Roadha Mihaaru
ޔޮހާނީގެ އަމާޒު މިހާރު ބޮލީވުޑަށް ދިމާއަށް

"މަނިކެ މަގޭ ހިތޭ" އިން ވިދައިލި ޔޮހާނީގެ އަމާޒު މިހާރު ބޮލީވުޑަށް ދިމާއަށް

28 ސެޕްޓެމްބަރ 2021

ދާދި ފަހުން އެންމެ ބޮޑަށް ވައިގައި ހިފި އެއް ލަވަ އަކީ "މަނިކެ މަގޭ ހިތޭ" އެވެ. މި ކަޑި ދިވެހި އިބާރާތަކާ ވައްތަރު ވިޔަސް މިއީ ސްރީ ލަންކާގެ ލަވައެކެވެ. ލަވަ ކިޔާފައި ވަނީ އަރަމުން އަންނަ އެ ގައުމުގެ ޒުވާން އަންހެން ލަވަކިޔުންތެރިޔާ ޔޮހާނީ ދިލޯކާ ޑި ސިލްވާ 28، އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާދި ފަހުން އެންމެ ބޮޑަށް ވައިގައި ހިފި އެއް ލަވަ އަކީ "މަނިކެ މަގޭ ހިތޭ" އެވެ. މި ކަޑި ދިވެހި އިބާރާތަކާ ވައްތަރު ވިޔަސް މިއީ ސްރީ ލަންކާގެ ލަވައެކެވެ. ލަވަ ކިޔާފައި ވަނީ އަރަމުން އަންނަ އެ ގައުމުގެ ޒުވާން އަންހެން ލަވަކިޔުންތެރިޔާ ޔޮހާނީ ދިލޯކާ ޑި ސިލްވާ 28، އެވެ.

އޭނާގެ "މަނިކެ މަގޭ ހިތޭ" އަށް ލިބުނު ތަރުހީބު ބޮޑުކަމުން، ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ބައެއް ތަރިން ވެސް މި ލަވައިގެ އަވާގައި ޖެހުނެވެ. އޭގެ ތެރޭގައި އަމީތާބް ބައްޗަން އާއި މަދޫރީ ޑިކްސިޓާއި ޕްރިޔަންކާ ޗޯޕްރާ އާއި ދީޕިކާ ޕަދްކޯނާއި ޓައިގާ ޝްރޮފާއި ރިތިކް ރޯޝަން ފަދަ އެތައް ތަރިންނެއް ހިމެނެ އެވެ.

މި ލަވަ ވައިގައި ހިފިލެއް ބޮޑަކަމުން މި ލަވައިގެ އެތައް ވާޝަނެއް މިހާރު އެތައް ބަހުރުވަކުން ނެރެފި އެވެ. ލަވައިގެ ބޮޑު ކާމީޔާބީއާ އެކި ޔޮހާނީ މިހާރު ހުރީ އުފަލުން ގޮސް މެދު އުޑުގަ އެވެ.

އޭނާ ބުނި ގޮތުގައި ލަވަ އަށް ލިބުނު މަގުބޫލު ކަމަކީ ކުރިން އުންމީދު ވެސް ކުރި ވަރުގެ ކަމެއް ނޫނެވެ. އެކަމަކު އިންޓަނޭޝަނަލް މިއުޒިކް ކެރިއަރެއް ބިނާކުރުމުގެ ހުވަފެން ދެކެމުން އަންނަ ފަންނާނަށް މި ލަވަ އަކީ އެ ހުވަފެން ހަގީގަތަކަށް ހަދަން ހުޅުވުނު ފުރުސަތެކެވެ. އޭނާ އަށް މިހާރު އެތައް ހުށަހެޅުމެއް އެތައް ދިމާއަކުން އަންނަނީ ލިބެމުންނެވެ.

އެގޮތުން މި ވަގުތު ޔޮހާނީގެ އަމާޒު އެންމެ ބޮޑަށް ހުއްޓިފައި ވަނީ މުޅި ދުނިޔޭގައި ވެސް މަޝްހޫރު އިންޑިއާގެ ބޮލީވުޑަށެވެ. ޔޮހާނީގެ ހުވަފެނަކީ ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔުމެވެ.

އިންޑިއާގެ މީޑިއާއެއް ކަމަށްވާ ވިއޯން އަށް ދިން އިންޓަވިއުއެއްގައި ޔޮހާނީ ވަނީ އެ ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނި ގޮތުގައި ބޮލީވުޑް ފަންނާނުންތަކެއްގެ ރާޑަރަށް އޭނާގެ ލަވަ އެރުމަކީ ވެސް ވަރަށް ބޮޑު ކާމިޔާބީއެކެވެ.

"އެކަމާ އުފަލުން ގޮސް އަހަންނަކަށް ނޭނގޭ އެކަން ސިފަކޮށްދޭނެ ގޮތެއް ވެސް،" ޔޮހާނީ ބުންޏެވެ.

