Roadha Mihaaru
ގެމަނަފުށީގެ ގިނަ މަސްވެރިންތަކެއް ކޮވިޑަށް ޕޮޒިޓިވް

ގެމަނަފުށީގެ ގިނަ މަސްވެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

26 ސެޕްޓެމްބަރ 2021

ގއ. ގެމަނަފުށީގައި ކޮވިޑްގެ ހާލަތު ގޯސްވާން ފެށިތާ ދެ ހަފުތާވީއިރު، ގިނަ އަދަދެއްގެ މަސްވެރިން އެ ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގއ. ގެމަނަފުށީގައި ކޮވިޑްގެ ހާލަތު ގޯސްވާން ފެށިތާ ދެ ހަފުތާވީއިރު، ގިނަ އަދަދެއްގެ މަސްވެރިން އެ ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ، ބަންދުކޮށްފައި އޮތް ގެމަނަފުށީގައި މިހާރު ވެސް އެ ބަލި ޖެހިފައިވާ 120 މީހަކު ތިބި އިރު، އޭގެ ތެރެއިން 30 އަށް ވުރެ ގިނަ މީހުންނަކީ މަސްވެރިންނެވެ. މިއީ ކޭސްތައް ގިނަވެ، އެ ރަށް ބަންދުކުރި ދެ ވަނަ ފަހަރު ވެސް މެ އެވެ.

މަސްވެރިކަމަށް އެންމެ މަޝްހޫރު އެއް ރަށް، ގެމަނަފުށީގެ ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު "މިހާރު" އަށް މިއަދު ވިދާޅުވީ މި ފަހަރު އެ ރަށުގައި ކޮވިޑް ފެތުރެން ފެށީ މަސްދޯނިތަކުން ކަމަށާއި ކޮންމެ ދޯންޏަކުން 3-4 މީހުންނަށް މިހާރު ވެސް ބަލި ޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ބަލި ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ބިދޭސީންނެވެ. ބަލި ޖެހުނު މީހުން ގިނަވި ނަމަވެސް ރަށުގެ އާންމު ހާލަތު އަދި ރަނގަޅު ކަމަށް ނާޝިދު ވިދާޅުވި އެވެ.

"ގިނަ މަސްވެރިން ތިބީ ފަޅުގައި ދޯނިތައް އަޅައިގެން އެއްގަމަށް ނުފައިބައި. އެ މީހުން ބޭނުމެއް ނުވޭ ރަށަށް ފައިބަން، ރަށު ތެރެއަށް މާ ބޮޑަށް ބަލި ފެތުރިދާނެތީ،" އޭނާ ވިދާޅުވި އެވެ.

"ބަލީގައި ހާލު ބޮޑުވާ މީހުން އަދި ވަރަށް މަދު."

މިިހާރު ކޮވިޑް ކޭސްތައް އެންމެ ގިނައީ މާލެ ސަރަަހައްދު ފިޔަވައި އެހެން ރަށްރަށުގަ އެވެ. އާންމުކޮށް 100-200 ާ ދެމެދުގެ އަދަދެއްގެ މީހުން މިހާރު ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓީވްވެ އެވެ. ނަމަވެސް ބަލީގައި ހާލު ބޮޑުވާ މީހުންގެ އަދަދު ވަރަށް މަދެވެ. މި ދުވަސްވަރު އަރިދަފުސް ރޯގާއި ވައިރަލް ހުން ވެސް ވަރަށް ބޮޑަށް ފެތުރެމުން ދާތީ ސަމާލުވާން ވަނީ އިލްތިމާސްކޮށްފަ އެވެ.