Roadha Mihaaru
ރެޑްސީ ޕްރޮޖެކްޓުން ރާއްޖެއަށް ގެއްލުމެއް ނެތް: ވަހީދު

ރެޑްސީ ޕްރޮޖެކްޓުން ރާއްޖެއަށް ގެއްލުމެއް ނެތް: ޑރ. ވަހީދު

09 އޯގަސްޓް 2020

ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިއުލާނުކުރައްވާފައިވާ ޓޫރިޒަމްގެ ބޮޑު މަޝްރޫއު "ދަ ރެޑް ސީ ޕްރޮޖެކްޓް"ގައި ރާއްޖެ ފަދަ ރަށްތަކެއް ތަރައްގީކުރަމުން އައި ނަމަވެސް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް އެކަމުން ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިއުލާނުކުރައްވާފައިވާ ޓޫރިޒަމްގެ ބޮޑު މަޝްރޫއު "ދަ ރެޑް ސީ ޕްރޮޖެކްޓް"ގައި ރާއްޖެ ފަދަ ރަށްތަކެއް ތަރައްގީކުރަމުން އައި ނަމަވެސް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް އެކަމުން ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރެޑްސީ ޕްރޮޖެކްޓްގައި ހިމެނޭ "އުމްލުޖް"، ސައުދީގެ ބައެއް އާންމުން މިހާރު ސިފަކުރަނީ "ސައުދީ މޯލްޑިވްސް"ގެ ގޮތުގަ އެވެ. ރާއްޖެ އަކީ މެދުއިރުމަތީގެ އަރަބިންގެ މެދުގައި ވެސް ވަރަށް މަގުބޫލުވަމުން އަންނަ މަންޒިލަކަށް ވެފައި، ރާއްޖެ ފަދަ ޓޫރިޒަމަކަށް އަމާޒުކޮށް ހިންގާ މަޝްރޫއުއެއްގައި، ރާއްޖޭގެ ކުރީގެ ރައީސަކު ބައިވެރިވެވަޑައިގަތުމުން، ދިވެހިންނަށް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ލިބިދާނެ އެވެ.

ރެޑް ސީ ޑިވެލޮޕްމަންޓް ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގައި ޑރ. ވަހީދު ހިމެނިވަޑައިގަނެ އެވެ. އެ ކުންފުނީގެ ވެބްސައިޓް ހުޅުވާލާ އިރު ލީޑަޝިޕްގެ ބޭފުޅުންގެ ލިސްޓްގައި، ވަލީ އަހުދު މުހައްމަދާ ޖެހިގެން ހިމެނެނީ ޑރ. ވަހީދެވެ.

"މިހާރު"އާ ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ވިދާޅުވީ ރެޑްސީ ޕްރޮޖެކްޓަކީ ޓޫރިޒަމްގެ މުޅިން ތަފާތު ކޮންސެޕްޓެއް ކަމަށެވެ. އެހެެންކަމުން އެއީ ރާއްޖޭގެ ޓޫރިޒަމް މާކެޓަށް އޮތް ގޮންޖެހުމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ސައުދީގައި "ތަރައްގީ އެކުރަނީ ވަރަށް ބޮޑެތި ރަށްތަކެއް. މާލެއަށް ވުރެ ވެސް އޭގެ [ރަތް ކަނޑުގެ އައްސޭރީގައިވާ ސައުދީގެ ރަށްތައް] ގިނަ ރަށްތައް މާ ބޮޑެތި. އެއިން ކޮންމެ ރަށެއްގައި ތަފާތު ގިނަ ހޮޓާތަކާއި ޝޮޕިން ކޮމްޕްލެކްސްތައް ހުންނަ ގޮތަށް އެ މަޝްރޫއު ހިންގަން އުޅެނީ،" ޑރ. ވަހީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އެހެން އެއްވެސް ގައުމަކުން ނުފެންނަ މުޅިން ތަފާތު ސިފަތަކެއް އެބަ ހުރި ކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ކޮންމެ ރަށަކީ ވަކި ހޮޓަލެއްގެ ގޮތުގައި ހިންގާ ކޮންސެޕްޓަކީ ވެސް ރެޑްސީ ޕްރޮޖެކްޓުން ރާއްޖޭގެ ޑިމާންޑަށް ބަދަލެއް ނާންނާނެ ސަބަބުތައް ކަމަށް ވިދާޅުވި އެވެ.

