Roadha Mihaaru
ރެއާލް ބަލިކުރެވުނަސް ލީގު ޔަގީނެއް ނުވާނެ: ވަލްވޭޑޭ

ރެއާލް ބަލިކުރެވުނަސް ބާސެލޯނާ އަށް ލީގު ޔަގީނެއް ނުވާނެ: ވަލްވޭޑޭ

22 ޑިސެމްބަރ 2017

ބާސެލޯނާ (ޑިސެމްބަރު 22) - ސްޕެނިޝް ލީގުގައި މާދަމާ ހަވީރު ރެއާލް މެޑްރިޑް އަތުން މޮޅުވެވުނަސް ބާސެލޯނާ އަށް ލީގު ކަށަވަރުވީ ކަމަށް ގަބޫލުނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާސެލޯނާ (ޑިސެމްބަރު 22) - ސްޕެނިޝް ލީގުގައި މާދަމާ ހަވީރު ރެއާލް މެޑްރިޑް އަތުން މޮޅުވެވުނަސް ބާސެލޯނާ އަށް ލީގު ކަށަވަރުވީ ކަމަށް ގަބޫލުނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

ލީގުގެ އެއް ވަނައިގައި ބާސެލޯނާ 16 މެޗުން 42 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 16 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ. ލީގުގެ ހަތަރު ވަނައިގައި އޮތް ރެއާލާ، ބާސެލޯނާއާ ދެމެދު 11 ޕޮއިންޓުގެ ފަރަގު އެބައޮތެވެ. ރެއާލް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 31 ޕޮއިންޓެވެ. މާދަމާ ބާސެލޯނާ މޮޅުވެއްޖެނަމަ މި ދެ ޓީމުގެ ފަރަގު 14 ޕޮއިންޓަށް ބޮޑުވާނެ އެވެ.

"ޑިސެމްބަރު މަހުގައި ލީގުގައި ވާނެ ގޮތެއް ކަނޑައެޅުމަކީ ފުޓްބޯޅައިގެ އަސްލުގައި ވިސްނާއިރު ރަނގަޅު ގޮތެއް ނޫން. ހާލަތު ބަދަލުވާނެ ގޮތެއް ބުނަން ނޭނގޭނެ. މި ވަގުތު އަހަރެމެން ރަނގަޅު ފޯމެއްގައި އޮތަސް އަދި މި މެޗުން ރެއާލް އަތުން މޮޅުވިޔަސް އަހަރެމެންނަށް ލީގު ޔަގީނެއް ނުވާނެ،" ވަލްވޭޑޭ ބުންޏެވެ.

އޭނާ ބުނީ ބާސެލޯނާގެ ވިސްނުމަކީ އަބަދުވެސް ސީޒަނެއްގައި އެ ޓީމުން ވާދަކުރާ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުން ކަމަށާއި އެކަން ހާސިލްވަންދެން އެ ޓީމުން އިސްކަންދޭނީ އަބަދުވެސް އެއިރެއްގައި ކުރިއަށް އޮތް މެޗަށް އެކަނި ކަމަށެވެ.

މި ސީޒަނުގައި ބާސެލޯނާ އަށް 100 މިލިއަން ޔޫރޯ އަށް ބޮރޫޝިއާ ޑޯޓްމަންޑުން ގެނައި ފްރާންސްގެ ވިންގް އޮސްމާނޭ ޑެމްބޭލޭ އަންނަނީ އަނިޔާއިން ރަނގަޅުވެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. އެހެން ނަމަވެސް އޭނާ ކްލަސިކޯ މެޗުގައި ބޭނުން ނުކުރާނެ ކަމަށް ވަލްވޭޑޭ ވަނީ ބުނެފަ އެވެ.

"އަހަރެމެން ޑެމްބޭލޭ ބޭނުންކުރަން ހެދި ޕްލޭން ބަދަލެއް ނުކުރަން. އޭނާ ކުޅުމަށް އެނބުރި އަންނާނީ ޖެނުއަރީގައި. މި މެޗުގައި އޭނާ ބޭނުން ކުރުމަކީ ރިސްކެއް. މި ދަނޑިވަޅަކީ ސީޒަނުގައި ކުރިއަށް މުހިއްމު މެޗުތައް ހުއްޓައި އަހަރެމެން ކުޅުންތެރިން ރިސްކު ކުރުވަންވީ ވަގުތެއް ނޫން. އެ އަށް ވުރެ ސަމާލުވެގެން ނިންމުންތައް ނިންމަންޖެހޭނީ،" ކުރިން އެތުލެޓިކް ބިލްބާއޯ އަށް ކޯޗުކޮށްދިން ވަލްވޭޑޭ ބުންޏެވެ.

މި ސީޒަނުގައި މިހާތަނަށް ވަލްވޭޑޭގެ ކޯޗުކަމުގައި ބާސެލޯނާ އަދި ލީގުގައި ބައްޔެއް ނުވެ އެވެ. ރެއާލް މެޗުގައި ވެސް އެކަން ދެމެހެއްޓުމަކީ އެއް ޓާގެޓް ކަމަށް ވަލްވޭޑޭ ވަނީ ބުނެފަ އެވެ.

ބާސެލޯނާ އާއި ރެއާލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މާދަމާ ހަވީރު 5 ޖަހާއިރު އެވެ.