އޭނާ ބުނީ، މިހާރު އެންމެ ބޮޑު ހުވަފެނަކީ އިންޑިއާގެ ކުޅަދާނަ މިއުޒިޝަން އޭއާރް ރަހްމާނާ އެކު މަސައްކަތް ކުރުން ކަމަށެވެ.

"...އަދި ސޯނޫ ނިގާމާއި އަރިޖިތު ސިންގް އާއި ބާދުޝާ އާއި ޑިވައިން ފަދަ ފަންނާނުންނާ އެކީ މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ހުވަފަނެއް،" ދެހާސް ސޯޅައިން ފެށިގެން މިއުޒިކް ތެރޭގައި އުޅޭ ޔޮހާނީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި "މަނިކެ މަގޭ ހިތޭ" އަށް އިންޑިއާ އިން ލިބުނު ތަރުހީބާ އެކު މިހާރު އެ ގައުމަށް ޓުއާއަކަށް ދިއުމުގެ ވާހަކަ ވެސް އޮތީ ދެއްކެވިފަ އެވެ. އެހެންވެ އޭޭނާގެ ޓީމް ޕެއްޓާ އިފެކްޓް އާއި ތީވްވާ ވޯލްޑްވައިޑް އަންނަނީ އެކަމަށް ތައްޔާރީތައް ވަމުންނެވެ. ޔޮހާނީ މިހާރު ވަނީ އިންޑިއާގެ މިއުޒިކް ލޭބަލެއް ކަމަށްވާ ވިންގްމޭން އިންޑިއާއާ އެކީ ވެސް އެކްސްކްލޫސިވް އެއްބަސްވުމެއް ހަދައިފަ އެވެ.

ޔޮހާނީ ބުނީ، މިއުޒިކް ދާއިރާ އިން އޭނާ އަށް މިހާރު ލިބެމުން އަންނަ ކުރިއެރުންތަކާ ގުޅިގެން އާއިލާ ވެސް އޮތީ ވަރަށް އުފަލުން ކަމަށެވެ.

"އާއިލާއާ އެކު ނެތް މިއުޒިކާ ގުޅުން ހުރި އެއްވެސް މީހަކު. އެކަމަކު މިއުޒިކުން ކުރިއަށް ދާން މިހާރު އެންމެ ބޮޑު ސަޕޯޓެއް ދެނީ އާއިލާ،" ކުރީގެ އަސްކަރީ އޮފިސަރަކާއި ކެބިން ކްރޫއަކަށް ލިބުނު ދެ އަންހެން ކުދިންގެ ތެރެއިން ދޮއްޓަށް ހުރި ޔޮހާނީ ބުންޏެވެ.

އޭނާ ބުނީ މިހާރު ވަރަށް ގިނަ ފޭނުން ފޮލޯކުރާ ފަންނާނަކަށް ވާތީ މިއުޒިޝަނެއްގެ ގޮތުގައި މިހާރު ކޮނޑުގައި އެޅިފައި އޮތް ޒިންމާ ވަރަށް ބޮޑު ކަމަށެވެ. އެހެންވެ ދެން މިއުޒިކް ކެރިއަރު ވަރަށް ވިސްނައިގެން ބައްޓަންކުރަން ކެހޭ ކަމަށް އަމިއްލަ އަށް މިއުޒިކް ހަދައި ލަވަކިޔާ ޔޮހާނީ ބުންޏެވެ.

އޭނާ މިހާރު އަންނަނީ ސިންގަޅަ ބަހުން ނެރޭ ފުރަތަމަ އަލްބަމަށް ތައްޔާރުވަމުންނެވެ. ޖުމުލަ 12 ލަވަ ހިމެނޭ "ކެއްލާ" ގެ ނަން ދީފައިވާ އަލްބަމް މި އަހަރުގެ ޑިސެމްބަރުގެ 9 ގައި ނެރޭނެ އެވެ. އަލްބަމް ކުލަގަދަކޮށް ނެރުމަށް ވަރަށް ބޮޑު ކޮންސަޓެއް ވެސް ބާއްވާނެ ކަމަށް ޔޮހާނީ ބުންޏެވެ.

"މަނިކެ މަގޭ ހިތޭ" އިން އެހުންތެރިންގެ ހިތް ފަތަހަކުރި ފަންނާނު ކުރިން ނެރުނު އޮރިޖިނަލް ލަވަތަކުގެ ތެރޭގައި "އާޔޭ"، "މެރީ ކްރިސްމަސް ބޭބީ" އަދި "ހާލް މައްސާ" ހިމެނެ އެވެ.

ޔޮހާނީ ނެރެން އުޅޭ އަލްބަމަކީ އޭނާގެ ވިދުން ގަދަ ކޮށްދޭނެ އެއްޗަކަށް ވާނެ ކަމުގެ އުންމީދު ވަރަށް ބޮޑެވެ. އަލްބަމަށް އިންތިޒާރުކުރާ މީހުން މިހާރު ބައިވަރެވެ.