"އެ ޕްރޮޖެކްޓް ފަށާނީ ވެސް އަދި ތަންކޮޅެއް ފަހުން. ފެށިޔަސް އެއީ ރާއްޖޭގެ މާކެޓަށް ގޮންޖެހުމަކަށް ވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. އެކަމަކު ކޮންމެ ގައުމެއްގައި ހިންގިޔަސް ޓޫރިޒަމްގެ ޕްރޮޖެކްޓެއް ވެއްޖެއްޔާ ބެލެވޭނީ ރާއްޖެއާ ވާދަވެރި ޕްރޮޖެކްޓެއް ކަމަށް،" ޑރ. ވަހީދު ވިދާޅުވި އެވެ.

ރެޑް ސީގެ އައްސޭރީގައި ސައުދީ މީހުންގެ ސަމާލުކަން މިހާރު ލިބެމުން އަންނަ ބައެއް ރަށްތަކުގައި، ރާއްޖެ ފަދަ ގުދުރަތީ ރީތިކަން ވެސް ހިމެނެ އެވެ. އެގޮތުން ހުދު ދޮންވެލިގަނޑާއި ކަނޑު އަޑީގެ މަންޒަރުތަކުން، ރާއްޖެ ސިފަކުރެވޭ ކަމަށް ބައެއް މީހުން ބުނެ އެވެ. އެހެންކަމުން ސައުދީ ބައެއް މީހުން އެ ސަރަހައްދު ސިފަކުރަނީ "ސައުދީ މޯލްޑިވްސް"ގެ ގޮތުގައި ކަމަށް، އަރަބް ނިއުސްގައި އިއްޔެ ޖެހި ރިޕޯޓެއްގައި ވެ އެވެ.

"ސައުދީ މޯލްޑިވްސް"ގެ ގޮތުގައި މަޝްހޫރުވަމުން އަންނަ އުމްލުޖްގެ މޫދުގައި ބަޔަކު ހިނގާފައި ދަނީ

"ސައުދީ މޯލްޑިވްސް"ގެ ގޮތުގައި މަޝްހޫރުވަމުން އަންނަ އުމްލުޖްގެ މޫދުގައި ބަޔަކު ހިނގާފައި ދަނީ

ކޮވިޑް-19 އާ ގުޅިގެން ބޭރަށް ދަތުރުކުރުމުގެ ފުރުސަތު ކުޑަވުމުން ސައުދީގެ އެތައް ބަޔަކު "އުމްލުޖް"ގައި އަންނަނީ ޗުއްޓީ ހޭދަކުރަމުންނެވެ.

އުމްލުޖް ވެސް ހިމެނޭ ގޮތަށް ހިންގާ ޓޫރިޒަމްގެ ބޮޑު މަޝްރޫއު އިއުލާންކުރީ 2017 ގަ އެވެ. އެއީ ސައުދީ އަރަބިއްޔާގެ އިގުތިސާދު ހަމައެކަނި ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެންނަން ވަލީ އަހުދު މުހައްމަދު ގެންގުޅުއްވާ ވިސްނުންފުޅުގެ ބައެކެވެ.

އެ މަޝްރޫއު ހިންގަން އުފެއްދި ދަ ރެޑްސީ ޑިވެލޮޕްމެންޓް ކޮމްޕެނީގެ ސީއީއޯ ޖޯން ޕަގާނޯ އާއި ޑރ. ވަހީދު ފިޔަވައި ދެން ތިއްބެވީ މުޅިން ވެސް ސައުދީ ޝާހީ އާއިލާގެ ބޭފުޅުންނެވެ.