03 ޑިސެމްބަރ 2016
ބާސެލޯނާ (ޑިސެމްބަރު 3) – ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ވަރުގަދަ މެޗަކަށް ނުކުންނައިރު ބާސެލޯނާ އަށް މިއީ މޮޅުވުން މަޖުބޫރު މެޗެކެވެ. މުހިއްމު މެޗާ ކުރިމަތިލާއިރު ހުރިހާ ގޮތަކުން ވެސް އިތުބާރާ އެކު އޮތީ ރެއާލް މެޑްރިޑެވެ.
ބާސެލޯނާ (ޑިސެމްބަރު 3) – ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ވަރުގަދަ މެޗަކަށް ނުކުންނައިރު ބާސެލޯނާ އަށް މިއީ މޮޅުވުން މަޖުބޫރު މެޗެކެވެ. މުހިއްމު މެޗާ ކުރިމަތިލާއިރު ހުރިހާ ގޮތަކުން ވެސް އިތުބާރާ އެކު އޮތީ ރެއާލް މެޑްރިޑެވެ.
ބާސެލޯނާގެ ސްޓޭޑިއަމުގައި ކުޅޭ އެލް-ކްލެސިކޯ މެޗާ ކުރިމަތިލާއިރު ރެއާލް އޮތީ 33 ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގައި އެވެ. ބާސެލޯނާ އޮތީ 27 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. މިރޭގެ މެޗުން ރެއާލް މޮޅުވެއްޖެ ނަމަ އެ ޓީމަށް ބާސެލޯނާގެ މައްޗަށް ނުވަ ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ. އެހެންކަމުން ބާސެލޯނާ އަށް މިއީ މަރުގެ މެޗެކެވެ. ރެއާލް އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް މޮޅުވެފައިވާއިރު ބާސެލޯނާގެ ފޯމް ވަނީ ދަށްވެފަ އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް އެއްވަރުވެފައިވީ ނަމަވެސް ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭ ބުނީ އަދިވެސް އޭނާގެ ޓީމަކީ ފޭވަރިޓް ކަމަށެވެ.
"މަތީ ފަންތީގައި ވަރުގަދަ ޓީމުތަކެއް އެބައޮތް. އެކަމަކު އެއްވެސް ޓީމެއް އަހަރެމެންނަށް ވުރެ ތަފާތެއް ނޫން. އެހެންވެ އަހަންނަށް އުއްމީދު ލިބެނީ. މި ޓީމު ޕްރެކްޓިސް ކުރާތަނާއި މެޗުތައް ފެނުމުން އަހަންނަށް ޔަގީންކަން އޮވޭ ކާމިޔާބު ލިބޭނެކަމުގެ،" އެންރިކޭ ބުންޏެވެ.
މުހިއްމު މެޗާ ކުރިމަތިލާއިރު ބާސެލޯނާ އަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކެޕްޓަން އަދި ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ ފިޓްވެފައިވުމެވެ. ފަހަކަށް އައިސް ބާސެލޯނާ އަށް މިޑްފީލްޑުގެ މައްސަލަ ދިމާވެފައިވަނިކޮށް އިނިއެސްޓާ އެނބުރި އައުމަކީ އެންރިކޭ އަށް ޓީމު ރޭވުމަށް ލިބޭ ބޮޑު ފަސޭހައެކެވެ.
"އިނިއެސްޓާ އަކީ އަހަރެމެންގެ ކެޕްޓަން. އޭނާ އަކީ ބާސެލޯނާގެ ކުޅޭ ސްޓައިލަށް ޓީމު އޮޕަރޭޓްކުރުމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ،" އެންރިކޭ ބުންޏެވެ.
ބާސެލޯނާގެ ތުރުކީ މިޑްފީލްޑަރު އާޑާ ޓުރާން ބުނީ ބާސެލޯނާގެ އަސްލު ފޯމުގައި ކުޅެފި ނަމަ އެ ޓީމު ހުއްޓުވޭނެ ޓީމެއް ނޯންނާނެ ކަމަށާއި މިރޭގެ މެޗުން މޮޅުވާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކަމަށެވެ.
ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ އޭނާ ބޭނުންވަނީ މިދިޔަ އޭޕްރިލް މަހު ބާސެލޯނާ އަތުން 2-1 އިން މޮޅުވި މެޗަށް ވުރެ ބޮޑަށް، އެތުލެޓިކޯ މެޑްރިޑް އަތުން ދެ ހަފުތާ ކުރިން 3-0 އިން މޮޅުވި މެޗުގައި ކުޅުނު ގޮތަށް މިރޭ ކުޅެން ކަމަށެވެ.
"މިދިޔަ ފަހަރު ވެސް ބާސެލޯނާއާ ދެކޮޅަށް ކުޅެން ތައްޔާރުވި ގޮތަށް މި ފަހަރު ވެސް ތައްޔާރުވާން ޖެހޭ. ސަބަބަކީ އަހަރެމެން ރަނގަޅު ފޯމެއްގައި އޮތަސް މި މެޗުގައި ފޭވަރިޓެއް ނޯންނާނެތީ. ދެ ޓީމަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް. މިދިޔަ ސީޒަނުގައި ވެސް ވިސްނުން ބެހެއްޓި ގޮތަށް މި ފަހަރު ވެސް ވިސްނަން ޖެހޭނީ. އެކަމަކު ކުޅެން ބޭނުންވަނީ މިހާރު މި ކުޅޭ ސްޓައިލަށް،" ޒިދާން ބުންޏެވެ.
ޒިދާން ބުނީ ބާސެލޯނާގެ ކުޅުން ދިރާސާކުރި ކަމަށާއި އެ ޓީމުގައި ދަށް ޑިޕާޓްމަންޓެއް ނެތް ކަމަށާއި އެއީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ.
"އަހަރެން މި އުއްމީދުކުރަނީ ވަރަށް އުނދަގޫ މެޗަކަށް ވާނެ ކަމަށް. އަހަރެން ނުވިސްނަން މޮޅަކާ މެދު ނުވަތަ ބަލިވެދާނެ ކަމަށް. ވިސްނަނީ މޮޅަށް ކުޅެން. އެހިސާބުން ނަތީޖާ އަންނާނެ ރަނގަޅަށް. އެތުލެޓިކޯ މެޑްރިޑް މެޗަކީ އޭގެ މިސާލެއް. ބާސެލޯނާ ވެސް މިފަދަ މުހިއްމު މެޗުތަކުގައި މޮޅަށް ކުޅޭނެ،" ޒިދާން ބުންޏެވެ.
މި ދެ ޓީމު ބައްދަލުކުރާ އެލް-ކްލެސިކޯ މެޗުތަކަކީ ދުނިޔޭގެ ކްލަބް ފުޓްބޯޅައިގައި އެންމެ ސަމާލުކަން ލިބޭ މެޗުުތަކެވެ. މިރޭގެ މެޗު ޓީވީ މެދުވެރިކޮށް 650 މިލިއަން މީހުން ބަލާނެ ކަމަށް ބެލެވެ އެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 8:15 ގަ އެވެ.
ރެއާލް ބަލިކޮށް ބާސެލޯނާ 6 ޕޮއިންޓުގެ ލީޑެއްގައި
ބާސެލޯނާ އަތުން ރެއާލް މުހިއްމު މޮޅެއް ހޯދައިފި
ޕްރެޝަރު އޮތީ ރެއާލަށް، ބާސާއަކަށް ނޫން: ސެޓިއެން
ބާސާ-ރެއާލް އެއްވަރު، ދަނޑު ބޭރުގައި ހަމަނުޖެހުން
މެސީ ރުޅިއަރުވާލީ ލޮނުހެޔޮވަރު ކޮށްލަން: މޮރީނިއޯ
މެޑްރިޑް ބަލިކޮށް ބާސާ 10 ޕޮއިންޓުގެ ލީޑެއް ނަގައިފި
ބާސެލޯނާ ފޯމުގައި، ރެއާލް ބަދަލުހިފުމަކަށް
ސުއަރޭޒްގެ ހެޓްރިކާއެކު ބާސެލޯނާ އިން ރެއާލް ބަލިކޮށްފި
މިއަދުގެ މެޗަށް ރޮނާލްޑޯ ފިޓް: ޒިދާން
ރެއާލް ބަލިކުރެވުނަސް ލީގު ޔަގީނެއް ނުވާނެ: ވަލްވޭޑޭ