނުގައި އޮންނަ އަސީރު ޕްރޮވިންސް، ޓޫރިޒަމް ހަބެއްގެ ގޮތުގައި ތަރައްގީކުރާނީ 13 ބިލިއަން ޑޮލަރުގެ މަޝްރޫއެއްގެ ގޮތުގަ އެވެ. މި މަޝްރޫއުގެ އަމާޒަކީ، 2030 ވަނަ އަހަރުގެ ނިޔަލަށް، އެސަރަހައްދަށް ސައޫދީގެ އެތެރެއިންނާއި ބޭރުން އަހަރަކު 10 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

"އަރަބި އުސްބިންތައް" ނަމުގައި ތަރައްގީކުރާ ސަރަހައްދުގައި ވިޔަފާރި އާއި ޓޫރިސްޓުންގެ މަންޒިލްތައް ތަރައްގީކުރުމަށް ތަފާތު އިންވެސްޓްމަންޓްތައް އެ ސަރަހައްދަށް ގެންނާނެ އެވެ. އަސީރަކީ ފަރުބަދަތައް ގިނަ ސަރަހައްދަކަށް ވުމުން، ޓޫރިސްޓުން ޝައުގުވެރިކުރުވާނެ މަންޒިލްތައް ތަރައްގީކުރާނީ ފަރުބަދަތަކުގެ އެންމެ މަތީގަ އެވެ.

ސައޫދީ އަރަބިއްޔާގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި، އަސީރު ތަރައްގީކުރާނީ އަހަރުގެ ހުރިހާ މޫސުމެއްގައި ވެސް ޓޫރިސްޓުން ޝައުގުވެރިކަމާއެކު ޒިޔާރަތްކުރެވޭ ފަދަ ތަނެއްގެ ގޮތުގަ އެވެ. އަދި އެ ސަރަހައްދު ތަރައްގީކުރާއިރު، އެ ސަރަހައްދުގެ ސަގާފީ މުއްސަނދިކަމާއި ގުދުރަތީ މުއްސަނދިކަމުގެ ބޭނުން އެންމެ ބޮޑަށް ހިފޭނެ ފަދަ ގޮތަކަށް ރާވާފައިވާ ކަމަށް ވެސް ނޫސް އޭޖެންސީން ބުންޏެވެ.

މި މަޝްރޫއު އިފްތިތާހްކޮށްދެއްވަމުން ސައޫދީ ވަލީ އަހުދު އަދި އިގްތިސާދީ އަދި ތަރައްޤީއާ ބެހޭ މަޖިލީހުގެ ރައީސް މުހައްމަދު ބިން ސަލްމާން ވިދާޅުވީ، އަސީރު ތަރައްގީކުރާ އިރު، އެ ސަރަހައްދުގެ މުއްސަނދި ސަގާފަތާއި ޖިއޮގްރަފީ ސިފަތަކުގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެ ކަމަށެވެ.

ވަލީ އަހުދު ވިދާޅުވި ގޮތުގައި އަސީރު ޕްރޮވިންސަށް ޓޫރިޒަމް އައުމުން، މުޅި އެސަރަހައްދަށް ބޮޑު ކުރިއެރުމެއް އަންނާނެ އެވެ. އެ ސަރަހައްދުގައި ވަޒީފާގެ އިތުރު ފުރުސަތުތައް ތަނަވަސްވެ، އާންމުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، އަސާސީ ހިދުމަތްތައް ވެސް ފެންވަރު މަތިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

އަސީރު ޕްރޮވިންސް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދާނީ، ސައޫދީގެ ތަރައްގީއާ ބެހޭ މައި އިދާރާ އާއި އަސީރު ތަރައްގީ ކުރުމާ ބެހޭ އިދާރާ އާއި އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގުރޫޕު ގުޅިގެންނެވެ. އެ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ރާވާފައިވާ ގޮތް، މިހާރު ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާ ވެސް ހިއްސާ ކޮށްފަ އެވެ.

އާބާދީގައި 2.3 މިލިއަން މީހުން ދިރިއުޅޭ އަސީރު ޕްރޮވިންސްގައި ޓޫރިޒަމް ތަރައްގީކުރާނީ، ސައުދާ ފަރުބަދައިގެ އެންމެ އުސް ހިސާބުގަ އެވެ. އެއީ ކަނޑުގެ ސަތަހަ އިން ފެށިގެން 3،015 މީޓަރު އުހުގައި އޮންނަ ސަރަހައްދެކެވެ. ޓޫރިޒަމަށް ފައްކާކުރަން ކަނޑައަޅާފައިވާ ސަރަހައްދުގެ ބޮޑުމިނަކީ 80 ހާސް އަކަ ކިލޯމީޓަރެވެ.

އަސީރު ޕްރޮވިންސަކީ، އަބްހާ ބައިނަލްއަގްވާމީ ވައިގެ ބަނދަރަކާ އެކު، ދެ ވައިގެ ބަނދަރު އޮންނަ ޕްރޮވިންސެކެވެ. އަދި ދެ ޔުނިވާސިޓީ ވެސް ހިންގާ ސަރަހައްދެކެވެ.

މި މަޝްރޫއުގެ ދަށުން ފަތުރުވެރިކަން ތަރައްގީކުރާ އިރު، އަބްހާގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ވެސް، އަހަރަކު 10 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކުރާނެ އެވެ.