Roadha Mihaaru
ސިދާތުގެ މަރަށް ފަހު ސަނާގެ ފެނިލުން އަންނަ މަހު

ސިދާތުގެ މަރަށް ފަހު ސަނާގެ ފުރަތަމަ ފެނިލުން އަންނަ މަހު ފިލްމަކުން

29 ސެޕްޓެމްބަރ 2021

މި މަހުގެ ކުރީކޮޅު ހާޓްއެޓޭކެއް ޖެހިގެން އެކްޓަރު ސިދާތު ޝުކްލާ މަރުވި ފަހުން، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް އަޑު އަރާފައިވާ ބަތަލާ ޝެހެނާޒް ގިލް (ސަނާ) ގެ ފުރަތަމަ ފެނިލުމެއްގެ ގޮތުގައި އަންނަ މަހު ފިލްމެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ ކުރީކޮޅު ހާޓްއެޓޭކެއް ޖެހިގެން އެކްޓަރު ސިދާތު ޝުކްލާ މަރުވި ފަހުން، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް އަޑު އަރާފައިވާ ބަތަލާ ޝެހެނާޒް ގިލް (ސަނާ) ގެ ފުރަތަމަ ފެނިލުމެއްގެ ގޮތުގައި އަންނަ މަހު ފިލްމެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އަންނަ މަހުގެ 15 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ "ހޯންސްލާ ރަކް" ގެ ޓްރެއިލާ ވެސް ދައްކައިލުމާ އެކު ސަނާ އަށް ތައުރީފުކޮށް، ގިނަ ބަޔަކު އަންނަނީ ޓްވީޓް ވެސް ކުރަމުންނެވެ. ގިނަ ބަޔަކު ޓްވިޓާގައި ބުނެފައިވާ ގޮތުގައި ޓްރެެއިލާ އިން ސަނާ ފެންނަނީ ވަރަށް ވެސް ހިތްގައިމުކޮށް އަދި އެހާމެ އުންމީދީކޮށެވެ.

އެހެންވެ އޭނާ އަކީ ފިލްމީ ދާއިރާގެ "ނެކްސްޓް ބިން ތިންގް" ގެ ގޮތުގައި ވެސް ބައެއް ސިފަކޮށްފައިވެ އެވެ. "ބިގް ބޮސް 13" ގައި ވާދަކުރި އިރު، ވަރަށް ފަލަކޮށް ހުރި ސަނާ މިހާރު އެކްޓިން އަށް ވަރަށް ބޮޑު އިސްކަމެއް ދޭން ފެށުމާ އެކު ހަށިގަނޑު ވަރަށް ބޮޑަށް ހިއްކާލައި ލޫޅާފަތިވެފައިވެ އެވެ. "ބިގް ބޮސް" ގެ ހޯސްޓް ސަލްމާން ޚާން ސިފަކުރާ ގޮތުގައި ޕަންޖާބަށް އުފަން ސަނާ އަކީ "ޕަންޖާބްގެ ކެޓްރީނާ ކައިފް" އެވެ.

"ހޯސްލާ ރަކް" އަކީ ސަނާގެ ފުރަތަމަ ފިލްމެއް ނޫނެވެ. ކުރިން ވެސް އޭނާ ޕަންޖާބީ ތިން ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެކަމަކު އާ ފިލްމު ހާއްސަވާ ސަބަބަކީ "ބިގް ބޮސް 13" އިން ހޯދި މަގްބޫލު ކަމާއި މަޝްހޫރު ކަމާ އެކު އޭނާ ހަށިގަނޑަށް ވެސް ގެނައި ބަދަލާ އެކު ފެންނާނެ ފުރަތަމަ ފިލްމަށްވުމެވެ.

އަމަރްޖީތު ސިންގް ސަރޯން ޑައިރެކްޓް ކޮށްފައިވާ ރޮމޭންޓިކް ކޮމެޑީ "ހޯންސްލާ ރަކް" ގެ ބަތަލަކީ ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެންނަ ފަގުޑި އެޅި ޕަންޖާބީ އެކްޓަރު ދިލްޖީތު ދޮސަންޖެވެ. އަދި މީގެ މުހިއްމު ރޯލަކުން ޕަންޖާބީ ބަތަލާ ސޯނަމް ބަޖްވާ ވެސް ފެނިގެން ދާނެ އެވެ.

ސިދާތުގެ މި މަހުގެ 2 ގައި މަރުވި ފަހުން ސަނާ މަޖާ މިޒާޖު މުޅިން ގެއްލި ހިމޭންވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭނާ އަކީ އަަބަދު ވެސް ވަރަށް މަޖާކޮށް އުޅޭ، އަނގަ ގަދަ އަދި ސަކަރާތް ބޮޑު ފަންނާނެކެވެ. ސިދާތާއި ސަނާ ދިމާވީ "ބިގް ބޮސް 13" އިންނެވެ. ޝޯގެ ތެރެއިން ދެ މީހުންގެ ގުޅުން ބަދަހިވެ، ޝޯގެ ފަހުން އެކީގައި ވީޑިއޯ ލަވަތަކެއް ވެސް ކުޅުނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ސިދާތު، 40، މަރުވީ މި އަހަރުގެ ޑިސެމްބަރުގައި ސަނާ، 28، އާ ކައިވެނި ކުރަން ވެސް ޕްލޭންކޮށްފައި ވަނިކޮށެވެ.